ކަންނެލި

ކަނޑުމައްޗަށް އެއްވެ ޔޫނިއަން އުފައްދައި ބޮޑުކަންނެލީ މަސްވެރީން ސައިޒު ދައްކާލައިފި

ކަނޑުމައްޗަށް އެއްވެ، ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ އިފްތިތާހީ ޖަލްސާ ބާއްވައިފި އެވެ.

އެ ޔޫނިއަން އުފައްދަން އިފްތިތާހީ ޖަލްސާ ބާއްވާފައިވަނީ ގުޅިފަޅުތެރޭގައި މިއަދު ހެނދުނު އެވެ. އެ ޖަލްސާގައި ކަންނެލި މަސްވެރިކަން ކުރާ 70 އަށްވުރެ ގިނަ ދޯނި ބައިވެރިވެފައިވެ އެވެ.

މި ޖަލްސާގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މައުރޫފު ވިދާޅުވި ކޮންމެ އިންތިހާބަކާ ދިމާކޮށް މަސްވެރިންނަށް އެތައް ހުވަފެންތަކެއް ދައްކާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ހުވަފެނެއްގައި ކުލަޖެހޭތަނެއް ނުފެންނަ ކަމަށެވެ. އަދި މަސްވެރިންނަކީ ކޮންމެ އިންތިހާބެއްގައި ވޯޓުލާން ބޭނުންކޮށްލާ ބައެއް ކަމަށް ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަމުން، ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އަދި ކަންނެލި މަސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ އިމްރާން މުހައްމަދު ބުނީ، މިއަދު ބޮޑު ކަންނެލީގެ މަސްވެރިން އުޅެން މަޖުބޫރުވެފައިވަނީ މަސް ގަންނަ ކުންފުނިތަކުން ކަނޑައަޅާ އަގެއްގައި މަސް ވިއްކައިގެން ކަމަށެވެ. އަދި އެއީ ބޮޑު ކަންނެލި މަސްވެރިން އުޅެން ޖެހޭ ހާލެއް ނޫން ކަމަށާއި އެކަމާ މަސްވެރިން ތިބީ ހިތްހަމަނުޖެހިފައި ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ބުނީ، ކޮވިޑުގެ ހާލަތުގައި ފަތުރުވެރިކަން ހުއްޓި، މުޅި ގައުމު ފުރަބަންދު ކުރަން ޖެހުމުން ވެސް މާކަނޑުތަކަށް ނުކުމެ ހުއްޓުމެއް ނެތި މަސައްކަތްކުރި ބަޔަކީ މަސްވެރިން ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ދިމާވި އިގްތިސޯދީ ދަތިތަކުން ގައުމު ސަލާމަތް ކޮށްދިނީ ވެސް އެ މަސްވެރިން ކުރި މަސައްކަތުން ކަމަށް ބުންޏެވެ.

ޖަލްސާގައި ވާހަކަދެއްކި ބައެއް ކެޔޮޅުން ވަނީ، ކަންނެލި ކިލޯއެއްގެ އަގު 25 ރުފިޔާގައި ކޮންޓްރޯލް ކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބާޒާރުގައި އަގުތައް މަތިވަމުންދާ ވަރަކަށް މަސް ގަންނަ އަގު މަތި ނުވާތީ އެކަމާ ވެސް މަސްވެރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.