މަސް ގަންނަ އަމިއްލަ ފަރާތްތަކުގެ ދައުރުވެސް ފުޅާކޮށް ގޮތްތަކެއް ހޯދައިދޭނެ ކަމަށް އިކޮނިމޮކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިފްކޯއިން މަސް ގަންނަ އަގު މިއަދުން ފެށިގެން 25 ރުފިޔާއަށް ބޮޑުކުރަން ސަރުކާރުން ރޭ ވަނީ ނިންމައިފަ އެވެ. މި ނިންމުމާ ގުޅިގެން އެންސިސް ފިޝަރީޒް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެންސިސްގެ މެނޭޖިން ޑައިރެކްޓަރު، އަބްދުލް ވާހިދު "ވަން" އަށް މިއަދު ވިދާޅުވީ މަސްވެރީން އަތުން 25 ރުފިޔާއަށް މަސް ގަނެގެން ވިއްކާން ޖެހޭނީ ގެއްލުމުގައި ކަމަށެވެ. އެކަން އެ ގޮތަށް ނުކުރެވޭނެ ކަމަށެވެ. އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ، ލިބޭ ގެއްލުމުގެ ބަދަލު ސަރުކާރުން ދިނުން ކަމަށް ވެސް ވާހިދު ވިދާޅުވިއެވެ.
"ދާދި ފަހުން 17 ރުފިޔާއަށް ބޮޑު ކުރީމަ ވެސް މިފްކޯއަށް ގެއްލުން ވާތީ ސަރުކާރުން ދައުލަތުގެ ބަޖެޓުގައި ޖަހައިގެން އެތައް މިލިއަން ރުފިޔާއެއް މިފްކޯއަށް އެބަ ދޭ. އެހެންވީމާ މި ލިބޭ ގެއްލުން ސަރުކާރުން ފޫބައްދައި ނުދޭނަމަ އަޅުގަނޑުމެނަކަށް މަހެއް ނުގަނެވޭނެ. އަޅުގަނޑުމެން ޖެހޭނީ ފެކްޓަރީ ބަންދުކުރަން." ވާހިދު ވިދާޅުވި އެވެ.
މި ކަމާ ގުޅޭ ގޮތުން "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު ފައްޔާޒް މިއަދު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން މި ސިނާއަތުގައި ފުޅާކޮށް، އެމީހުނަށް ފައިދާވާނެ އިތުރު ގޮތްތައް ހޯދައިދިނުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެމީހުންގެ ޝާމިލުވުން މި އިންޑަސްޓްރީގަ ބޮޑުކޮށް، ހިމާޔަތްކޮށްދީ، ފުރުސަތުތައް ފުޅާކޮށްދެވޭނެ ގޮތްތަކަކީ ކޮބައިތޯ ސަރުކާރުން މި އަންނަނީ ބަލަމުން. އެ މީހުނަށްވެސް ސަރުކާރުން ގޮތްތަކެއް ހޯދައިދޭނެ." ފައްޔާޒް ވަން އަށް ވިދާޅުވި އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، މަހުގެ އަގު ބޮޑުކުރަން ނިންމީ އެއީ ވަރަށް ގިނަ މަސްވެރީންގެ އެދުމަކަށް ވާތީ އާއި، އީޔޫއަށް ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީވެސް ކަނޑާލަން ނިންމާފައިވާ ކަމުގެ ފެހި ސިގުނަލް ލިބިފައިވާތީ އެވެ.
ސަރުކާރުގެ މަސް ކުންފުނިން މަސް ގަންނަ އަގު ބޮޑުކުރަން ނިންމި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރޭގެ ވަގުތެއްގައި ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ކެޔޮޅުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި 50 އަށްވުރެ ގިނަ ކެޔޮޅުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުން އޮތީ މާލޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު