ރާއްޖޭގެ ތަފާތު ބާވަތްތަކުގެ މަސްވެރިކަން ކުރާ މަސްވެރިންގެ މެދުގައި ސަރުކާރުން ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި، މަސްވެރިންނަށް މިހާރަށްވުރެ ހެޔޮ އަގުގައި ޑީސަލް ލިބޭނެގޮތް ހަމަޖައްސައިދިނުމަށް ރާއްޖޭގެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުކަންނެލީގެ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ތަސައްލީ ނުލިބި ދިގުލައިގެން ގޮސްފައިވާ ކަމަށާއި އެ ސިނާއަތުގެ މަސްވެރިކަން ހަލާކަށް ދާން ސަރުކާރުން ގަސްތުގައި ބީރު ކަންފަތެއް ދިނުމަކީ އެޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ތަކުރާރުކޮށް މި ޖަމިއްޔާ އުފެދުނީއްސުރެ އެކި ބާވަތްތަކުގެ މަސްވެރިންގެ މެދުގައި ތަފާތު ނުުކުރުމަށް މި އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް މަސްވެރިކަމުގެ ވުޒާރާއިން މިކަމަށް ދެނީ ބީރު ކަންފަތެއް ކަމުގައި ދަންނަވަމެވެ." އެ ބަޔާނުގައިވެ އެވެ.

އެ ޖަމިއްޔާއިން ބުނީ މަސްވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑިސަލާއި ތަކެތީގެ އަގު ބޮޑުުވުން ކަމަށެވެ. އެގޮތުން ފިއުލް ސަޕްލައި މޯލްޑިވްސް އިން ޑީސަލް ލީޓަރެއް ވިއްކަނީ 20.02ރ އަށް ކަމަށާއި ނަމަވެސް ރާއްޖޭގެ ދެކުނާއި އުތުރުގެ މަސްވެރިންނަށް ފެލިވަރު އަދި ކޫއްޑޫ އިން ޑީސަލް ވިއްކަނީ 16.84ރ އަށް ލީޓަރެއްގެ ރޭޓުން ކަމަށް ބުންޏެވެ.

ބޮޑުކަންނެލީގެ މަސްވެރިންނަކީ އަބަދުވެސް މާލެ ސަރަހައްދަށް މަސްކިރައި، ތެލާއި ކޮއްތު އަދި ބޯފެންވެސް އާއްމުކޮށް މާލެ ސަރަހައްދުން އަރުވައިގެން މަސްވެރިކަން ކުރާ ބައެއް ކަމަށާއި ނަމަވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މަސްވެރިންނަށް ވިއްކާ އަގުގައި މާލެ ސަަރަހައްދުން ޑީސަލް ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ދެކުނާއި އުތުރުގެ މަސްވެރިންނެކޭ އެއްފަދައިން މެދު ރާއްޖެތެރެއާއި މާލެ ސަރަހައްދުން 16.84ރ ނުވަތަ އެންމެހާ މަސްވެރިންނަށް މިހާރަށްވުރެ ހެޔޮ އަގުގައި ޑީސަލް ގަންނަން ލިބޭނެ އިންތިޒާމްތައް މިހިނދުން މިހިނދަށް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލަމެވެ." އެ ޖަމިއްޔާއިން ބުންޏެވެ.