ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތައިލުމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު މިަކަމަށް ގޮވައިލެއްވީ، ވޯލްޑް ޕްރެސް ފްރީޑަމް ކޮންފަރެންސް 2020 ގެ ހަވާސާގައި ބޭއްވި ނޫސްވެރިންގެ ރައްކާތެރިކަމާ ބެހޭ ވަށްމޭޒު ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ތަފާތު ހިޔާލުތަކާއި ގިނަ ފިކުރުތަކުގެ ސަބަބުން އެކަހެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން މުޖުތަމައުތައް ގުޅުވައިލަދީ ބަދަހި ކުރުމަށް މުހިންމު ދައުރެއް އަދާ ކުރާކަމަށެވެ. މިނިވަން ނޫސްވެރިކަމުން ސަރުކާރުތައް ޒިންމާދާރުކޮށް، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް ކުރިމަތިވާ ނުރައްކާތަކާމެދު ކަންބޮޑުވުން ޝާހިދު ފާޅުކުރެއްވިއެވެ. ހަމައެއާއެކު، ކޮވިޑް 19ގެ ސަބަބުން ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކާ ކުޑަކުރުމަށްވެސް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތާރީހަށް އަލިއަޅުއްވާލައްވައި، 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތައިލެއްވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އަބުރު ރައްކާތެރިކުރުމާ ހިޔާލުފާޅުކުރުމުގެ ގާނޫނު އުވާލުމާއި، މަރާލެވިފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން އެކުލަވާލުމާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އަލުން މެންބަރުން އައްޔަން ކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ ތާރީހުގެ ކޮންމެ ހިސާބެއްގައިވެސް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސި ހައްގެއް ގޮތުގައި ކަނޑައެޅިފައިވާ ކަމެއްކަމަށާއި މިއަދު މި ހައްގުގެ ދިފާއުގައި އަޅުގަނޑުމެން އެއްވެތިބި ތިބުމުން ރަމްޒުކޮށްދެނީ އިންސާނީ މުޖްތަމައަށް ކުރިމަތިވާ މިފަދަ ކޮންމެ މައްސަލެއްގެ ހައްލު ހޯދެން އޮތީ އެކުވެރިކަމާއި މަޝްވަރާގެ އުސޫލުންކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ނެދަލެންޑްސްގެ ހާރިޖީ ވަޒީރު ސްޓެފް ބްލޮކް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާ ބެހޭ "ދަ ހޭގް ކޮމިޓްމަންޓް" ވަނީ ނެރެފައެވެ.