އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިގޮތަށް ވިދާޅުވެފައި މިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
ނައިބު ރައީސް ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ އިތުރުން މީހުން ބިނާކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި އެހެންކަމުން އޭއޭއޭގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކޯސް އަވަސް ފުރުސަތެއްގައި ނިންމޭނެ އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށެވެ.
އެ މަރުކަޒުގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވާކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ދަރިވަރުން ކުރަން ޖެހިފައިވާ ހޭދަ އިތުރުވެގެން ގޮސްފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން، މިއީ ވީ އެންމެ އަވަސް ފުރުސަތެއްގައި ހައްލު ބޭނުންވެފައިވާ މުހިންމު މައްސަލައެއް. އެ މަރުކަޒާއެކު މަޝްވަރާކޮށް، އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް އެދެން،" ނައިބު ރައީސް ވިދާޅުވިއެވެ.
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން ވަކިކުރާ މައްސަލަ މި ފަހުން ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން މިހާތަނަށް 15 ދަރިވަރަކު ވަކިކުރުމަށް ވަނީ އީމެއިލް ފޮނުވައިފައެވެ. އޭގެ ކުރިން ވެސް ހަތަރު ދަރިވަރަކު ވަކިކުރަން ސިޓީ ފޮނުވާފައިވަނިކޮށް، ވަކިކުރަން ނިންމި ނިންމުން ބަދަލުކުރަން މިނިސްޓަރު ނަހުލާ އެ ސްކޫލަށް ވަނީ އަންގަވައިފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ނަހުލާ މީގެ ކުރިން ވިދާޅުވީ އައްޑޫގައި ގާއިމުކޮށްފައިވާ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ކުދިންނާ މެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ވިދާޅުވީ ކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކުރެވެމުން އަންނަ ވަގުތެއްގައި ކިޔަވާ ކުދިންނާ މެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލުވެފައިވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުއަޅާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު