ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ވާޗުއަލްކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ކެނެޑާ، ނޯވޭ، ސްވިޓްޒަލެންޑް އަދި ތުރުކީން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ އިތުރުން އޮސްޓްރޭލިއާ އަދި ނިއުޒިލެންޑުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ ނައިބުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދާ ސަފީރުން ވަނީ ކޮވިޑް 19އާ ގުޅޭގޮތުންނާއި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ސަފީރުން ވަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް އެގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއި، އެބޭފުޅުންގެ ތަޖުރިބާ، މިނިސްޓަރާ ހިއްސާކުރައްވައިފައެވެ.

މިއަދުގެ މި ބައްދަލުވުމަކީ ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މިނިސްޓަރު ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މި ސިލްސިލާގެ ދަށުން މީގެ ކުރިންވެސް އެކި ސަރަހައްދުތަކުގެ ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު މިނިސްޓަރު ޝާހިދު ވަނީ ވާޗުއަލް ބައްދަލުވުންތައް ބާއްވަވައި، މަޝްވަރާތައް ކުރައްވައިފައެވެ.