ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޖުމްލަ 34 ޝަކުވާއެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

ޝިއުނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ދެއްވި ހިތޯބެއްގަ އެވެ.

ޝިއުނާ ވިދާޅުވީ، ސިއްހީ ނިޒާމަށް އެކަށީގެން ނުވާ މިންވަރަށް މުޖުތަމައުގެ އާންމު ހާލަތު ގޮސްދާނެކަމުގެ ބިރު ހީވެފައިވާ މިފަދަ ދަނޑިވަޅެއްގައި ވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ކޮރަޕްޝަނުގެ ހާލަތު އިތުރުށް ގޯސްވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސިއްހީ ދާއިރާއަށް ބިލިއަނުން އިންވެސްޓްމަންޓްތައް ކުރަމުންގެންދާއިރު، ހާލަތުގެ ގޮތުން އިމަޖެންސީ ޕްރޮކިއުމެންޓް މަރުހަލާއެއް ކުރިމަތިވުމަކީ ކޮރަޕްޝަނަށް ހުޅުވިގެންދާ އިތުރު ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މި ބަލިމަޑުކަމުގެ ދުވަސްވަރާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ހިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޖުމްލަ 34 ޝަކުވާއެއް އޭސީސީއަށް ހުށަހެޅިފައި ވެއެވެ. ސިއްހީ ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ ވިސްނުމަކީ، މިފަދަ ހާލަތެއްގެ ނަޖާއިޒު ފައިދާ ނަގައި، ނުހައްގު މުއްސަނދިކަމެއް ހޯދުންކަމަށް ދެކޭނަމަ، ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެކަން އެފަރާތްތަކުން ވެސް ހަނދާންކުރަންޖެއެވެ." ޝިއުނާގެ ހިތާބުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭސީސީގެ އަމާޒަކީ ރައްޔިތުންގެ ފައިސާއިން ނަޖާއިޒު މަންފާ ހޯދާ ފަރާތްތަކާމެދު މަގާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއްނެތި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވައި ގާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅުން ކަމަށެވެ. އަދި އެކަންކަން ކުރިއަށްދިއުމުގެ ހިތްވަރު ލިބިގެންދާނީ ރައްޔިތުންގެ ފަރާތުން ލިބިގެންދާ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރު ކުރީކޮޅު ބާއްވަން ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވައި ޝިއުނާ ވިދާޅުވީ، ލޯކަލް ކައުންސިލްގެ އިންތިހާބަކީ ލާމަރުކަޒީ އުސޫލުން ގައުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ރައްޔިތުންނަށް ވަރަށް މުހިންމު އިންތިހާބަކަށްވާއިރު، މިފަދަ މުހިންމު އިންތިހާބެއްގައި އިންތިހާބީ ހައްގު އަދާކުރުމުގައި ނަޒާހަތްތެރިކަމާއެކު އެ ހައްގު އަދާކުރަންޖެހޭ ކަމަށެވެ.

ނަމަވެސް، ރައްޔިތުންގެ މަންދޫބުން އައްޔަންކުރުމަށްޓަކައި ވޯޓު ދިނުމުގެ އަސާސީ ހައްގުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ފެންނަމުން ނުދަނީ ކީއްވެގެންކަމާމެދު ވިސްނާ މީހުން ވަރަށް މަދު ކަމަށެވެ. ވޯޓު ދިނުމުގައި ރިޝްވަތުގެ ހުތުރު އަމަލުތަކަށް ހުށަހެޅިގެންދާ ދިއުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ރައްޔިތުންގެ މަންދޫބުން އައްޔަންކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ބޭނުމަކީ ވޯޓު ވިއްކުމަށް ދެވޭ ލައިސެންސެއް ނޫން ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ.