ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.

ރޭ ބޭއްވި ހަފްލާއެއްގައި ބޭންކަށް 15، 20، 25 އަދި 35 އަހަރު ހިދުމަތްކޮށްފައިވާ 33 މުވައްޒަފަކަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.

އޭގެ ތެރެއިން 35 އަހަރު ބޭންކަށް ހިދުމަތްކޮށްދީފައިވާ މުހައްމަދު އަހުމަދު، ހެޑް އޮފް ޕްރޮކިއުމަންޓް އަދި ހަސަން ޝާމް، ހެޑް އޮފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އަށް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.

މީގެ އިތުރުން ބޭންކަށް 25 އަހަރު ހިދުމަތްކޮށްދީފައިވާ އަބްދުﷲ ސައީދު (ސީނިއާ ޕެރަލީގަލް) އަދި ހަނީމާ ނަސީމް (ގަމު ބްރާންޗް .މެނޭޖަރު) އަށް ވެސް ވަނީ އެވޯޑް ދީފަ އެވެ.

މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ ފާއިތުވި ދިގު މުއްދަތުގައި ހީވާގިކަމާއެކު ބުރަ މަސައްކަތް ކޮށްދެއްވި ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"މި ބޭންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ތިޔަބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެކަން ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފާއިތުވި 35 އަހަރުގައި ބޭންކުގައި އެހާމެ މުހިންމު ދައުރެއް އަދާ ކޮށްދެއްވާފައިވާ މުހައްމަދު އަދި ޝާމް އަށް ހާއްސަ ޝުކުރެއް އަދާކުރަން،" ސޯޔާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ ބީއެމްއެލްގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. އަދި ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހުލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.