ރިޕޯޓް

އަންވަރު: އެތައް ތަނަކަށް ދަތުރުކޮށް ރީތި މަންޒަރުތައް އިޝްތިހާރުކުރުމުގައި، އެންމެ ދާހިތްވަނީ ކައިޒީންއާ އެކު

އަލީ ޔާމިން

2

އެކި މީހުން ޝައުގުވެރިވާނީ އެކި ކަންކަން ކުރުމަށެވެ. ބައެއް މީހުންނަކީ، އެކަނިވެރި ދިރިއުޅުމަކަށް ލޯބިކުރާ މީހުން ކަމަށްވާއިރު، އަނެއް ބައި މީހުންނަކީ ދުނިޔޭގެ އެކި މަންޒިލަށް ދަތުރުކުރުމާއި، ހަނދާނެއްގެ ގޮތުގައި ނަގާ ފޮޓޯ އާއި ވީޑިއޯތަކުން ހިތް އުފާކުރާ މީހުންނެވެ. އެގޮތުން ރ. އިނގުރައިދުއަށް އުފަން އުމުރުން 23 އަހަރުގެ ހުސައިން އަންވަރަކީ ދަތުރުކުރުމުގެ ރޫހު ކަށީގައި ހަރުލާފައިވާ ޒުވާނެކެވެ. އަންވަރު އޭނާގެ ހުވަފެންތަކުގައި ކުލަޖައްސަމުން އަންނަނީ ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރުކޮށްގެނެވެ.

ރަށު ސްކޫލުން އޯލެވެލް ނިންމުމަށް ފަހު މާލެ ބަދަލުވެ، އާމްދަނީ ހޯދުމަށް ޒުވާން އުމުރުގައި މަސައްކަތް ފަށައިގަތް އަންވަރަކީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގައި މަސައްކަތް ކުރަމުން އަންނަ ހީވާގި ޒުވާނެކެވެ. އަންވަރަކީ ބިޒްނަސް މެނޭޖުމަންޓްގެ ދާއިރާއިން ބެޗެލާސް ހަދާފައިވާ ތައުލީމީ ޒުވާނެވެ. އަންވަރުގެ އުންމީދަކީ އަދިވެސް އިތުރަށް ކިޔެވުމެވެ.

ދަތުރުކުރުމަށް ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟

އަންވަރު ބުނި ގޮތުގައި ސުކޫލުގައި އުޅުނު އިރު އޭނާ އެންމެ ވާން ބޭނުންވީ ކެބިން ކުރޫއަކަށެވެ. ނަމަވެސް މަތީ ތައުލީމަށް ކިޔަވަން ފެށި ފަހުން ހިޔާލު ބަދަލުވެ ދަތުރުކުރުމަށް ލޯބި ޖެހުނީ ކަމަށް އަންވަރު ބުންޏެވެ. ސްކޫލުގައި އުޅުނު އިރުވެސް ފެރީގައި ކައިރި ރަށްރަށަށް ގޮސް އެރަށްރަށުގެ ހިތްގައިމު މަންޒަރުތައް ބަލާ އެރަށްރަށް "އެކްސްޕްލޯ" ކުރުމަކީ އޭނާ ޝައުގުވެރިކަމާއެކުގައި ކުރި ކަމެކެވެ. އެއިރުވެސް އުންމީދަކީ ގާދޫކޮލުން ބޭރަށް ނުކުމެ، ދުނިޔޭގެ ރީތި މަންޒިލްތަކުގައި އުދުހިލުން ކަމުގައި އަންވަރު ބުންޏެވެ.

"އަސްލު އެންމެ ކުޑައިރުއްސުރެވެސް ވަރަށް ޝައުގުވެރިކަން ހުރޭ ޓްރެވެލް ކުރަން. ދެން ފަހުން ބޭނުންވި ކެބިން ކުރޫއަކަށްވާން. ނަމަވެސް ބޭނުންވީ ޓްރެވެލިން އަކީ ޕެޝަނެއްގެ ގޮތުގައި ކުރަން. ކެބިން ކުރޫއެއްގެ ގޮތުގައި ހުރެ ޓްރެވެލް ކުރުމަކީ އުނދަގޫ ކަމެއް. އެއީ އާންމު ގޮތެއްގައި ކެބިން ކުރޫއިންގެ މަސައްކަތް ބުރަވެފައި ލީވް ލިބުމުގައި އުނދަގޫތަކެއް ހުރީމަ" އަންވަރު "ވަން" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ރާއްޖެއިން ބޭރަށް ފުރަތަމަ ދަތުރުކުރީ 17 އަހަރުގައި، މިހާރު 13 ގައުމެއްގެ 50 ވުރެ ގިނަ މަންޒިލަށް ދަތުރުކޮށްފި!

އަންވަރު ބުނި ގޮތުގައި އޭނާ ރާއްޖެއިން ބޭރަށް އެންމެ ފުރަތަމަ ދަތުރުކުރީ އުމުރުން 17 އަހަރުގައެވެ. އާއިލާއަށްވެސް ނޭނގި ރަށްޓެއްސެއްގެ އެހީތެރިކަމާއެކު އަންވަރު އެންމެ ފުރަތަމަ ދަތުރުގައި ދިޔައީ އަވަށްޓެރި ސްރީލަންކާއަށެވެ. އެއިރު އަންވަރަށް ލަންކާ ފަދަ ބޮޑު ގައުމެއްގައި އުޅެން އެއްވެސް ވަރަކަށް ފަރިތައެއް ނޫނެވެ. ކުޑަމިނުން ލަންކާއިން ސިމް ކާޑެއް ނަގާނެ ގޮތެއްވެސް އަންވަރަކަށް އެއިރަކު ނޭނގެއެވެ.

"ހަނދާނުން ނުފޮހެވޭނެ ދަތުރެއް އެއީ. ނަސީބެއް ރައްޓެއްސަކު އެކުގައި ދިޔަކަން. އެހެން ނޫންނަމަ ނޭނގެ އުޅެން ޖެހޭނީ ކޮން ހާލެއްގައި ކަމެއްވެސް" އަންވަރު ބުންޏެވެ.

އަންވަރު ލަންކާއަށް ކުރި ދަތުރުވެގެން ދިޔައީ ބޭރުގެ ގައުމުތަކަށް ދަތުރުކުރުމަށް އޭނާގެ ހިތުގައި އޮތް ލޯބި އިތުރުވި ދަތުރަކަށެވެ. ނަމަވެސް މާލީ ބައެއް ގޮންޖެހުންތަކާ ހުރެ ފުރަތަމަ ކޮޅުގައި އަންވަރަށް މާގިނަ ގައުމުތަކަށް ދަތުރު ކުރެވޭ ގޮތް ނުވިއެވެ. ނަމަވެސް އަމިއްލަ މަސައްކަތުންނާއި ވަޒީފާ އަދާކޮށްގެން ލިބޭ އާމްދަނީ ބޭނުންކޮށްގެން އަންވަރު ވަނީ އުމުރުން 25 އަހަރު ފުރުމުގެ ކުރިން 50 ގައުމަށް ދަތުރުކުރުމަށް އޭނާ ދެކެމުން އަންނަ ހުވަފެނުގައި ކުލަ ޖެއްސުމަށް ކަމަރު ބަނދެލާފައެވެ. އެގޮތުން މިހާތަނަށް އައިއިރު އަންވަރު ވަނީ 13 ގައުމަކަށް ދަތުރުކޮށްފައެވެ.

"ވަރަށް ބޮޑަށް ބަލަން އެއްފަހަރު ދާ ތަނަކަށް އަނެއް ފަހަރު ނުދާން. ދިޔަސް އެއް މަންޒިލަކަށް ނުގޮސް ވޭތޯ ވަރަށް ބަލަން. ހުންނާނެ ބައެއް ގައުމުތަކަށް ތަކުރާރުކޮށް ވަރަށް ގިނައިން ދެވިފައި. އެގޮތުން މެލޭއަށްވެސް ގާތްގަނޑަކަށް 15 ފަހަރު އަދި އިންޑޮނޭޝިއާއަށްވެސް ހަތް ވަރަކަށް ފަހު ދެވިއްޖެ. ހަމަ އެގޮތަށް ތައިލެންޑަށްވެސް ވާނީ އެކި ފަހަރު މަތިން ގޮސްފައި. މިވީ މުއްދަތުގައި 13 ގައުމެއްގެ 50 ވުރެ ގިނަ މަންޒިލަށް ހުންނާނީ ދެވިފައި" ދަތުރުކުރުމުގައި އަންވަރުގެ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.

އެންމެ ދާހިތްވަނީ ސެންޓޮރީނީއަށް، ދާން ބޭނުމީ ކައިޒީންއާއެކު!

މިހާރުވެސް 13 ގައުމަކަށް ދަތުރުކޮށްފައިވާ ޒުވާން އަންވަރު ބުނި ގޮތުގައި އޭނާ އެންމެ ދާހިތްވަނީ ގްރީސްގެ ފަރުބަދަމަތީ ރަށެއްކަމަށްވާ ސެންޓޮރީނީއަށްކަމަށެވެ. އެއީ އެތަނުގެ އާކިޓެކްޗާއާއި އިމާރާތްތައް ބަލާލުމަށެވެ.

"ސެންޓޮރީނީއަކީ ގަދީމީ ތަންތަން ގިނަ ރަށެއް. އެތަނުގެ އިމާރާތްތައްވެސް ހުންނާނީ ވަރަށް އެއްގޮތްކޮށް ހަދާފައި. އެހެންވެ، އެތަނުގެ އިމާރާތްތަކާއި، ފަންނުވެރިކަން ހަމަލޮލުން ބަލައިލަން ވަރަށް ބޭނުން" ސެންޓޮރީނީ ގަޔާވާ ސަބަބުތައް ކިޔައިދެމުން އަންވަރު ބުންޏެވެ.

ރާއްޖޭގެ ސެލެބްރިޓީއަކާ އެކުގައި ދަތުރުކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ، ހިޔާރުކުރާނީ އިންސްޓްގްރާމްގައި މަޝްހޫރު މޮޑެލް ކައިޒީން ކަމަށް އަންވަރު ބުންޏެވެ. އެއީ ކައިޒީންއަކީ އެންމެންވެސް ދަންނަ ޓްރެވެލް އިންޑަސްޓްރީއަށްވެސް އާ މޫނަކަށް ނުވާތީ ކަމަށް އަންވަރު ބުންޏެވެ.

"ރާއްޖޭގެ އެންމެ ފޭން ބޭސް ބޮޑު އެއް ސެލެބްރިޓީއަކީ ކައިޒީން. އަންވަރު ގަބޫލު ކުރާ ގޮތުގައި ކައިޒީން ފަދަ ފޮލޯވަރުން ގިނަ މީހަކާއެކު ދަތުރުކޮށްލަން ލިބުމަކީ މަޖާކަމަކަށް ވާނެ. އެއީ ކައިޒީން ފަދަ ވެލް ނޯން މީހަކު ދަތުރުކުރާ މަންޒިލްތައް ބަލަން އެތައް ބަޔަކު ބޭނުންވާނެ" އަންވަރު ބުންޏެވެ.

އަންވަރު ބުނީ، ރާއްޖެއިން ބޭރުން ބަޔަކު އިހްތިޔާރުކުރަން ޖެހިއްޖެނަމަ ކުރާނީ އޭނާގެ ޓްރެވަލް އިންސްޕިރޭޝަންކަމަށްވާ މަރީ އާއި ޖޭކް ކަމަށެވެ.

އަމާޒަކީ ދަތުރުކުރުމަކީވެސް އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ހެދުން

އަންވަރު ބުނި ގޮތުގައި އޭނާ ދަތުރުކުރާއިރު އެންމެ ބޮޑަށް ބަލަނީ ދިވެހިންގެ މެދުގައި އެހާ މަގުބޫލު ނޫން މަންޒިލްތަކަށް ދިއުމަށެވެ. އަދި ތަފާތު ސަގާފަތްތައް އޮންނަ ތަންތަނަށް ގޮސް އެތަންތަނުގެ އާދަކާދަތައް ލޮލުންދެކެ އަތުން ހިފައިލުމަކީވެސް އަންވަރު ޝައުގުވެރިވާ ކަމެކެވެ. ދުނިޔޭގެ ރީތި އެތައް މަންޒިލަކަށް ދަތުރުކޮށްފައިވާ އަންވަރު ވަނީ އޭނާ ދަތުރުކުރާ މަންޒިލްތަކުގެ ފޮޓޯއާއި ވީޑިއޯ އޭނާގެ އިންސްޓްގްރާމް ޕޭޖު "މޯލްޑިވޯ ޓްރެވެލާ" އަށް ދޫކޮށްލައިފައެވެ. ތޭރަ ހާހަށް ވުރެ ގިނަ ފޮލޯވަރުން ތިބި އެޕޭޖަށް އަންވަރު ވަނީ ހިތްގައިމު އެތައް މަންޒަރެއް ދޫކޮށްލައިފައެވެ. އަންވަރު ބުނި ގޮތުގައި ދަތުރުކުރުމަކީ އާމްދަނީ ހޯދިދާނެ ކަމެކެވެ. އެގޮތުން މިހާރުވެސް ބައެއް ތަންތަނުން ހިލޭ ހުރުން ލިބޭ ކަމަށް އޭނާ ބުންޏެވެ.

"ބައެއް ތަންތަނަށް ރިވިއު ލިޔެދީގެންނާއި ފޮޓޯ ނަގާފައި ދީގެންނާއި އެނޫންވެސް ގޮތްގޮތުން ބޮޑު އެކްސްޕެންސެއް އެބަ ސަލާމަތްވޭ. ރަނގަޅު ކޮންޓެންޓެއް އުފެއްދި، ރަނގަޅު އޯޑިއަންސެއް އޮތިއްޔާ މިއީވެސް އާމްދަނީ ލިބޭނެކަމެއް" ދަތުރުކުރުން އާމްދަނީ ހޯދުމާއި ގުޅުވައިގެން އަންވަރު ބުންޏެވެ.

ދަތުރުކުރުމަށް ބޭނުންވާ ޒުވާނުންނަށް އެކަމުގެ މަގުކޮށައިދީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންވަރު މިހާރު އަންނަނީ "މޯލްޑިވޯ ޓްރެވެލާ" ނަމުގައި ވެބްސައިޓެއް ލޯންޗު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ވެބްސައިޓު މެދުވެރިކޮށް އެނާ މިހާތަނަށް ދަތުރުކޮށްފައިވާ މަންޒިލްތަކުގެ މައުލޫމާތާއި އެތަންތަނަށް ދަތުރުކުރުމުގައި ހުރި ލުއި ގޮތްތަކުގެ އިތުރުން ޓިކެޓު ނެގުމަށް ހުރި ލުއި ގޮތްތައް ކިޔުންތެރިންނަށް އެނގިގެންދާނެ ކަމަށް އަންވަރު ބުންޏެވެ. އަންވަރުގެ އަމާޒަކީ އެ ވެބްސައިޓު އާ އަހަރާ ދިމާކޮށް ލޯންޗު ކުރުމެވެ.

އަންވަރުގެ ބޭނުންވަނީ ހަމައެކަނި ބޭރުގެ މަންޒިލްތައް ޕްރޮމޯޓުކުރާކަށް ނޫނެވެ. ރާއްޖޭގެ ހިތްގައިމު މަންޒަރުތަައް ބޭރު ދުނިޔެއަށް ދައްކައިދީ، ބޭރު މީހުންގެ ޝައުގު ރާއްޖެއަށް އުފެއްދުމަކީވެސް އަންވަރުގެ އަމާޒެކެވެ. ހާއްސަކޮށް ބަޖެޓް ޓްރެވެލިންގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމަކީ އަންވަރު ކުރަން ބޭނުންވާ ކަމެކެވެ.

"މިއަހަރު މި ނިމިގެންދަނީ އެއްވެސް ތަނަކަށް ދަތުރު ނުކުރެވި. އެހެންވެ ކަރަންޓީނަށް ލުޔެއް ދިންހާ އަވަހަށް ނިންމައިގެން މިހުރީ އަތޮޅުތެރޭގެ ރަށްރަށަށް ގޮސް އެރަށްރަށުގެ ރީތި މަންޒަރުތައް ނަގައި ބޭރު ދުނިޔެއަށް ދައްކައިލުމަށް. ރާއްޖޭގެ ރީތި ދޮންވެލި ތުނޑިތަކާއި ނަލަ ވިލުތަކާއި ފަރުތައް އެބަހުރި. ގިނަ ބަޔަކަށް ރާއްޖެ އެނގިފަ މި އޮންނަނީ އަގުބޮޑު މަންޒިލެއްގެ ގޮތުގަ. އަގުބޮޑު ރިސޯޓުތައް އާންމު ގޮތެއްގައި ޕްރޮމޯޓް މިކުރެވެނީވެސް. ނަމަވެސް ރާއްޖެއަށްވެސް ބަޖެޓް ޓްރެވެލް ކުރެވިދާނެ. ހަރަދު ކުޑަކޮށްވެސް ރާއްޖޭގެ ހިތްގައިމުކަން ބަލައިލެވިދާނެ. އެކަން ކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން މި އަންނަނީ" ބަޖެޓް ޓްރެވެލިންގެ ގޮތުގައި ރާއްޖެ ޕްރޮމޯޓު ކުރުމާ ބެހޭ ގޮތުން އަންވަރު ބުންޏެވެ.

އެންމެ 17 އަހަރުގައި ރާއްޖެއިން ބޭރަށް ދަތުރުކުރަން ފެށި އަންވަރު ބުނި ގޮތުގައި އުންމީދަކާއެކު ކަމެއް ކުރަން އުޅެފިނަމަ އެކަން ކުރެވޭނެއެވެ. އަންވަރު ބޭނުންވަނީ ދަތުރުކުރުމަކީ ހަރަދުބޮޑުކަމެއްގެ ގޮތުގައި ގިނަ ބަޔަކަށް ވިސްނިފައި އޮންނަ އޮތުން ބަދަލު ކުރާށެވެ. އަދި ދަތުރުކުރުމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ އިތުރުން އާމްދަނީ ލިބޭނެ މަގަކަށް ދަތުރުކުރުން ހެދުމަށެވެ. "ވަން" އިން އެދެނީ އަންވަރަށް ފުރިހަމަ ކާމިޔާބީއަށެވެ.!