މިމަހުގެ 14 އިން ފެށިގެން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަދީފިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތައް މިމަހުގެ 14 އިން ފެށިގެން ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓާތަކަށް އަންނަ ފަތުރުވެރިންނަށް ވެސް ރާއްޖެ އެތެރެވެވޭނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާއަކާއެކު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތައް ހުޅުވަން ހުއްދަ ދީފައިވާ އިރު، އެހެން ސަރަހައްދުތަކުގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދީފައިވަނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 135 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. މީގެ އިތުރުން ފަސް ހޮޓެލެއް ހުޅުވުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.
ގެސްޓްހައުސްތައް އޮޕަރޭޓް ކުރާ ރަށްރަށުގައި ފަތުރުވެރިންނާއި އާންމުން ހިމެނޭ ގޮތަށް އެންމެން މާސްކު އެޅުން އެޗްޕީއޭ އިން ވަނީ މަޖުބޫރުކޮށްފައެވެ.
އޭގެ އިތުރުން އާބާދީގެ ނިސްބަތަށް ބަލައި ގެސްޓްހައުސްތައް ހުޅުވާ ރަށްރަށުގައި އައިސޮލޭޝަން ފެސިލިޓީ އާއި ކަރަންޓީން ފެސިލިޓީ ގާއިމުކުރަން ޖެހެއެވެ. ކޮންމެ ގެސްޓްހައުސްއަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމުކުރަން ޖެހޭއިރު އައިސޮލޭޝަނަށް ހާއްސަ ކޮޓަރިތަކެއް ވެސް ހުންނަން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު