ކޮންމެ އަހަރަކުވެސް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާ މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ.

އެމްއެމްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ އިނާމު 2019ގެ ކޮމިޓީގެ މުގައްރިރު އަހުމަދު އަމީން މުހައްމަދު ވިދާޅުވީ މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑް މާދަމާ ރޭ އޮންނާނެ ކަމަށާއި އެވޯޑް ހަފުލާ އޮންނާނީ ޕީއެސްއެމްގެ މަލްޓި ޕާޕޯސް ހޯލްގައި ކަމަށެވެ.

އަމީން ވިދާޅުވީ އިނާމު ދިނުމުގެ ހަފުލާ ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފައިވާ ކަމަށާއި ހަފުލާ ކުރިއަށްދާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

ކޮވިޑާ ގުޅިގެން ރައްޔިތުން ތަކްލީފުތައް އުފުލަން ޖެހުނު ވަގުތުގައިވެސް ރައްޔިތުންނާ ހަމައަށް ތަޒާ ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް ރާއްޖޭގެ ނޫސްވެރިން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް އަމީން ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖެއަށް ދިމާވި އިގުތިސޯދީ މި ދަތިތަކާއެކު މީޑިއާތަކަށްވެސް މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވީއިރުވެސް މެދުކެނޑުމެއްނެތި ރައްޔިތުންގެ ހިދުމަތުގައި ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންވެސް އިނާމު ދިނުމުގެ ހަފުލާ މިއަހަރު މެދުކަނޑާނުލައި ކުރިއަށްގެންދިއުމަށް މި ކައުންސިލުން ވަނީ ނިންމާފައި،" އަމީން ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ވީޑިއޯ މެސެޖެއް ވެސް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ 11 ދާއިރާއަށް 80 ފަރާތަކުން ނަން ހުށަހަޅައިފައިވެއެވެ.

  • ތަޙްގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާނަލިޒަމް)ގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަމުގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްގީގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ސިޔާސީ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ޝަރުއީ އަދި ގާނޫނީ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ވިޔަފާރިއާއި އިގްތިސޯދު - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ވިޔަފާރި އާއި އިގްތިސޯދު - ބްރޯޑްކާސްޓިން ކެޓެގަރީ
  • ކުޅިވަރުގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ފީޗާގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ފީޗާގެ ދާއިރާ - ބްރޯޑްކާސްޓިންގ ކެޓެގަރީ
  • ފޮޓޯ ޖާނަލިޒަމް - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ވީޑިއޯ ޖާނަލިޒަމް - ބްރޯޑްކާސްޓިން ކެޓެގަރީ
  • އެންމެ އުންމީދީ ނޫސްވެރިޔާ

އަމީން ވިދާޅުވީ ބައެއް ކެޓަގަރީތަކަށް ހުށަހަޅާފައިވާ ލިޔުންތަކަށް އެކަށީގެންވާ މާކްސް ލިބިފައިނުވާތީ، އެ ދާއިރާތަކަށް އެވޯޑް ނުދޭން ނިންމާފައިވާ ކަމަށެވެ. އަދި ބައެއް ދާއިރާތަކަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ދާއިރާތަކަކީ ބްރޯޑްކާސްޓިން ކެޓެގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއާ އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ސިޔާސީ ދާއިރާގެ އިތުރުން ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއެވެ.

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ ނުވަ ދާއިރާއަކުންނެވެ.