ކޮވިޑް-19އާ ގުޅިގެން ދިމާވި ގިނަ ގޮންޖެހުންތަކާއެކު ވެސް މިހާރު މިވަނީ ރާއްޖޭގެ އޭވިއޭޝަން ސިނާއަތުގެ ހަރަކާތްތަކުގެ ރިކަވަރީ މަރުހަލާ ފަށައިގަނެވިފައި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން މިނިސްޓަރު ނަހުލާ ދެއްވި ހިތޯބުގައި ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާ ހެދި ދަތުރުފަތުރުގެ ދާއިރާއަށް ވެސް ބޮޑެތި ގޮންޖެހުންތައް ދިމާވެފައިވީ ނަމަވެސް އޭވިއޭޝަން ދާއިރާއިން އަންނަނީ ގައުމީ ހިދުމަތްތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރު ކުރުން އެންމެ ހިފެހެއްޓިގެން ދިޔަ ދުވަސްވަރު ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި ގެނެސްފައިވަނީ ވައިގެ މަގުންކަން ފާހަގަކުރެއްވި އެވެ.

"ގިނަ ގޮންޖެހުންތަކާއެކު ވެސް މިހާރު މިވަނީ ރާއްޖޭގެ އޭވިއޭޝަން ސިނާއަތުގެ ހަރަކާތްތަކުގެ ރިކަވަރީ މަރުހަލާ ފަށައިގަނެވިފައެވެ. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ވެގެންދާނީ އޭވިއޭޝަން ދާއިރާ ރިކަވާ އެންޑް ރީ ބިލްޑް ކުރެވޭ އަހަރަކަށެވެ. މިގޮތުން ޕެންޑެމިކުން އަރައިގަނެ، ހަރަކާތްތައް ފުޅާވާން ފެށުމާއެކު، ވަޒީފާތަކުގެ ފުރުސަތުތައް ތަނަވަސްވެގެންދާނެއެވެ. އަޅުގަނޑުމެން ދެމި ތިބޭނީ ދިވެހި ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދޭ ބައެއްގެ ގޮތުގައެވެ،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އޭވިއޭޝަން ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮޮތަށް ކުރިއަށް އޮތް ފަސް އަހަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)ގެ "ފްލައިޓް ޕްލޭން" އެއް އެކުލަވާލާފައިވާ ކަމަށެވެ.

އެ ޕްލޭންގެ ސަބަބުން ސިވިލް އޭވިއޭޝަން ދާއިރާއަށް އިތުރު ހަރުދަނާކަން ގެނެސްދީ އިތުރު ކުރިއެރުންތަކަށް މަގު ކޮށިގެންދާނެ ކަމަށާއި އަދި އެ ޕްލޭންގައި ޓްރާންސްޕޯޓް މިނިސްޓްރީން ކުރާ މަސައްކަތްތަކާމެދު ސިނާއަތާއި އާންމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމުގެ މައްޗަށް އިސްކަން ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އޮތޯރިޓީގެ ހިންގުން ބައިނަލްއަގްވާމީ ފެންވަރަށް ގެންދިއުމުގެ ބޭނުމުގައި އިންޓާނަލް ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރުމަށާއި ޝަކުވާ މެނޭޖްކުރުމުގެ ނިޒާމެއް އަންނަ އަހަރު ފެށޭނެ ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ފަންނީ މުވައްޒަފުން ބިނާކުރުމަކީ ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އެ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް ކިޔެވުން ފުރިހަމަ ކުރެވޭނޭ މަގުތައް ތަނަވަސްކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.