ޖުވެނައިލް ކޯޓުގެ ފަނޑިޔާރުން ޝަރުއީ ދާއިރާތަކަށް ދަތުރުކޮށް ކުޑަކުދިންގެ މައްސަލަތައް ބަލަންޖެހޭ ގޮތަށާއި، ކުޑަކުއްޖެއްގެ ގޮތުގައިހުރެ ކުރާ ކުށަށް މަރުގެ އަދަބު ދީގެންނުވާނެ ކަމަށް ކަނޑައަޅައި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން މި ބިލު ފާސް ކުރީ، ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 56 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލުގައި ބުނެފައި ވަނީ، އުމުރުން އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށެއް ޝަރީއަތަށް ސާބިތުވިޔަސް، 18 އަހަރުން މަތިވުމުން އެ ކުށަކަށް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ.

މަރުގެ އަދަބު ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަންޖެހޭނެ ކަމަށް ވެސް މި ބިލުުގައި ބުނެފައިވެއެވެ.

ބިލުގައި ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުއްޖަކު ބަންދުގައި ބަހައްޓަން ނިންމާ ހާލަތުގައި އެމައްސަލައިގެ އެންމެހާ ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އެކުއްޖާ ގޭގައި ބަންދު ކުރުމުގެ އިހުތިޔާރު މައްސަލަ ބަލާ ގާޒީއަށް ލިބިގެންވާ ކަމަށެވެ.

ބަންދުގެ މުއްދަތު އިތުރު ކުރާނަމަވެސް ހަމަ އެފަދައިން އަމަލު ކުރުމުގެ އިހުތިޔާރު ގާޒީއަށް ދޭން ވެސް ބިލުގައި ހިމަނާފައިވެއެވެ.

ޖުވެނައިލް ކޯޓަށް ބެލުމުގެ އިހުތިސާސް ލިބިގެންވާ މައްސަލައެއް މާލެ ނޫން ރަށަކަށް ހުށަހަޅައި ޝަރީއަތް ހިންގަން ޖެހިއްޖެ ހާލަތެއްގައި، އެފަދަ މައްސަލަތައް ބަލާނީ، ޖުވެނައިލް ކޯޓުގެ ފަނޑިޔާރުން ރަށްރަށުގެ ޝަރުއީ ދާއިރާތަކަށް ހާޒިރުވެގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އަދި ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޝަންތަކުގައި މަސައްކަތްކުރަންވާނީ، މާލޭގައި ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރުންނާ އެއް ޝަރުތުތަކެއް ކަނޑައެޅިފައިވާ ފަނޑިޔާރުންކަމަށާއި، ޖުވެނައިލް ކޯޓާއި، ޑްރަގް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގައި، ކުޑަކުދިންގެ މައްސަލަތައް ބެލުމަށްޓަކައި އެފަދަ އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެކަމަށްވެސް ބުނެފައިވެއެވެ.