(05 ޑިސެމްބަރުގެ އަދަދާ ގުޅޭ)

އެރޭގެ ދަންވަރު سعد بــن عبـدالمـنعــم ޤުރުޠުބާގެ މިސްކިތުގައި ސަޖިދަޔަށް އޮންނަވައި ދުޢާކުރައްވަމުން ގެންދެވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަޅާގެ ޤައުމު ހަލާކުން ސަލާމަތް ކުރައްވާނދޭވެ! އިސްލާމްދީނުގެ ސިފައަކަށް ވުމުގެ ހިންމަތާއި ޢަޒުމް މިއަޅާއަށް ދެއްވާނދޭވެ! މަގުފުރެދުމުގެ އަނދިރީގެ ޠޫފާނީ ވައިރޯޅިތަކަށް ނިއްވައި ނުލެވޭފަދަ އީމާންކަމާއި ޔަގީންކަމުގެ ދަންމަރެއް މިއަޅާގެ ހިތުގައި ދިއްލަވައި ދެއްވާނދޭވެ!"

ފަތިސްނަމާދަށްފަހު ކުޑައިރުކޮޅެއްގެފަހުން އޭނާ ގެންދެވީ ވަރަށް ބާރަށްދުވާ އަހެއްގައި ޣަރުނާޠާއާ ދިމާޔަށް ދަތުރު ކުރައްވަމުންނެވެ.

ޣަރުނާޠާއަށް އެނބުރި ވަޑައިގެންނެވިތާ މާގިނަދުވަހެއްނުވެ سعد بــن عبـدالمـنعــم ޢަސްކަރީ ކޮލެޖުގެ ތަޢުލީމު ނިންމަވައިފިއެވެ. އާއްމުގޮތެއްގައި ޢަސްކަރީ ކޮލެޖުން ފާސްވާ ހުރިހާ ކުދިން ގެންދަނީ ސިފައިންގެ ތެރެއަށެވެ. ނަމަވެސް ޣަރުނާޠާގައި ކިރިޔަކިރިޔާ ނަމެއްގައި އޮތް ސިފައިންގެ ލަޝްކަރުގައި ޚިދުމަތް ކުރައްވާކަށެއް سعد ބޭނުންފުޅެއް ނޫނެވެ. ޢަސްކަރީ ކޮލެޖަކީ ޣަރުނާޠާގެ ނުފޫޒުހުރި ވަރަށްގިނަ އަމީރުންނާއި، ޝާހީ ޚާންދާނުގެ މެމްބަރުންގެ ބޭބޭފުޅުންވެސް ތަޢުލީމު ހާސިލުކުރައްވާ ތަނެކެވެ. އެބޭފުޅުންގެ މަސައްކަތްޕުޅުން ކޮލެޖުގެ މުދައްރިސެއްގެ މަގާމުވެސް سعد އަށް ހުށަހެޅުނެވެ. سعد އެކަމެއްވެސް ގަބޫލުފުޅެއް ނުކުރެއްވިއެވެ. ނަމަވެސް އޭނާގެ ޅިޔަންބޭބެއާއި ޣަރުނާޠާގެ ނުފޫޒުހުރި ދީނީ ޢިލްމުވެރިޔެއް ކަމުގައިވާ قـاضى أبـو جـعـفـر ނަސޭހަތްޕުޅު އެރުއްވުމުން سعد އަށް ޖެހިވަޑައިގެންނެވީ އޭނާގެ ޚިޔާލުފުޅު ބަދަލުކޮށްލައްވާށެވެ.

قـاضى أبـو جـعـفـر އަކީ އިސްލާމީ ނިޒާމުގެ ސަރުކާރެއްގެ ވެރިކަމުގެ ދަށުގައި މުޅި އަންދަލުސު އެއްދިދައެއްގެ ދަށަށް ގެނައުމުގެ ޚިޔާލަށް ވަރަށްބޮޑަށް ތާއީދުކުރައްވާ ބޭކަލެކެވެ. ޣަރުނާޠާ ފިޔަވައި އެހެން ވަރަށްގިނަ ރަށްރަށުގެ ޒުވާނުންނަށްވެސް އޭނާގެ ޚިޔާލުފުޅުގެ ނުފޫޒު ފޯރައެވެ. އޭނާ ޢަސްކަރީ ކޮލެޖަށް އިސްލާޙީ ޚިޔާލުގެ މުދައްރިސުންގެ ބޭނުންތެރިކަން އިޙުސާސް ކުރައްވާތާ ވަރަށްގިނަ ދުވަސްވެއްޖެއެވެ.

قـاضى أبـو جـعـفـر سعد އަށް ވިސްނައިދެއްވިއެވެ. "ދަރިފުޅަށް މި ކޮލެޖުގެ މުދައްރިސެއްގެ ހައިސިއްޔަތުން މަތިވެރި މަޤުޞަދަކަށްޓަކައި މަސައްކަތް ކުރެއްވިދާނެ. އަޅުގަނޑުމެން އަންދަލުސަށް ގެންނާން މިބޭނުންވާ އިންޤިލާބަށް ގަލަމާއެކު ކަނޑިވެސް ބޭނުން. ޢަސްކަރީ ކޮލެޖުގައި ތަޢުލީމު ހާސިލުކުރާ ކުދީން މިހައިތަނަށް އެބައިމީހުންގެ ޙަޔާތުގެ އަމާޒުފަތްގަނޑެއް ކަމުގައި ބަލައިފައިވަނީ ޝާހީ އާއިލާތައް ޙިމާޔަތްކުރުން. ނަމަވެސް ދަރިފުޅު ކަހަލަ މުދައްރިސުންނަށް އެބައިމީހުންގެ ކިބައިގައި އިޖުތިމާޢީ ޝުޢޫރެއް ހޭލެއްވިދާނެ!"

سعد ވިދާޅުވިއެވެ. "ކަލޭގެފާނުގެ މަޝްވަރާއަކީ ތިޔައީ ކަމަށްވާނަމަ އަޅުގަނޑު މިހިރީ ތިޔަ ޚިދުމަތަށް ތައްޔާރަށް."

قـاضى أبـو جـعـفـر ވިދާޅުވިއެވެ. "ނަމަވެސް ދަރިފުޅުގެ ޚިޔާލު ބަދަލުވީ އަޅުގަނޑުގެ މަޝްވަރާގެ ސަބަބުން ކަމުގައި އެއްވެސް މުދައްރިސެއްގެ އަރިހުގައި ވިދާޅުވެގެން ނުވާނެ. އެހެންނޫނީ ދަރިފުޅު އެ ކޮލެޖުގެ ހަތަރު ފާރުގެ ތެރެއަށް ވެދެވަޑައިގަންނަވާކަށްވެސް އެބޭފުޅުން ރުހިވަޑައެއް ނުގަންނަވާނެ."

އޭގެ އަނެއްދުވަހު ޢަސްކަރީ ކޮލެޖުގެ ދަރިވަރުން އެކަކު އަނެކަކަށް ދެމުންގެންދިޔަ އުފާވެރި ޚަބަރަކީ ކޮލެޖުގެ ވެރީން އެކުދީންނަށް ކަނޑިހެވިކަމާއި، އަސްދުއްވުމުގެ ފަންނުތައް ދަސްކޮށްދެއްވުމަށްޓަކައި سعد بــن عبـدالمـنعــم ގެ ޚިދުމަތް ހޯއްދެވި ވާހަކައެވެ.

ޢަސްކަރީ ކޮލެޖުގެ ދަރިވަރުންނާއެކު ހަނގުރާމައިގެ ފަންނުތަކުގެ ތަމްރީނު ހެއްދެވުމާއި، ކުތުބުޚާނާތަކުގެ ފޮތްތަކުގެ ޞަފުޙާތައް ގުނުއްވުމާއި، ޣަރުނާޠާގެ ޢިލްމުވެރީންނާއި، ފިޤުހުވެރީންގެ ބައްދަލުވުންތަކުގައި ޢިލްމީ ބަހުސުތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހު ގިނިކަންޏާ ވެވަޑައިގަންނަވާ ވަގުތުތަކުގައި سعد بــن عبـدالمـنعــم ގެ މަސައްކަތްޕުޅަކީ އަންދަލުސުގެ މާޒީއާއި، މިހާރާއި، މުސްތަޤުބަލާމެދު ވިސްނައިވަޑައިގެންނެވުމެވެ. އޭނާގެ ގެކޮޅުގެ އެއްކޮޓަރިކޮޅުގެ ފާރުތައް ފުރާލައްވައިފައިވަނީ އަންދަލުސުއާއި އެހެނިހެން އިސްލާމީ ޤައުމުތަކުގެ ޗާޓުތަކުންނެވެ. އެ ޗާޓުތަކުގައި ތަފާތު ރޮނގުތަކުގެ ޒަރީޢާއިން ލިޔެވިފައިވަނީ މުސްލިމުންގެ ކުރިއެރުމާއި ދަށަށް ދިއުމުގެ ވާހަކަތަކެވެ. سعد އެކޮޓަރީގައި އިންނަވައިގެން އެވާހަކަތަކާމެދު ވިސްނައިވަޑައިގަންނަވައެވެ.

އެބައެއްގެ ފަތަޙަކުރުމުގެ ބާރުގެ ކުރިމަތީގައި ދުނިޔޭގެ ތަނަވަސްކަން ފަށްފަށްޖެހިގެންދިޔަ ސަރަހާގެ އަހުލުވެރީންގެ ޤާފިލާތައް އޭނާ ޚިޔާލީ ލޯފުޅުން ދެކެވަޑައިގަންނަވައެވެ. މުސްލިމުންގެ ފުޠޫޙާތުގެ ވާހަކަ މާޒީގެ ތާރީޚުގެ ބާބެއްކަމުގައި ހިމެނިގެންދިޔަ ސަބަބާމެދު ފިކުރު ހިންގަވައެވެ.

ބައެއްފަހަރު އޭނާ أحمد އާއި حسن އާ ދެބޭންވެސް އޭނާގެ އަރިހުގައި ބައިވެރިކުރައްވައެވެ. އަންދަލުސުގެ މުސްތަޤުބަލާމެދު އެބޭފުޅުންނާ ވާހަކަ ދައްކަވައެވެ. سعد ގެ ކޮއްކޮމެންގެ އިތުރަށްވެސް ޣަރުނާޠާގައި އޭނާއާ އެއްޚިޔާލުގެ ޒުވާނުން ވަރަށްގިނައިން ތިއްބެވެ. އެންމެންވެސް ތިބީ އަންދަލުސުގެ މިހާރުގެ ޙާލަތާމެދު ފިކުރު ބޮޑުވެފައެވެ. ނަމަވެސް އެބައިމީހުންގެ ކުރިމައްޗަކު މަސައްކަތް ފަށައިގަންނާނެ ކަނޑައެޅިފައިވާ މިސުރާބެއް ނެތެވެ. އެބައިމީހުންތިބީ ކޮންމެވެސް މަގުދައްކާ މީހެއްގެ އިންތިޒާރުގައެވެ. ނަޤީބެއްގެ ގޮވައިލެއްވުމަށް ކަންފަތްދީގެންނެވެ. އަލިކަމަކާއިގެން އަންނަ މީހަކު ފެނޭތޯ ހޯދަހޯދައެވެ. سعد ކޮލެޖުން ނިމިވަޑައިގެންނެވިތާ އެއްއަހަރު ފަހުން أحمد ވެސް ނިމިވަޑައިގެންފިއެވެ. أحمد އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރައްވަނީ ޣަރުނާޠާގެ މަޝްހޫރު ލައިބްރަރީ ތަކުގައެވެ.

ذوالـنّــون ޤުރުޠުބާގައި ހަމަސްދުވަސް ހޭދަކުރެއްވިތަނާ އޭނާ އަވަހާރަވެއްޖެއެވެ. ބައެއް މުއައްރިޚުން ލަފާކުރައްވާ ގޮތުގައި ذوالـنّــون އަވަހާރަވީ އިބްނު ޢަކާޝާގެ ކެހިވެރި ރޭވުމެއްގެ ސަބަބުންނެވެ. ذوالـنّــون ގެ ޙަޔާތްޕުޅުގައިވެސް ޤުރުޠުބާގެ ހުރިހައި އިޚުތިޔާރެއް އޮތީ އިބްނު ޢަކާޝާގެ އަތްމަތީގައެވެ. ޠުލައިޠުލާގެ ވެރިކަން ލިބިވަޑައިގަތީ ذوالـنّــون ގެ ދަރިކަލުން يحـيى އަށެވެ. يحـيى ގެ ކިބައިގައި އޭނާގެ ބައްޕަގެ ހުރިހައި ނުބައިކަމެއް އޭގެ އެންމެ އިމަށް ހުއްޓެވެ.

ޤުރުޠުބާގައި އިބްނު ޢަކާޝާގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ދެއަހަރެއްހައި ދުވަސްފަހުން المـــاس ޤުރުޠުބާ ދޫކޮށްލައިފައި سعد ގެ އަރިހަށް ޣަރުނާޠާއަށް އަތުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. "މިހާރަކު އަޅުގަނޑަކަށް އެރަށުގައި އުޅެވޭވަރެއްނޫން. މިއަހަރު ޤުރުޠުބާގެ ބަގީޗާތަކާއި ދަނޑުފަނގުތަކުން ލިބުނު އާމްދަނީއަށްވުރެ އިބްނު ޢަކާޝާގެ ކާރުދަވެރީންނަށް ދައްކާންޖެހުނު ޓެކުސްގެ އަދަދު މާބޮޑު ޤުރުޠުބާގެ އާއްމުންގެ ކެތްތެރިކަން މިހާރުވަނީ ކޮޅުންލައިފައި. އަޅުގަނޑު އުންމީދުކުރާ ގޮތުގައި މާގިނަ ދުވަސްތަކެއްނުވެ ޤުރުޠުބާގެ އަހުލުވެރީން ފާޅުގައި ބަޣާވާތްކުރާން ފަށައިފާނެ."

ވިދިގެންއައި އަހަރު حسن ވެސް ޢަސްކަރީ ކޮލެޖު ނިންމައިލައްވައިފިއެވެ. އޭނާގެ މަސައްކަތްޕުޅަކީ ވިޔަފާރީގައި ޅިޔަންބޭބެއަށް އެހީވެދެއްވުމެވެ. އިތުރު ވަގުތުތަކުގައި އޭނާ އެންމެ ޝައުޤުވެރިވެވަޑައިގަންނަވަނީ އަސްދުއްވެވުމަށާއި ދުނިހެވިކަމަށެވެ. ބައެއްފަހަރަށް أحمد އާ ދެބޭފުޅުން ކުތުބުޚާނާ ތަކަށްވެސް ވަޑައިގަންނަވައެވެ.

ހިޖުރައިން 471 ވަނަ އަހަރު އަނެއްކާވެސް ޤުރުޠުބާއަށް އިންޤިލާބެއް އަތުވެއްޖެއެވެ. معـتـمـد ޤުރުޠުބާ އަނބުރާ ހިއްޕެވުމުގެ ނާކާމިޔާބު މަސައްކަތްޕުޅުތަކަކަށްފަހު ވަރަށް ވަރުގަދަ ލަޝްކަރަކާއެކު ޤުރުޠުބާއަށް ޙަމަލާ ދެއްވައިފިއެވެ. ރަށުގެ އާއްމުންވެސް އޭނާއާ ބައިވެރިވިއެވެ. އިބްނު ޢަކާޝާ ފިލައިގެންދާން އުޅެނިކޮށް ޤަތުލުވީއެވެ. އިޝްބީލިއްޔާގެ ލަޝްކަރު ޤުރުޠުބާ ހިފައިފިއެވެ. އިބްނު ޢަކާޝާގެ އަނިޔާތަކުން ޤުރުޠުބާގެ އަހުލުވެރީން ސަލާމަތްވެއްޖެއެވެ. ނަމަވެސް معـتـمـد ގެ ދީލަތިފުޅުކަމުގެ ޖާފަތްތަކާއި، ޝާހީ ދަރުބާރުތަކާއި، ޅެންވެރީންނާއެކު ހަވީރު ކުރެއްވުމުގެ ޙަފުލާތަކުގެ އައު ބުރެއް ފެށިއްޖެއެވެ. ރަމީކިއްޔާގެ ޢައްޔާޝީ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ނަގާ ޓެކްސް ގިނަވާން ފަށައިފިއެވެ. ޓެކްސް ދައްކާ މީހުންނަށް އިޙުސާސްކުރެވުނީ އަނިޔާވެރި ލުޓޭރެއްގެ ކިބައިން ސަލާމަތްވުމަށްޓަކައި ތަހުޒީބީ ޑާކޫއަކު ތިމާމެންގެ ކަނދުރާތަކަށް ސަވާރުކުރެވިއްޖެ ކަމުގައެވެ.

سعد المـــاس ގޮވައިގެން ޤުރުޠުބާއަށް ވަޑައިގެންނެވިއެވެ. ނަމަވެސް އޭނާގެ ބައްޕާފުޅުގެ އެއްވެސް ޚަބަރެއް ލިބިވަޑައެއް ނުގެންނެވިއެވެ. އިބްނު ޢަކާޝާގެ ސަރުކާރަށް ނަގައިފައިވާ عبـدالمـنعــم ގެ ހުރިހާ މުދާތަކަކާއި ބަގީޗާތަކާއި ދަނޑުފަނގުތަކެއް ޤުރުޠުބާގެ އާ ގަވަރުނަރ އެބޭފުޅުންނަށް އަނބުރާ ރައްދުކުރެއްވިއެވެ. المـــاس އެތަންތާނގެ އިންތިޒާމުތައް ހަވާލުކުރީ عبـدالمـنعــم ގެ ތަޖުރިބާކާރު މުސްކުޅި ނޯކަރަކާއެވެ. އޭނާ سعد ގެ އަރިހުގައި ޣަރުނާޠާއަށް އެނބުރި އައީއެވެ.

ޤުރުޠުބާ ހިއްޕެވުމަށްފަހު معـتـمـد އެނބުރިވަޑައިގަތީ މަރުސިއްޔާއާ ދިމާއަށެވެ. މަރުސިއްޔާ ފަތަޙަކުރެއްވުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވުނީ އޭނާގެ ވަޒީރު إبـن عمّــار އާ އެވެ. އޭނާ ސަރަޙައްދީ ކިއްލާގެ އޮފިސަރަކަށްހުރި އިބްނު ރަޝީޤާއި މަރުސިއްޔާ ކުރިޔަށް ތިއްބެވި ބައެއް އަމީރުންނަށް ރިޝްވަތާއި، އެކިބާވަތްބާވަތުގެ އުންމީދުތައް ދެއްވައިގެން އޭނާއާ އެއްބައިކުރެއްވިއެވެ. މަރުސިއްޔާގެ އާއްމުންތިބީ އެތާނގެ ޢައްޔާޝީ އަމީރުންނާ ކުރީއްސުރެވެސް ނުރުހިފައެވެ. އެހެންކަމުން إبـن عمّــار އެއްވެސް ދެކޮޅުވެރިކަމަކާ ކުރިމަތިނުލައްވައި މަރުސިއްޔާ ހިއްޕަވައިފިއެވެ. އެއަށްފަހު معـتـمـد ޠުލައިޠުލާގެ مـأمـون ذوالـنّــون ގެ ޚަލީފާ

يحـيى القـادر ގެ ބަލިކަށިފުޅުކަމުގެ ފައިދާ ނަންގަވައި އެރަސްކަމުގެ ސަރަޙައްދުތަކުގެ ތެރެއިން ވާދިލްކަބީރާއި ވާދީއާނާއާ ދެމެދުގައިވާ ބައެއް ސަރަޙައްދުތައްވެސް ފިރުއްކަވައިގެންނެވިއެވެ.

މުސްލިމުންގެ ތެރޭގައި ޠަވާއިފުލްމުލޫކިއްޔަތު ފެތުރިފައިވާތީ އެކަމާ ނުރުހި ތިބި އެތައްބަޔަކު معـتـمـد ގެ ކާމިޔާބީއާމެދު ހިތުގެ އަޑީން އުފާފާޅުކުރިއެވެ. ނަމަވެސް معـتـمـد ގެ ބާރުގަދަވަމުންދާތީ އަލްފާންސޫއަކަށް އެކަން ބަރުދާސްތެއް ނުކުރެއްވުނެވެ. އޭނާ معـتـمـد އަށް ސިޓީއެއް ލިޔުއްވިއެވެ. މިހާރު މަނިކުފާނުގެ ރަސްކަމުގެ ސަރަޙައްދުވެސް މާބޮޑަށް ތަނަވަސް ވެއްޖެއެވެ. އެހެންކަމުން މީގެފަހުން ޖިޒީ ފޮނުއްވަންވާނީ ކުރީގެ ދެގުނައެވެ.

އަލްފާންސޫގެ ވާހަކަފުޅު ކުރުކޮށްލައްވާތޯ معـتـمـد މަސައްކަތްޕުޅު ކުރެއްވިއެވެ. ނަތީޖާއަކަށްވީ އަލްފާންސޫ އިޝްބީލިއްޔާއަށް ޙަމަލާ ދެއްވުމެވެ. މައްސަލަ އެހައިހިސާބަށް ދިޔުމުން معـتـمـد އާ ނުރުހިފައިތިބި މުސްލިމުންނަކަށްވެސް ކްރިސްޓިޔަނުންގެ ބާރުގެ ދަށަށް އިޝްބީލިއްޔާ ދިޔަދޭކަށެއް އެއްބަހެއް ނުވެވުނެވެ.

އިޝްބީލިއްޔާ ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއްކަމުގައި އަންދަލުސުގެ އެކިރަށްރަށުގެ ދީނީ ޢިލްމުވެރީން ފަތުވާދެއްވިއެވެ. ބައިޣާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔެއް ކަމުގައިވާ قـاضى أبـو الـوليـد ޢިލްމުވެރީންގެ ވަފުދަކާއެކު އަންދަލުސުގެ އެކިކަންކޮޅުތަކަށް ދަތުރުކުރެއްވިއެވެ. އޭނާގެ ގޮވައިލެއްވުމަށް އާއްމުންގެ އެތައްބަޔަކު ޖިހާދުގައި ބައިވެރިވުމަށްޓަކައި ޖަމާޢަތް ޖަމާޢަތަށް އިޝްބީލިއްޔާއަށް ދަތުރުކުރާން ފަށައިފިއެވެ. ޣަރުނާޠާގެ قـاضى أبـو جـعـفـر ވެސް قـاضى أبـو الـوليـد ގެ ޙަރަކާތްޕުޅަށް ތާއީދު ކުރެއްވިއެވެ. އޭނާ އަލްފާންސޫއާ ދެކޮޅަށް އިޝްބީލިއްޔާއަށް އެހީވުމަށް ޣަރުނާޠާގެ ސަރުކާރަށް ގޮވައިލެއްވިއެވެ. ނަމަވެސް ޣަރުނާޠާގެ ރަސްގެފާނު ހުންނެވީ معـتـمـد އާމެދު އޭނާގެ ހިތްޕުޅުގައި އޮންނަ ޒަމާންވީ ހަސަދަވެރިކަން ހަނދުމަފުޅު ނައްތައިލައްވާން ތައްޔާރަކަށެއް ނޫނެވެ. އެހެންކަމުން قـاضى جـعـفـر އެނބުރިވަޑައިގެންނެވީ އާއްމު މުސްލިމުންނާ ދިމާޔަށެވެ.

أبـو جـعـفـر ޣަރުނާޠާގެ މިސްކިތެއްގައި މިކަމާބެހޭގޮތުން ތަޤުރީރު ކުރެއްވި އެންމެ ފުރަތަމަ ދުވަހުވެސް އޭނާގެ ގޮވައިލެއްވުމަށް ޒުވާނުންގެ އެތައްބަޔަކު އިޖާބަދިނެވެ. އޭގެތެރޭގައި سعد بــن عبـدالمـنعــم އާއި އޭނާގެ ދެއަޚުން ހިމެނިވަޑައިގެންނެވިއެވެ. قـاضى أبـو جـعـفـر ހުއްޓައިނުލައްވައި ކުރެއްވި ބުރަމަސައްކަތްޕުޅުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދުއިސައްތަ ފަންސާހެއްހައި މުޖާހިދުން ތައްޔާރު ކުރެއްވިއްޖެއެވެ. ޣަރުނާޠާގެ އެއްވެސް ރައްޔިތަކު معـتـمـد ގެ ދިފާޢުގައި ކަނޑި އުފުލައިލާކަށެއްވެސް ޣަރުނާޠާގެ ރަސްގެފާނު ގަބޫލުފުޅެއް ނޫނެވެ. އެހެންކަމުން އޭނާ ސަރުކާރުގެ އިސްވެރީން މެދުވެރިކުރައްވައި އާއްމުން ބިރުގަންނަވާން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް ޒުވާނުންނަކަށް އެކަމަކުން މާބޮޑު އަސަރެއް ނުކުރިއެވެ. سعد بــن عبـدالمـنعــم ޢަސްކަރީ ކޮލެޖުން ޗުއްޓީ ހޯއްދަވާން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އޭނާގެ ހުށަހެޅުއްވުން ގަބޫލެއް ނުކުރެވުނެވެ. އެހެންކަމުން އޭނާ ވަޒީފާ ދޫކޮށްލެއްވިއެވެ.

(ނުނިމޭ)