ވައްކަމުގެ މައްސަލަތަކުގައި ބައެއް ބޭފުޅުންނާ ދެކޮޅަށް ދައުވާކުރައްވަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފަސްޖެހިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި، ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވެގެން ގެންނަން މަސައްކަތްކުރި ވެންްޓިލޭޓަރުތައް ގެނައުމަށް ދުބާއީ ކުންފުންޏަކާ ހަވާލުކުރުމުގެ ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން ކުރިއަށްގެންދިޔަ ތަހުގީގުގައި ރައްޔިތުންގެ މަޖިލީހަށް މައުލޫމާތުދެއްވަމުން ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ދޮގު ހައްދަވާފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމި ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އަމީނުގެ މައްސަލަ ބެލުމަށް ފަހު އެކުލަވައިލި ރިޕޯޓުގައި ބުނީ އޭނާ މަޖިލީހަށް ގަސްދުގައި އޮޅުވާލައްވާފައިވާ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައެއް މަޖިލީހުން ފޮނުވުމުން ޕްރޮސެކިއުޓަރު ޖެނެރަލަށް ޖެހޭނީ ދައުވާކޮށްދޭން ކަމަށެވެ. އިތުރު އެހެން ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވާ ކަމަށް ވަންޏާ، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަ މައްސަލަތައް ބެލޭނެ ކަމަށެވެ. މަޖިލީހުގެ ކަންތައްތައް އެހެން ގޮތަކަށް ނުގެންދަވާނެ ކަމަށާއި އެހެން ކުށްތަކުގެ ކަންތައްތަކުގައި މައްސަލަ ޝަރީއަތަށް ފޮނުވުމުގައި އެމަނިކުފާނަށް އެއްޗެއް ވިދާޅުނުވެވިދާނެ ކަމަށެވެ. އަދި ވިދާޅުވީ ވައްކަމާއި ހިޔާނާތާއި ފޭރުމާއި މަކަރާއި ހިލަތާއި ޒިނޭ ކުރުން ފަދަ މައްސަލަތައް ޝަރީއަތަށް ފޮނުވުމުގައި އެމަނިކުފާނުގެ ބަހެއް ނެތް ނަމަވެސް މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފި ނަމަ މަޖިލީހަށް އެކަމާ މެދު އަމަލުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ނުކުތާއަކީ އެހެން މައްސަލަތަކުގައި އަޅުގަނޑުމެންނަށް އަޅައިނުލެވުނު ކަމުގައިވީ ނަަމަވެސް، މަޖިލީހުގެ އިމްތިޔާޒަށް އަރަައިގަތީމާ މިތަނުން އެކަން ނިންމީމާ ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ކޮށްދެއްވަން ޖެހޭނެ. އެއަކު ދެން އިތުރު ބަހަނާއެއް ނެތް، ޕްރޮސެކިއުޓާ ޖެނެރަލް ފަހަތަށް އެބަ ޖެހިވަޑައިގަންނަވާ ވައްކަމުގައި ދައުވާ ކުރުމަށް، ބައެއް ބޭފުޅުންގެ މައްޗަށް،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތްތަކުގައި އިހުމާލުވާ ފަރާތްތަކަށް، ދައުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހަށް ފޮނުވުމުން ދައުވާކުރެވޭ ވަރަށް ހެކި ނެތްކަމަށް ވިދާޅުވެ އެ މައްސަލައިގެ ތަހުގީގީ ރިޕޯޓް އަލުން އޭސީސީއަށް ފޮނުވާލައިފައެވެ.
އެކަމާ ގުޅިގެން ނަޝީދު މީގެ ކުރިންވެސް ވަނީ ފާޑުވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީން ކުރިއަށްގެންދިޔަ މަސައްކަތްތަކުގައި، އެކަމަށް ހަރަދުކުރި 30.9 މިލިއަނަކަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށާއި، އެކަމުގައި ދައުވާ ނުކުރަން ދައްކަން ޖެހޭ ބަހަނާއެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގުކޮށް އޭސީސީން ނެރުނު ރިޕޯޓުގައި ހިމެނޭ ފަރާތްތަކަށް ދައުވާކުރުމުގެ މައްސަލަ އަލުން މުރާޖައާކުރަން ޕީޖީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށް ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު