ކުޅިވަރުގައި ރަން މެޑައްޔާއި ކާމިޔާބީއަށް އުންމީދު ކުރަންވާނީ އެކަމަށް އެކަށޭނެ މިންވަރަށް ވަސީލަތްތައް ގާއިމުކޮށްދީ، ކުޅުންތެރިން އުފައްދައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގައުމީ މާޝަލް އާޓްސް ސެންޓަރު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުޅިވަރުގެ ރޮނގުން ދިވެހިން ކުރާ އުންމީދުތައް ހުރީ ވަރަށް އުހުގައި ކަމަށެވެ. ނަމަވެސް ރަން ވަނަތައް ހާސިލުކުރަން ބޭނުންވެ، އެ ކާމިޔާބީ ހާސިލުކުރަން އެކަށީގެންވާ މިންވަރާ ގާތަށްވެސް ރާއްޖޭގައި ކުށިވަރުގެ ވަސީލަތްތައް ގާއިމުކޮށްދެވިފައި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިންނާއި އެތުލީޓުން އެބަތިބި ކަމަށާއި ނަމަވެސް ފެންނަމުންދާ ހަގީގީ ކާމިޔާބަކާ ހަމައަށް ނުދެވެނީސް އޭގެ ތެރެއިން ގިނަ ކުޅުންތެރިން ކުޅިވަރުގެ މައިދާން ދޫކޮށްލާ މަންޒަރު ކަމަށެވެ. ސަބަބަކީ އެކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްގީ ކޮށްދެވޭނެ ޕްލޭނެއް ނެތުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކުޅިވަރުގައި ރަން މެޑައްޔާއި ކާމިޔާބީއަށް އުންމީދު ކުރަންވާނީ އެކަމަށް އެކަށޭނެ މިންވަރަށް ވަސީލަތްތައް ގާއިމުކޮށްދީ، ކުޅުންތެރިން އުފައްދައިގެން. އަދި އެކަމުގައި އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނާ ދެމެދު އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަ ގޮތެއްގައި ކަންކަން ފަހިކޮށްދީގެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޅިވަރުތައް ތަރައްގީ ކުރުމުގައި މި ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދިނުން ކަމަށެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުން ރަނގަޅު ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިއްބެވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކޮށް ރަނގަޅު ކާމިޔާބެއް ހޯދުމަށްޓަކައި މުހިންމު ދެ ކަމަކަށް ވިސްނައިގެން ކަމަށެވެ. އެއީ ކުޅުންތެރިން ބިނާކުރަން ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމާއި ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ނުފޫޒެއް ނުފޯރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސަރުކާރުން ތަރައްގީ ކުރާ ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށާއި އެކުޅުންތެރިންގެ ބެލެނުވެރިންނަށް އިލްތިމާސްކުރައްވައިފައެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއެކު ރާއްޖެއަށް ރީތި ނަން ހޯދައިދޭން ގަދައަޅާ މަސައްކަތް ކުރުމަށްވެސް އެކުޅުންތެރިންނަށް ރައީސް ވަނީ ގޮވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު