ނ. މަނަދޫގެ އަލަށް ދޫކޮށްފައިވާ ގޯތިތަކުން ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރުމާ ގުޅިގެން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ރަށު ކައުންސިލް ޖޫރިމަނާކޮށްފިއެވެ.
އީޕީއޭ އިން މިއަދު ބުނީ އެ ކައުންސިލް ޖޫރިމަނާކުރީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމާބެހޭ ގަވާއިދުގެ ދަށުން ގަވާއިދާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަކޮށްފައި ނުވާތީ ކަމަށެވެ.
އީޕީއޭއިން މިއަދު ވަނީ އެ ގަވާއިދަށް ރިއާޔަތްކޮށް މަނަދޫ ކައުންސިލް 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކައުންސިލަށް އަންގައިފައެވެ.
ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމާއި އުފުރުމާ ގުޅިގެން، މީގެ ކުރިންވެސް އީޕީއޭއިން ވަނީ ބައެއް ރަށްރަށުގެ ކައުންސިލްތައް ޖޫރިމަނާކޮށްފައެވެ. އެގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އީޕީއޭއިން ވަނީ، ގަވައިދާ ހިލާފަށް ރުއްގަސް ކެނޑުމާއި ރުއްގަސް ބޭރުކޮށްފައިވާތީ، ހއ. ބާރަށު ކައުންސިލް 191،250 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު