ޝިޕިން އެޖެންސީއާ ބެހޭ ގަވާއިދުގައިވާ ގޮތާ ހިލާފަށް ބައެއް ބައެއް ޝިޕިން އެޖެންސީތަކުން ފީ ނަގާތީ އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް އޮތޯރިޓީން ދީފިއެވެ.

ޝިޕިން އެޖެންސީއާ ބެހޭ ގަވާއިދު އަލުން އެކުލަވައިލުމަށް ފަހު އެ ގަވާއިދަށް އަމަލުކުރަން ފެށީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ގަވާއިދާއެކު ޝިޕިން އެޖެންޓުން އެކި ނަން ނަމުގައި ނަގަމުން އަންނަ އަގުތައް ވަނީ ކޮންޓްރޯލްކޮށްފައެވެ. އެ ގަވާއިދުގައި ޑެލިވަރީ އޯޑަރަކަށް ނެގޭނެ ފައިސާގެ އަދަދުވެސް ކަނޑައަޅާފައިވެއެވެ.

އެގޮތުން އިންކޯޓާމްސްގެ ދަށުން ޝިޕިން އެޖެންޓާއި ކޮންސައިނީއާ އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އެއްވެސް ކަަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ. އަދި ޑެލިވަރީ އޯޑަރު ޗާޖުގެ ގޮތުގައި ފުލް ކޮންޓެއިނަރަކަށް ނުވަތަ އެއަށްވުރެ ގިނަ ސީބީއެމް ހިމެނޭ ބީއެލް އަކަށް ނަމަ ނެގޭނީ 771 ރުފިޔާ ކަމަށާއި ޑެލިވަރީ އޯޑަރު ޗާޖުގެ ގޮތުގައި ފުލް ކޮންޓެއިނަރަކަށް ވުރެ މަދުން ހުންނަ ބީއެލްއަކަށް ނަމަ ނެގޭނީ 385.50 ރުފިޔާ ކަމަށްވެސް ގަވާއިދުގައި ވެއެވެ.

ފުލް ކޮންޓެއިނަރު ނުވަތަ އެއަށްވުރެ ގިނަ ސީބީއެމް ހިމެނޭ މުދާ އަދި ފުލް ކޮންޓެއިނަރަށްވުރެ މަދުން ހުންނަ ބީއެލްގައި ނުހިމެނޭ ބާވަތުގެ މުދަލަށް ދޫކުރެވޭ ޑީއޯއަކަށް ނެގޭނީ 385.50 ރުފިޔާއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އިންކޯ ޓާމްސްގެ ދަށުން ޝިޕިންގް އެޖެންޓާއި ކޮންސައިނީއާ އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ ގަވާއިދާ ހިލާފަށް ބައެއް އެޖެންޓުން އަމަލުކުރަމުން އަންނަ ކަމަށެވެ. އަދި ޝިޕިން އެޖެންސީއާ ބެހޭ ގަވާއިދުގެ ނުވަވަނަ މާއްދާއާ ހިލާފަށް އެއްވެސް އެޖެންޓަކު އިތުރު އަގުތައް ނެގޭނެ ކަމަށް އިއުލާންކޮށްގެން ފީއެއް ނުވަތަ ޗާޖެއް ނެގުމަކީ ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށާއި އެގޮތަށް ފީ ނަގާ ފަރާތްތަކާ މެދު އެ ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ގަވާއިދާ ހިލާފަށް ކޮންޓްރޯލް ކޮށްފައިވާ އަގަށްވުރެ ބޮޑުކޮށް އަދި އިންކޯޓާމްސްގެ ދަށުން ޝިޕިން އެޖެންޓާއި ކޮންސައިނީއާ އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނަގައިފިނަމަ ފުރަތަމަ ފަހަރަށް 1000 ރުފިޔާ އިން، ދެވަނަ ފަހަރަށް 10،000 ރުފިޔާއިން އިން އަދި ދެފަހަރަށް ވުރެ އިތުރުވެއްޖެނަމަ އިތުރުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައިވެއެވެ.