އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށް، އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރެޒިލް ރައްޔިތެކެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ އެތެރެހަށީގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކު ކުރެވިގެން އޭނާ ހުއްޓުވައި، އެކްސްރޭ ކުރުމުން އޭނާގެ ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަކުރެވިގެން ކަމަށެވެ.

އެއާއެކު އޭނާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް ޔަގީންކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަަށް ބުނީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު އޭނާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 66 ބުލެޓް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.