މާފަންނު މަދަރުސާއިން ދެމުން އައި ރިލީސް ސާމްޕަލް ނެގުމުގެ ހިދުމަތް، މާލެ ހިޔާ 2 ގައި ހިންގި ފްލޫ ކްލިނިކަށް ބަދަލުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނީ، މާފަންނު މަދަރުސާއިން ދެމުން އައި ރިލީސް ސާމްޕަލް ނެގުމުގެ ހިދުމަތް މާދަމާއިން ފެށިގެން ދޭނީ މާލެ ހިޔާ 2 ގައި ހިންގި ފްލޫ ކްލިނިކް ހުރި އިމާރާތުން ކަމަށެވެ.

އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް، އަދި ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް އެ ހިދުމަތް ލިބޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހުކުރު ދުވަހު ރިލީސް ސާމްޕަލް ނެގުމުގެ ހިދުމަތް ދޭނީ، ހަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ.

ކޮވިޑާ ގުޅިގެން މާލެ ހިޔާ 2 ގައި ފްލޫ ކްލިނިކެއް ހިންގަމުންދިޔައެވެ. ނަމަވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ ފްލޫ ކްލިނިކުން ހިދުމަތްދިނުން ވަނީ މެދުކަނޑާލައިފައެވެ.