(ފަންސާސް އެއްވަނަ ބައި)
ވަތްގަނޑުގެ ތެރެއިން ޔުނާ އެންމެ ބޮޑަށް އަޅައިގަތީ އޭގެ މެދަށް ވާގޮތަށް ބޭއްވިފައި އޮތް ދަގަނޑު ފޮށިއެވެ. ފޮށީގެ ބޭރުގައި ލިޔެވިފައިވީ 'ފޯ ޔުނޫ' އެވެ. ޔުނާއަށް ވަގުތުން އެ ފޮށި ނަގައި ހުޅުވައިލެވުނެވެ. ފޮށީގައި އޮތީ ރިހިކުލައިގެ ކުޑަ ޕެން ޑްރައިވެކެވެ. ޔުނާ ޕެން ޑްރައިވް ނަގައި ލެޕްޓޮޕާއި ގުޅައިލިއެވެ. އޭގެ ފޯލްޑާއިން ފެނިގެން ދިޔައީ ވީޑިއޯ ފައިލްތަކެވެ. ޔުނާ އެންމެ މަތީގައި ހުރި ފައިލް ހުޅުވައިލިއެވެ.
ވީޑިއޯއިން ފެނިގެން ދިޔައީ އޭރު ޔުނާގެ ދޮންބެ ނޫން އެހެން މީހެއް ނޫނެވެ. ޔުނާގެ ދެބުމަ ކައިރިވެގެން ދިޔައީ ދޮންބެ ވާހަކައެއް ބުނުމުގެ ކުރިން އަޢޫޒު ކިޔާލީތީވެއެވެ. އަޢޫޒަށް ފަހު ދޮންބެ ވާހަކައެއް ބުނާ ފަދައަކުން ކިޔަން ފެށީ އާޔަތެކެވެ.
"إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا... ހަމަކަށަވަރުން ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަނީ އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާ ކުރުމަށޭ.... ޔުނޫއަށް އެނގޭތަ؟ ދޮންބެއަށް މި އާޔަތް އިވުނު ފުރަތަމަ ފަހަރު ހިތަކަށް ނާރާ މިއީ ކިހާ ބޮޑު ނަސޭހަތެއް ކަމެއް މާތް ﷲ އަހަރުމެންނަށް ދެއްވާފައިވަނީ. އެ ފުރަތަމަ ފަހަރުވެސް މި ނަސޭހަތުގެ އަގު ވަޒަން ކުރެވުނު ނަމަ މިއަދު މި ހާލަތް ދޮންބެއަށް ނުޖެހުނީސް. މަރުގެ އިންޒާރުތަކެއްގެ ބިރުވެރިކަމުގައި އުޅެން ނުޖެހުނީސް..." ދޮންބެ އިސްޖެހިފައި ކަހަލަ ގޮތަކަށް އިނދެ ބުނެލި ވާހަކައިން ޔުނާގެ މެއަށް ފިނިވީ ހިނދު ލޯ ބޮޑުވެގެން ދިޔައެވެ.
"ދޮންބެ މަސައްކަތް ކުރާނަން ދޮންބެއަށް ވީ މިންވަރަކުން އަމިއްލަ ނަފްސު ދިފާއުކުރަން. އެކަމަކު ހަމަ ނޭނގި ހުއްޓައި ގޮތެއްވެދާނެތީ ދޮންބެ ޔުނޫ ގާތު ބުނަން ބޭނުންވާހާ ވާހަކައެއް މިތާނގައި ބުނެލަން ބޭނުންވަނީ. ދޮންބެއަށް ގޮތެއްވިޔަސް ޔުނޫ ދިރިއުޅުމުން އުއްމީދު ކަނޑާނުލައްޗޭ... އޭގެ ބަދަލުގައި އަމިއްލަ ނަފްސުގެ ހިމާޔަތަށް މަސައްކަތް ކުރައްޗޭ.... ޔުނޫ ބުނިހެން ދޮންބެ މި ހިޔާލު ކުރަނީ ވީހާވެސް އަވަހަކަށް ޔުނޫއަށް ހުޅުމާލެއިން އެޕާޓްމެންޓެއް ގަނެދޭން. މިކޮޅަށް އަންނަ މަދު ދުވަސްކޮޅުގައި ވެސް ޔުނޫ މި އިމާރާތުގައި ހުންނަން ދޮންބެ ހިތްހަމައެއް ނުޖެހޭ. ޔުނޫ ދެން އަންނަންވާއިރަށް އެޕާޓްމެންޓެއް ގަނެފައި ދޮންބެ ބަހައްޓަން ކަމަށް މި ނިންމަނީ. ދެން ވީޑިއޯއެއްގައި އެޑްރެސްވެސް ހިމަނާލާނަން އިނގޭ.... ޔުނޫ މިކޮޅަށް އަންނަންވާއިރަށް ވެސް.... ދޮންބެ ނެތިއްޔާ ޔުނޫއަށް އެނގޭނެހެން. އަބަދުވެސް ވަރަށް ލޯބިވޭ އިނގޭ ޔުނޫ ދެކެ...." ޔަޒްދާން އެހެން ބުނެ ކުރިމަތީގައި ހުރި ކެމެރާއަށް އަތް ދިއްކުރުމާއެކު އެ ކުރު ވީޑިއޯ ނިމުމަކަށް އައެވެ.
ވީޑިއޯ ނިމުމާއެކުހެން ޔުނާއަށް ވަގުތުން ފޯލްޑާގައި ދެވަނައަށް ހުރި ފައިލް ހުޅުވައިލެވުނެވެ. އެ ފައިލުން ވެސް ފެނިގެން ދިޔައީ ދޮންބެ އެ ގޮނޑީގައި އިނދެގެން ވާހަކަ ދައްކާ މަންޒަރެވެ. އެހެނަސް އެހެން ހެދުމެއް ލައިގެން ހުރި ގޮތުންނާއި އެ ވީޑިއޯގައި ދޮންބެ ދައްކަން ފެށީ އެމީހުންނަށް ވާރުތައިން ލިބުނު މުދަލުގައިވާ އެހެން މީހެއްގެ ހައްގުގެ ވާހަކައެވެ. އެ ހައްގު އަދާކުރަން ދޮންބެ ތަކުރާރުކޮށް މަސައްކަތް ކުރުމުން ވެސް ކާމިޔާބު ނުވި ވާހަކައެވެ. އެ ހައްގު ލިބިގަތުމަށް ވުރެ އެމީހެއްގެ ރުޅިވެރިކަން ގަދަ ކަމަށް ދޮންބެ ބުނެލީ މާޔޫސްވެފައިވާ ފަދައަކުންނެވެ. އެއަށްފަހު ފުރަތަމަ ވީޑިއޯ ފަދައިން އެ ވީޑިއޯގައިވެސް ދޮންބެ ވަނީ އެ ދެއްކި ވާހަކައާ ގުޅުވައިގެން އާޔަތެއް ހިއްސާކޮށް ނަސޭހަތްތެރިވެ ޔުނާ ދެކެ ލޯބިވާ ވާހަކަ ބުނެފައެވެ.
ޔުނާއަށް އަވަސްއަވަހަށް ވީޑިއޯތައް ބެލެމުން ދިޔައީ ދޮންބެ އެ ދައްކަނީ ކާކުގެ ހައްގެއްގެ ވާހަކަކަން ދެނެގަނެވޭތޯ ބެލުމަށެވެ. ދޮންބެ އެއް ވީޑިއޯއެއްގައި އެއީ ކާކުކަން ބުނެދޭން އުޅެފައިވެސް ނުބުނީ ޔުނާ ގާތު ބުނަން ޖެހިލުންވެގެން އުޅޭ ފަދައަކުންނެވެ. ކެތްމަދުވެފައިވާ ހިތަކާއެކީ ވީޑިއޯތައް އެއްކޮށް ބެލުމެއްވެސް ނެތި މަތިމަތިން ޔުނާ ވީޑިއޯ ބަލަން ފެށިތާ މާ ގިނައިރެއް ނުވެ ދޮންބެ އެ ވާހަކަ ދެއްކުން މުޅިން ހުއްޓައިފިކަން އެނގުނެވެ. ބާކީ ހުރި ވީޑިއޯތަކުގައި މުޅިން ވެސް ހުރީ ދޮންބެ ޔުނާއާއެކީ ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އާކޮށް ސަމާސާ ވާހަކަތައް ދައްކައި، ނަސޭހަތްތައް ދީ ޔުނާއަށް ޝުކުރުވެރިވާ ކަންތައް ކިޔައިދީފައެވެ. އެންމެ ފަހު ވީޑިއޯ ނިމުނުއިރު ވެސް ޔުނާ އެނގެން ބޭނުންވި ކަންތައް ނޭނގުމުން ޔުނާއަށް ގޮނޑިއަށް ލެނގިލަމުން ކުރު ނޭވައެއް ދޫކޮށްލެވުނެވެ. އެ ހިނދު އޭނާގެ އެސްފިޔަތައް ތެމި، އޭނާގެ އަރުތެރެ ބެދިފައިވިކަން ޔުނާއަށް އެނގުންވިއެވެ. ވީޑިއޯ ހުއްޓިފައިވި ހިސާބުން ދޮންބެ ހިނިތުންވެގެން ހުރި މަންޒަރު ފެނިފައި ޔުނާގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވެ ލޯ ފުސްވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި މޭގައި އުފެދިގެން ދިޔަ ރިހުމާއެކީ ޔުނާގެ ގިސްލުމުގެ އަޑު މުޅި ކޮޓަރީގައި ގުގުމަން ފެށިއެވެ.
**
އެދުވަހުގެ ޑިއުޓީގެ ތެރެއިން ޒިހާން ޝިއުސްއާ ދިމާވެގެން ދިޔައީ ބަންޑާރަކޮށީގެ ތެރެއިންނެވެ. ޝިއުސް، ޒިހާނާއި ދިމާވުމާއެކު ހިނިތުންވުމަކާއެކީ ބައްދާލަމުން ހާލު އަހުވާލު އެހިއެވެ.
"އިހަކަށް ދުވަހު ދޯ އައީ؟ މިތާ އުޅޭ އާ ކުދިން ކިޔާތީ އިވުނޭ ވަރަށް ނައިސް ޓީމް ލީޑަރެކޭ ތިމަންނަމެންނަށް ލިބިގެން އުޅެނީ. އިވުނު އިރަށް ހިތަށްއެރީ އެއީ ޒިހާނޭ......" ޝިއުސް ހިނިތުންވުމަކާއެކީ ބުނި ވާހަކައިން ޒިހާނަށް ހީލެވުނެވެ.
"އަހަރެން އެކަންޏެއް ނޫންކަން ނޭނގެދޯ ނައިސް މީހަކަށް ހުންނަނީ..... އެނީވޭސް، މިއަދު ސްޕެޝަލް ފޯސެސްގެ މީޓިންގްއެއް އޮތީ ކީއްވެބާ؟ އެއްކަލަ މީހުންނަކީ ކޮބައިކަން އެނގިއްޖެތަ؟" ޒިހާން ސީރިއަސްކަން ވެރިވެގެން ދިޔަ މޫނަކާއެކީ ސުވާލުކުރިއެވެ.
"ހުމް.... ޒިހާނަށް އެމްސްޓާޑަމްގައި ދިމާވި ހާދިސާގެ އަލީގައި އެއީ ކޮން ބައެއްކަން ޔަގީނާ ގާތްކުރެވުނު. އެމީހުންނަކީ އަހަރުމެންނަށް ޝައްކުކުރެވުނު މީހުން ހަމަ. އަބްދުﷲ ހަމީދާއި ޒިހާންގެ ވައިފް ހިންގާ ހޮޓެލުގެ މެނޭޖަރު އަހުމަދު ޔޫސުފް. ހަތިޔާރުތައް އެތެރެ ކުރާ ކަމަށް ބެލެވޭ ދެމީހުންނަކީ އެއީ. މީގެ އިތުރުން ވެސް އެހެން މީހަކު އެމީހުންނާއި ބައިވެގެން އުޅޭހެން ހީވޭ. އެކަމަކު އޭނާގެ ހަރަކާތްތައް ހުރި ގޮތުން އޭނާގެ މަގުސަދު ތަފާތުހެން ހީވަނީ. މިއަދު މީޓިންގް ބާއްވަން މިއުޅެނީ އެ ތިންވަނަ މީހާވެސް ރާއްޖެ އައިސްގެން އުޅޭކަމަށް ޝައްކުކުރެވޭތީއޭ ބުނާ އަޑު އެހިން......" ޝިއުސް ވެސް ސީރިއަސްކަމާއެކީ ވާހަކަ ދެއްކިއެވެ.
އެ އިވުނު ވާހަކަތަކުން ޒިހާން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ޒިހާންގެ ހަނދާނަށް އައީ އިހަކަށް ދުވަހު އޭނާއަށް ލިބުނު ފޯނު ކޯލެވެ. އެމީހަކު މަސައްކަތް ކުރަމުން ދަނީ އޭނާގެ ބައްޕައާއި އަތު ގުޅާލައިގެން ކަމަށް ބުނެލި ބުނެލުމެވެ. ޒިހާން އޭނާގެ އަމިއްލަ ހިޔާލުތަކުގައި ވަނިކޮށް ޝިއުސް ވާހަކަ ދެއްކިއެވެ. މީޓިންގްއަށް ދާ ގަޑި ޖެހެނީ ކަމަށް ބުނެ ހިނގާށޭ ބުނެލިއެވެ. އެއާއިއެކު ޒިހާން ޝިއުސްއާއެކީ އާއްމުކޮށް ބައްދަލުވުންތައް ބޭއްވޭ މާލަމަށް ދާން ހިނގައިގަތީ އެ ދެމީހުންނަކީ ވެސް މިފަދަ ހާލަތްތަކުން ގައުމު ދިފާއުކުރާ ސްޕެޝަލް ފޯސެސްއަށް ނިސްބަތްވާ ދެމީހުން ކަމަށް ވާތީވެއެވެ.
**
އެދުވަހުގެ ދިގު ބައްދަލުވުމަށްފަހު ރާވަން ޖެހުނު ރޭވުންތަކުގެ މަސައްކަތް ބުރަވުމުން ޒިހާނަށް އެރޭ ގެއަށް ދިއުމަށްޓަކައި ބަންޑާރަކޮށިން ނިކުމެވުނީ ވެސް 8 ޖަހައި ބޮޑުވި ފަހުންނެވެ. ގެއަށް ދިޔަ މަގުމަތީގައިވެސް ޒިހާންގެ ސިކުނޑިއަށް ހާސްކަމެއް ވެރިވެފައިވީ ކުރީ ފަހަރެކޭ ވެސް އެއްފަދައިން މި ފަހަރު ވެސް އޭނާ ހަނގުރާމައާ ކުރިމަތިލާން ޖެހިފައިވަނީ އޭނާގެ ބައްޕައާކަން އެނގުންވުމުންނެވެ. އެހެނަސް މިފަހަރު އެ ބައްޕައާ ދިމާވާނެ ކަމާ މެދު ޒިހާނަށް ޝައްކުކުރެވުނެވެ. މިފަހަރު ހަމަލާ އަންނަން އުޅެނީ މާލެއާއެކީ ކޮންމެވެސް އެހެން ރަށަކަށް ކަމަށްވެސް ބެލެވޭތީވެއެވެ. އެހެން ގައުމެއްގެ ބަޔަކާ ގުޅިގެން ހަމަލާދޭން އުޅޭ އެ ބައެއްގެ މަގުސަދަކީ ރާއްޖެއަށް އަތްގަދަ ކުރުން ކަމަށް ވެސް ބެލެވެއެވެ.
މި ހުރިހާ ކަމަކާ ހެދި ހޮޓެލާ ހަމައަށް އާދެވުނުއިރު ވެސް ޒިހާނަށް ހުއްޓުމެއްނެތި އެ ކަންތައްތަކާ މެދު ވިސްނެމުން ދިޔައެވެ. ހޮޓެލްގެ އެންމެ މަތީ ފަންގިފިލާއަށް ގޮސް ކޮޓަރިއާ ހަމައަށް ދިޔައިރު ވެސް އެ ހިޔާލުތަކަށް ނިމުމެއް ނައެވެ. އެހެނަސް ޒިހާން ލޯ މަރައިލަމުން ފުން ނޭވައެއް ދޫކޮށްލީ އޭނާގެ ސިކުނޑި ހަމައަކަށް އެޅުވުމަށެވެ. އެއަށްފަހު ލޯ ހުޅުވައިލަމުން ހިނިތުންވެލީ އެ ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލައި ޔުނާއަށް ހުރިހާ ސަމާލުކަމެއް ދިނުމަށެވެ. މިއަދު އޭނާއަށް އިވުނު އެއްވެސް ވާހަކައެއްގެ ހިލަމެއް ވެސް ޔުނާއަށް ދޭން ބޭނުމެއް ނުވުމުންނެވެ.
މޫނުމައްޗަށް ހިނިތުންވުމެއް ފަތުރައިގެން ހުރެ ޒިހާން އެ ރޫމްގެ ބެލް އަޅުވާލީ އޭނާގެ އަތުގައި ކާޑު ނެތުމުންނެވެ. ބެލް އަޅުވާލިތާ މާ ގިނައިރެއްނުވެ ދޮރު ކުޑަކޮށް ހުޅުވިގެން ދިޔައެވެ. ހަނި ދާއިރާގެ ތެރެއިން ޒިހާނަށް ފެނިގެން ދިޔައީ އަތްދިގު ނޫކުލައިގެ ކުރުތާއަކާއި ހުދުކުލައިގެ ހަރުވާޅަކާއެކީ ހުރި ޔުނާއެވެ. ޔުނާ އެހާ ހަނިކޮށް ދޮރު ހުޅުވައިގެން ހުރީ ބުރުގާ ނާޅާ ހުންނާތީވެކަން އެނގި ޒިހާނަށް ވާހަކަ ދެކެވުނެވެ.
"ކޮބައިހޭ ކޮބައިހޭ މަގޭ ލޯބި ޔުނޫ....." ޒިހާން ރާގަކަށް ކިޔަމުން ލަސްލަހުން ދޮރު ހުޅުވަމުން ދިޔަހެން ޔުނާވެސް ދޮރާ އެކީގައި ފަހަތަށް ޖެހެމުން ދިޔައެވެ. ދޮރު ރަނގަޅަށް ހުޅުވައިލެވުމުން ޒިހާން ކޮޓަރިއަށް ވަދެ ކުއްލިއަކަށް ދޮރު ލައްޕާލަމުން މިހިރީ ނޫންހޭ ބުނެ ޔުނާ ނަގައި އުރާލި ގޮތުން ޔުނާއަށް ވެސް ހީލެވުނެވެ. ޔުނާގެ ހީލުމުގެ އަޑު ކަންފަތުގައި ޖެހުމާއެކުހެން ޒިހާން އޭނާގެ ހުރިހާ ހާސްކަމެއްގެ މަތިން ހަނދާން ނެތިގެން ދިޔައެވެ. ހިނދުކޮޅެއް ވަންދެން ޔުނާ އުފުއްލައިގެން ހުރުމަށްފަހު ޒިހާން ޔުނާ ތިރީގައި ބެހެއްޓިއެވެ.
"ސޮރީ އިނގޭ ލޯބި..... މިއަދު ހަމަ ބިޒީވީ ވަރުން ލަސްވީ. ލަސްވީމަ ލޯބިއަށް ޓްރީޓެއްވެސް ދޭހިތުން މިހިރީ. ހިނގާދޯ ބޭބީއާއެކީ ޑޭޓަކަށް ދާން؟ ޗޭންޖްކޮށްގެން އައިސް ހުރީމަ ބޭބީއަށްވެސް ލަސް ނުވާނެތާ...." ޒިހާން ލޯތްބާއެކީ ޔުނާގެ މޫނުގައި އެއްއަތުން ހިފަހައްޓައިގެން ހުރެ އެއްލޯ މަރައިލަމުން ބުންޏެވެ. ޒިހާން އައީ އެކޮޅުގައި ހުރެ ޔުނިފޯމް އާދައިގެ ހެދުމަކަށް ބަދަލުކޮށްގެނެވެ. އެ ވާހަކަ ބުނުމަށްފަހު ޒިހާން އިތުރަށް ވެސް ވާހަކަ ދައްކަން އުޅުނެއްކަމަކު ޔުނާގެ ދުޅަވެފައިވާ ދެލޯ ފެނިފައި އޭނާ ހުއްޓުން އަރާ ގޮތްވިއެވެ. ހަމަ އެހިނދު ގޮށެއް ޖެހިފައިވާ ޔުނާގެ އިސްތަށިގަނޑު ހޭވިފައިވިކަން ވެސް ފާހަގަވިއެވެ.
"އާނދޯ؟ ހިނގާ.... ދުވަސްވެއްޖެދޯ ޑޭޓަކަށް ނުދެވޭތާ. ތައްޔާރުވެގެން އަންނާނަން އިނގޭ...." ޔުނާ ވާހަކަ ދެއްކިއިރު އެ ތުންފަތްމަތިން ފަނޑު ހިނިތުންވުމެއް ފެނުނު ގޮތުންނާއި އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔަ ގޮތުން ޒިހާންގެ ހިތަށް އުނދަގޫވާ ގޮތްވިއެވެ. ޔުނާ އޭނާއަށް ފަސްދީފައި ދާން އުޅުމުން ޒިހާން ޔުނާގެ ދެކޮނޑުގައި ހިފައި މަޑުކުރުވިއެވެ.
"ކިހިނެއްވީ ޔުނޫ؟ ރޮއިފަތަ ތިހިރީ؟" ޒިހާން ޔުނާގެ އެއްލޮލުގެ ކައިރިން ބޮޑުވާ އިނގިލި ހިންގަމުން އެހިއެވެ. އެއާއެކު ޔުނާ އިސްއުފުލައިލި ހިނދު އެލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ޒިހާނަށް ކަންބޮޑުވުމަކާއެކީ ތަކުރާރުކޮށް ކިހިނެއްވީތޯ އެހުމުން ޔުނާ ޖަވާބު ދިނެވެ.
"ދޮންބެ....." ޔުނާއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. އެއާއެކު ޒިހާންގެ ދެބުމަ ކައިރިވިއެވެ.
އޭގެ އިރުކޮޅެއްފަހުން ޒިހާން އިނީ ޔުނާއާއެކީ އެނދުމަތީގައި އިށީނދެގެން ޔުނާގެ އުނގުގައި ބެހެއްޓިފައި ހުރި ލެޕްޓޮޕަށް ބަލަހައްޓައިގެންނެވެ. ޔަޒްދާން ދެމުން ދިޔަ ނަސޭހަތްތައް ދެވަނަ ފަހަރަށް އަޑު އިވެމުން ދިޔަދިޔަހެން ޔުނާ ވަރެއްނެތް ފަދައަކުން ޒިހާންގެ ކޮނޑުގައި ބޯއަޅައިލިއެވެ. ވީޑިއޯތައް ބެލުމުގެ ކުރިން ޔުނާ ވަނީ ދޮންބެއަށް މަރުގެ އިންޒާރުތައް ލިބުނު ވާހަކަ ޒިހާނަށް ކިޔައިދީފައެވެ. އެހެނަސް އެއްވެސް ވީޑިއޯއެއްގައި އެ އިންޒާރުތައް ދިނީ ކާކުކަން ދޮންބެ ކިޔައިދީފައި ނުވާކަމަށް ޔުނާ ބުނެފައިވަނީ ރޮވިފައި ހުރެއެވެ. އެމީހަކީ ކާކުކަން އެނގެން ބޭނުންވި މިންވަރުންނާއި އޭނާގެ ހިތަށް އަސަރުކުރާ ވަރުން އޭނާއަށް އެ ވީޑިއޯތައް މުޅިން ނުބެލޭ ވާހަކަ ވެސް ޔުނާ ބުންޏެވެ.
ދެމީހުން އެ ވަގުތު އެކީގައި ތިބެ އެ ވީޑިއޯތައް ބަލަން ފެށީ ޒިހާން ދިން ހިޔާލެއްގެ މަތިންނެވެ. ޔުނާ އެ ވީޑިއޯތައް ބަލަން ނުކުޅެދެނީ ޔުނާއަށް އަދިވެސް ދޮންބެގެ މަރަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ކުރެވޭތީވެކަން ޒިހާނަށް އެނގޭތީވެއެވެ. ޒިހާން ބޭނުންވީ ޔުނާގެ ދޮންބެ ޔުނާ ދެކެ ކިހާ ލޯބިވާކަން ޔުނާއަށް އިހުސާސްކޮށްދޭށެވެ.
އެކަން ކާމިޔާބުވާ ގޮތްވެސް ވިއެވެ. ވީޑިއޯތަކުގެ އެއްވެސް ބައެއް ވައްޓާނުލައި ބަލަމުން ދިޔަދިޔަހެން ދޮންބެ އޭނާ ދެކެ ލޯބިވާ މިންވަރު ޔުނާގެ ހިތަށް ނަގައިގަނެވުނެވެ. ޔުނާގެ މުސްތަގުބަލާ މެދު ދޮންބެ ވިސްނި މިންވަރުވެސްމެއެވެ. ކޮންމެވެސް އެއް ވީޑިއޯއެއްގައި ދުރުދުރުން ޒިހާންގެ ވާހަކަވެސް ދެކެވެން ފެށިހެން ހީވުމުން ދެމީހުންނަށް ވެސް އެއަށް ސަމާލުކަން ދެވުނެވެ.
"މިރޭ މިއުޅެނީ ސްޕެޝަލް ފޯސެސްގެ ޓްރެއިނިންއަށް ލަންކާއަށް ފުރަން. އެނގޭ ޔުނޫ ގާތު ފޯނުން މި ވާހަކަ ބުނެވިފައިވާކަން އެކަމަކު މި ވީޑިއޯގައި މި ހިމަނާލަނީ ދޮންބެއަށް ނުބުނެވުނު ވާހަކަތައް. މިފަހަރު މި ޓްރެއިނިންއަށް ދޮންބެމެންނާއެކީ އެބަ އާދޭ ވަރަށް ހާއްސަ ކުއްޖެއް. ޔުނޫ ދެކެ ވަރަށް ލޯބިވާ އަދި ޔުނޫއާ އިންނަން ވެސް ބޭނުންވާ ކުއްޖެއް. އެކުއްޖާއާ ޔުނޫ ބައްދަލުކުރުވަން ދޮންބެ ވަރަށް ބޭނުން. އެކަމަކު އެނގޭ ކައިވެނީގެ ވާހަކަ ދެއްކިޔަސް ޔުނޫ ފޫހިވާނީކަން. އެނީވޭސް، ޔުނޫއާ ހެދި ވަރަށް ކިޔުނީމޭ އެކުއްޖާ ކައިރި މިހާ ބުރަ ކަމެއްގެ ތެރެއަށް ނުވަންނާށޭ. މީގެ ތެރެއަށް ވަނީމަ ޒާތީ ދުޝްމިނުން ވެސް ގިނަވުން ނޫންކަމެއް ނުވާނެއޭ. ޔުނޫއާ އިން ދުވަހަކުން ޔުނޫވެސް ކިހާ ކަންބޮޑުވާނެހެއްޔޭ. އެކަމަކު އެއީވާ ހިތްވަރުގަދަ ފަހުލަވާނެއް. މަށަށް ޔަގީން މި ޓްރެއިނިންއަށް ދާ އެންމެންނަށް ވުރެ ކުރިން އޭނާ ދަސްކުރަންޖެހޭ ހުރިހާ ހުނަރެއް ދަސްކުރާނެކަން. މި ސަބަބާ ހެދި ވެސް އޭނާއާ ޔުނޫ ވަރަށް ގުޅޭ....." ޔަޒްދާން ހިނިތުންވުމަކާއެކީ އެހެން ބުނި ވަގުތު ޔުނާއަށް ވީޑިއޯ މަޑުކޮށްލެވުނެވެ.
"ޒިހާން ހުންނަނީ ސްޕެޝަލް ފޯސެސްގަތަ؟" ޔުނާ ޒިހާނާ ދުރުވެލަމުން އެހެން އަހާލީ ހައިރާންކަމާއި ކަންބޮޑުވުން އެކުލެވޭ ފަދަ ގޮތަކަށެވެ.
"ހުމް.... އިމްޕްރެސިވް ދޯ؟" ޒިހާން ހިނިތުންވުމަކާއެކީ ބުނެލިއެވެ.
"އިމްޕްރެސިވްއެއް ނޫން! ޑޭންޖަރަސް..... ކޮންމެވެސް އެހެން ވީޑިއޯއަކުން ދޮންބެ ބުނި ތިމަންނަ ހިންގި އޮޕަރޭޝަނެއްގެ ސަބަބުން ތިމަންނައަށް އެމީހަކު ދެމުން ދިޔަ އިންޒާރުތައް ގިނަވިއޭ.... ޒިހާނަށް އެކަހަލަ ގޮތެއް ދިމާވެއްޖެއްޔާޔޯ؟ ދޮންބެ ގޮތަށް.... ޒިހާން ވެސް..." ޔުނާ އެވަގުތު ޖަޒުބާތުގައި ޖެހިފައިވުމުން ވިސްނުނީ އެންމެ ނުބައިކޮށެވެ. އިސާހިތަކު ޔުނާގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އެއާއެކު ޒިހާން ޔުނާ ގެނެސް އޭނާގެ އަތުތެރޭގައި ފޮރުވައިލިއެވެ.
"އެއްވެސް ކަމެއް ނުވާނެ ޔުނޫ، އިން ޝާ ﷲ! އައި ޕްރޯމިސް ޔޫ...." ޒިހާން ގިސްލެވެމުން ދިޔަ ޔުނާގެ ބޮލުގައި ފިރުމަމުން އެހެން ބުނެލީ އެ ވައުދު ފުއްދަން ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައަޅަމުންނެވެ. އޭނާ ކުރިމަތިލާން އުޅޭ ދުޝްމިނަކީ ކިތަންމެ ހަތިޔާރުތައް ހުރި ބާރުގަދަ ލަޝްކަރަކަށް ވިޔަސް ހައްގަށް ނަސްރު ލިބުމަށް އެދި ހިތާހިތުން ދުއާކުރާ ހާލުގައެވެ.
ވާހަކަ
ވާހަކަ