(03 ޑިސެމްބަރުގެ އަދަދާ ގުޅޭ)

سعد ވިދާޅުވިއެވެ. "އެންމެ ރަނގަޅު! އަޅުގަނޑު މަޖުބޫރެއް ނުކުރަން. އެކަމަކު إدريـس ހަނދުމަފުޅު ކުރައްވާތި! ކަލާ އިޝްބީލިއްޔާއަށް ވަޑައިގެންފައި ކޮންމެހެންވެސް އަޅުގަނޑުމެންގެ ގެއަށް ޚަބަރު ފޮނުއްވާތި! އިރާދަކުރެއްވިއްޔާ ދުވަސްކޮޅެއްގެ ފަހުން އަޅުގަނޑުވެސް ޣަރުނާޠާއަށް ދާނަން."

"ކަލާ ދުވަހަކުވެސް އިޝްބީލިއްޔާއަކަށް ވަޑައެއް ނުގަންނަވާނުތޯއެވެ؟"

سعد ކުޑަކޮށް މަޑުކޮށްލައްވައިފައި ވިދާޅުވިއެވެ. "މިވަގުތު އަޅުގަނޑަކަށް ވަކި ޖަވާބެއް ނޭރުވޭނެ. އެކަމަކު އަޅުގަނޑަށް ހީވާގޮތުގައި ކޮންމެވެސް ދުވަހަކުން އިޝްބީލިއްޔާއަކީ އަޅުގަނޑުގެ ޙަޔާތުގެ އެންމެ މުހިއްމު މަންޒިލް ކަމުގައި ނުވެއެއް ނުދާނެ. އަޅުގަނޑުމެން ދެމީހުން ދެން ބައްދަލުވާނީ ކޮންތަނަކުން ކޮން ހެދުމެއްގައިކަން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތް اللّـه. އެކަމަކު އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން ދެމީހުންނަށް އެއްވެސް އުނދަގުލަކާނުލައި އެކަކު އަނެކަކު އޮޅުންފިލުވޭނެ."

ميـمــونـة އިންނެވީ ވަރަށް ވިސްނުންތެރިކަމާއެކު سعد އާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. އޭނާގެ އުމުރުފުޅަކީ ކުޑަކުދީންގެ އުމުރާއި ފުރާވަރަށްއަރާ އުމުރާ ބައްދަލުވުމުގެ މަރުޙަލާއެވެ. އެ އުމުރުގެ އަންހެންކުދީންގެ ޝުޢޫރުތަކަކީ މާފުންކޮށް މާގިނަ ދުވަހަށް ދެމިހުންނަ އެއްޗެއް ނޫނެވެ. ވޭތުވެދިޔަ ގަޑިތަކުގައި އޭނާގެ ހިތްޕުޅުގައި سعد އާ މެދު އުފެދިފައިވާ ޝުޢޫރުތަކަކީ سعد އަކީ އޭނާގެ ބޭބެގެ ރަޙުމަތްތެރިއެއްކަމެވެ. އޭނާ ميـمــونـة އަށް ހަމްދަރުދީ ވެވަޑައިގަންނަވަނީ އެހެންވެގެންނެވެ. سعد ވަރަށް އޯގާތެރިއެވެ. ވަރަށް ހިތްވަރުފުޅު ގަދައެވެ. އޭނާ އުޅުއްވަނީ ميـمــونـة އާ ކުރިމަތިވެފައިވާ މުސީބާތުން އޭނާ ސަލާމަތްކުރައްވާށެވެ. އެއްފަހަރަކު سعد ދުންޏެއް ޖައްސަވައިގެން އޭނާގެ ހޭމަ ގަހަކުން ވައްޓަވައިދެއްވިއެވެ. ميـمــونـة އޭނާގެ ރައްޓެހިފުޅު އަންހެންކުދީންގެ ގާތުގައި ވިދާޅުވެ އުޅުއްވިއެވެ. ޤުރުޠުބާގައި ދުނިހެވިކަމަށް އެންމެ މޮޅުފުޅީ އޭނާގެ ބޭބެގެ ރަޙުމަތްތެރިޔެކެވެ. އޭގެ ފަސްއަހަރު ފަހުން ميـمــونـة އަށް سعد ފެނިވަޑައިގެންނެވީ ސިފައިންގެ މީހެއްގެ ހެދުމުގައެވެ. އޭނާގެ ހިތްޕުޅަށް އަރައެވެ. "އަހަރެން އިޝްބީލިއްޔާއިން އަލަށް ރަޙުމަތްވާ ކުދީންނަށް މިވާހަކަ ކިޔައިދޭނަމެވެ."

سعد ކުއްލިއަކަށް ميـمــونـة އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ميـمــونـة! ކަލާއަށްވެސް އަޅުގަނޑަކީ ކާކުކަން އެނގިވަޑައިގަންނަވާނެ ދޮގެއްތޯ؟

ميـمــونـة ލުއިލުއި ހިނިފުޅުވަޑުވައިލެއްވުމަކަށްފަހު އިސްދަށަށް ޖައްސަވައިލައްވައިފިއެވެ. އެބޭފުޅުން ފުރައިވަޑައިގެންނެވުމަށްފަހު ވަރަށް ދުރަށް ވަޑައިގެންނެވެންދެން ميـمــونـة އިރުއިރުކޮޅުން ފަހަތަށް އެނބުރިވަޑައިގެން سعد އާ ދިމާޔަށް ބައްލަވަމުން ގެންދެވިއެވެ. سعد ގެ ވާހަކަފުޅު އޭނާގެ ކަންފަތްޕުޅުގައި މެދުކެނޑުމެއްނެތި ގުގުމަމުން ދިޔައެވެ. އޭނާ އިންނެވީ ޚިޔާލުފުޅުތަކުގެ އާ ދުނިޔެއެއްގައެވެ. މުސްތަޤުބަލުގެ ނޭނގޭ ކޮންމެވެސް މަގެއްގެ ހަތަރު އަނގޮޅިއެއްގައިހުރި ބޭރުމީހެއް އޭނާގެ އަރިހުގައި ދަންނަވައެވެ. "ميـمــونـة! އަޅުގަނޑަކީ ކާކުކަން ކަލާއަށް އެނގިވަޑައިގަންނަވާ ދޮގެއްތޯ؟" ميـمــونـة އޭނާގެ މާޒީގެ ފަނޑު މޫނުބަލާ ލޯކޮޅުން އެމީހަކު ފާހަގަކުރެއްވޭތޯ މަސައްކަތްޕުޅު ކުރައްވަނީއެވެ. އޭނާގެ ހިތްޕުޅުގެ މަޢުޞޫމް އަދި ހިތްގައިމު، ލުއިލުއި ވިންދުތައް ދަންނަވަމުން ގެންދިޔައެވެ. "މި ހިލޭ މީހާއަކީ سعد ފިޔަވައި އެހެންމީހަކު ކަމުގައި ނުވާނެ ނަމައެވެ!"

إدريـس ފުރައިވަޑައިގެންނެވިތާ އިރުކޮޅެއްގެ ފަހުން سعد އާއި المـــاس އާ ދެބޭފުޅުން ބީރައްޓެހި ދަނޑުވެރީންގެ ހެދުމުގައި ރަށާ ދިމާއަށް މިސްރާބު ޖައްސަވައިފިއެވެ. سعد ގެ ކޮނޑުފުޅުމަތީގައި ހުރީ އާފަލު ވަށިގަނޑެކެވެ. المـــاس ގެންދިޔައީ ކުކުޅު މުޅިއެކެވެ.

سعد ތިންހަފްތާ ވަންދެން ޤުރުޠުބާގައި ހުންނެވިއެވެ. އެމުއްދަތުގެ ތެރޭގައި ذوالـنّــون ފާތިޙެއްގެ ހައިސިއްޔަތުން ޤުރުޠުބާއަށް ވަޑައިގެންފިއެވެ. ބައެއް މީހުން ހީކޮށްގެންތިބީ ذوالـنّــون ފެނުމުން ޤުރުޠުބާގެ އަހުލުވެރީންގެ ޣީރަތްތެރިކަން ކެކިއުތުރިގެންފާނެ ކަމުގައެވެ. ނަމަވެސް އެމީހުންނަށް ޖެހުނީ މާޔޫސްވާށެވެ. ذوالـنّــون އާ އިސްތިޤުބާލުކުރަން އިބްނު ޢަކާޝާ ނުކުތްއިރު ޤުރުޠުބާގެ ނުފޫޒުހުރި އަމީރުން އޭނާގެ ވަށައިގެން ތިއްބެވެ. ތިމާމެންގެ އާ ވެރީން އުފާކުރުވުމަށްޓަކައި ރަށުތެރެއާއި ބާޒާރުމަތި ޒީނަތްތެރި ކުރުމަށްޓަކައި ވިޔަފާރިވެރީން ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވައެވެ. އިބްނު ޢަކާޝާގެ ސިފައިންނާއި ފުލުހުންގެ އަމުރަށް އާއްމުން ނުކުމެ މަގުގެ ދެފަރާތުގައި ހަށަންބަނދެލައިގެން ތިއްބެވެ. ذوالـنّــون ގެ ޖުލޫސް އައްޒަހުރާއަށް ވަނުމާއެކު ރަށުގެ ހުރިހާ ދޮރޯށިތަކެއް އާއްމުކޮށް ހުޅުވައިލެވިއްޖެއެވެ. އެއްވެސް މީހަކު އަޑުގަދައެއް ނުކުރެއެވެ. އެއްވެސް މީހަކު މުޒާހަރާއެއް ނުކުރެއެވެ. ޤުރުޠުބާގެ މިނިވަންކަމަށް ލޯބިކުރާ މީހުން ލޭގެ ކޯވަރުތައް ދިރުވައިލައިގެން ހިމޭނުން ތިބީއެވެ.

އެރޭ އިރުއޮއްސުނުފަހުން ރަށުތެރޭގެ ހަތަރު އަނގޮޅިއެއްގައި އެއްވެތިބި މީހުން ޝައުޤުވެރިކަމާއެކު އަޑުއަހަންތިބީ معـتـمـد އާއި ذوالـنّــون އާ ދެބޭފުޅުންކުރެ ޤުރުޠުބާއަށް އަރައިވަޑައިގަތުމުގެ ރަސްމިއްޔާތު ކުލަގަދައީ ކޮންބޭފުޅެއްގެތޯ ދެމީހަކު ކުރި ބަހުސެކެވެ. އުމުރުން ދުވަސްވެފައިހުރި މީހެއް އިރުކޮޅެއްވަންދެން އެ ބަހުސު އަޑުއަހަން ހުރެފައި ހިނގައިގަންނަމުން ބުންޏެވެ. "ޝައިޠާނާ ޤުރުޠުބާއަށް އައިކަމުގައިވިޔަސް މިރަށުގެ މީހުން އޭނާގެ އިސްތިޤުބާލަށް ނުކުންނާނެ. މިޤައުމު ދެން ސަލާމަތްވާނީ ހަމައެކަނި މުޢުޖިޒާއަކުން!"

އޭގެ ފަސްއަހަރު ކުރީން معـتـمـد ގެ ގަވަރުނަރާއި އޭނާގެ ވަޒީރު ޖަލުގައި ބަންދުކުރެއްވި ޤައުމުދެކެ ލޯބިފުޅުވާ ބޭފުޅުންގެ ކުރިފުޅުމައްޗަށް އިބްނު ޢަކާޝާ ހުށަހެޅި މިނިވަންކަމުގެ ޝަރުޠަކީ ذوالـنّــون އަށް ބައިޢަތު ހިއްޕެވުމެވެ. ނަމަވެސް ދާދި މަދުބޭފުޅަކު ފިޔަވައި އެހެން ބޭފުޅުން އެ ޝަރުޠުގެ މަތީން މިނިވަންކަން ހޯއްދަވާކަށެއް އެއްބަސްވެވަޑައި ނުގެންނެވިއެވެ. އިބްނު ޢަކާޝާގެ ކުރިމައްޗަށާއި ذوالـنّــون ގެ އަރިހަށްވެސް عبـدالمـنعــم ހާޒިރުކުރެވުނެވެ. އޭނާ إبـن عمّــار ގެ ދަރުބާރުގައި ކަންތައް ކުރެއްވި ފަދައިން އިބްނު ޢަކާޝާއާއި ذوالـنّــون ގެ ކުރިފުޅުމަތީގައިވެސް އޭނާ ޙައްޤު ބަސް ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ.

"މީގެ ފަސްއަހަރު ކުރީން މަގުފޭރޭ މީހަކަށް ބައިޢަތު ހިފުމާ އަޅުގަނޑު ދެކޮޅުހެދީން. އެކަމާހުރެ އޭނާ އަޅުގަނޑު ޖަލަށްލެއްވި. މިއަދު މަގުފޭރޭ އެހެންމީހަކު އަޅުގަނޑު ޖަލުން ނެރެފައި އަންގަނީ އޭނާއަށް ބައިޢަތު ހިފަން. އެހެންކަމުން ހަމަ އެޖަލަށް އެނބުރިދާން ތައްޔާރުވުން ނޫން އެހެންގޮތެއް އަޅުގަނޑުގެ ކުރިމައްޗަކު ނެތް."

ذوالـنّــون ވިދާޅުވިއެވެ. ކަލާގެ ތިޔަ އެދިވަޑައިގަތުން ފުރިހަމަކުރެވޭނެ. ނަމަވެސް އަޅުގަނޑަށް ހީވަނީ މިހާރު ޤުރުޠުބާގެ ޖަލު ކަލާއަކަށް ކަމަކު ނުދާނެހެން."

ދުވަސްކޮޅެއްގެފަހުން އެއްރެއެއްގެ ރޭގަނޑު عبـدالمـنعــم އާއި އޭނާގެ ވިހި އެކުވެރީން ޤުރުޠުބާގެ ޖަލުންނެރެ ޠުލައިޠުލާއަށް ފުރުވައިލައިފިއެވެ. އެކަން ސިއްރު ކުރެވުނުލެއް ވަރުގަދަކަމުން ޤުރުޠުބާގެ އެކަކަށްވެސް އެކަން ރޭކައެއް ނުލިއެވެ. އާއްމުންގެ ހިތްތައް ހަމަޖައްސައިދިނުމަށްޓަކައި އިބްނު ޢަކާޝާ އިޢުލާނުކުރީ އޭނާ އައްޒަހުރާ ހިފުމުގެ ކުރީން عبـدالمـنعــم އާއި އޭނާގެ އެކުވެރީން ޖަލުން ފިލައިވަޑައިގެންފި ކަމަށާއި އެކަން ހިނގައިފައިވާގޮތެއް ބަލަމުން ގެންދާކަމުގައެވެ. އިބްނު ޢަކާޝާ އެގޮތަށް އިޢުލާނުކުރިތާ ދެދުވަސްފަހުން ޖާމިޢު ޤުރުޠަބާގައި މީހަކު އިޢުލާނު ކުރިއެވެ. "އަހަރެންވެސް ބަންދުކޮށްފައިހުރީ عبـدالمـنعــم ގެ އަރިހުގައެވެ.

عبـدالمـنعــم އާއި އަހަރެންގެ އެހެނިހެން އެކުވެރީން އެއްރެއަކު ޖަލުން ފިލައިވަޑައިގަންނަވާން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ފާރަވެރީން އެބޭފުޅުން ހައްޔަރުކޮށްފިއެވެ. ޖަލުގެ ބަނޑޭރިއަށް އެބޭފުޅުންނަކީ ނުރައްކާތެރި ކުށްވެރީންކަމުގައި ފެނިގެން އޭނާ އެބޭފުޅުން ޤަތުލު ކުރައްވައިފިއެވެ. އޭރު އަހަރެން އުޅުނީ ބަލިވެއެވެ. އެހެންކަމުން އަހަންނަކަށް ޖަލުން ފިލުމުގެ ރޭވުމުގައި ބައިވެރިއެއް ނުވެވުނެވެ. އަހަރެން ޤަތުލުނުވެ ސަލާމަތްވީ އެސަބަބާ ހުރެއެވެ." މި އިޢުލާނުކުރި މީހަކީ ޖަލުން ސަލާމަތްވުމަށްޓަކައި ذوالـنّــون އަށް ބައިޢަތުހިފި މީހެކެވެ. އޭނާ މިސްކިތުގައި އެވާހަކަ ދެއްކީ އިބްނު ޢަކާޝާގެ އަމުރަށެވެ.

އެއަށްފަހު އިބްނު ޢަކާޝާ އޭނާ ގަނެފައިތިބި ޢިލްމުވެރީން މެދުވެރިކޮށް ފަތުރަމުން ގެންދިޔަ ވާހަކައަކީ عبـدالمـنعــم އާއި އޭނާގެ އެކުވެރީންގެ ބަދަލު ނުހިފައި ޤުރުޠުބާގެ މީހުން ހިމޭނުން ނުތިބޭނެ ވާހަކައެވެ. އެއްދުވަހަކު ذوالـنّــون އަމިއްލަފުޅަށް ޤުރުޠުބާގެ މިސްކިތަށް ވަޑައިގެން ވާހަކަ ދެއްކެވިއެވެ. "އެ އަބްޠާލުން ޤަތުލު ކުރެވުނީތީ އަހަރެން ވަރަށް ބޮޑަށް ހިތާމަކުރަން. އަހަރެން ޤުރުޠުބާގެ ރައްޔިތުންނަށް ޔަގީންކޮށްދެން. އަހަރެންގެ ޚަޒާނާއިން ބޭފުޅުންގެ ތުއްޕުޅު ބޭފުޅުން ބެލެހެއްޓުމުގެ ހުރިހައި އިންތިޒާމުތަކެއް ހަމަޖައްސާނަން."

سعد އޭނާގެ ގޭގެ ކޮޓަރިޔެއްގައި ފޮތެއް ވިދާޅުވާން އިންނެވިއެވެ. المـــاس ކޮޓަރިޔަށް ވަނުމުން سعد ފޮތް ލައްޕައިލައްވައިފައި ސުވާލު ކުރެއްވިއެވެ. "المـــاس ބޭބޭ ފުލުހުންގެ ވެރިޔާ ވިދާޅުވީ ކީކޭތަ؟"

"އޭނާ ވިދާޅުވީ އަޅުގަނޑުގެ ސާހިބާގެ ބޭފުޅުންނަށް ޣަރުނާޠާއިން މިރަށަށް ވަޑައިނުގެންނެވިއްޖެނަމަ ރަސްގެފާނުގެ ކުރިފުޅުމައްޗަށް ހާޒިރުވާން ޖެހޭނެކަމަށް."

"ބޮޑުބޭބެ ނުބުނީ ކީއްވެ. އަހަރުމެން ސަރުކާރުގެ އެހީއެއް ބޭނުމެއް ނޫނޭ."

"އަޅުގަނޑު އެހެން ބުނިން. ނަމަވެސް އޭނާ ވިދާޅުވީ އަޅުގަނޑަކީ މޮޔައެކޭ. ذوالـنّــون ގެ ޙިމާޔަތަކީ އާދައިގެ ކަމެއްނޫނޭ. ތިޔަބޭފުޅުންނަށް އަވަހަށް ވަޑައިގަންނަވާން ދަންނަވާށޭ."

سعد އިރުކޮޅަކު ވިސްނައިވަޑައިގަތުމަށްފަހު ވިދާޅުވިއެވެ. "ބޮޑުބޭބެ المـــاس! އަހަރެން މާދަމާ ފުރާނަން. އަހަރެން މިދަނީ ބައްޕާފުޅު ޤަތުލުނުކުރެވޭކަމުގެ ޔަގީންކަމުގައިހުރެ. އިބްނު ޢަކާޝާ އެބޭފުޅުން ޤުރުޠުބާއިން ބޭރު ކޮންމެވެސް ތަނަކަށް ފޮނުވައިލީ. އެބޭފުޅުން ޤަތުލު ކުރެވުނުނަމަ އިބްނު ޢަކާޝާ އެކަން އިޢުލާން ނުކޮށް އެތައްދުވަހަކު ލަސްކުރުމުގެ ބޭނުމެއްނެތް. އޭނާ އެބޭފުޅުން ޤަތުލުވި ޚަބަރު ފަތުރާންފެށީ ذوالـنّــون ވަޑައިގެންނެވިފަހުން. އޭނާގެ ހިތުގައި ޤައިދީންނާމެދު ހަމްދަރުދީއެއް އޮތްނަމަ ޤުރުޠުބާ ހިފުމާއެކު އޭނާ އެބޭފުޅުންގެ ޚަބަރު ބެލީސް. އަހަރެންގެ ހިތް ބުނާގޮތުގައި ބައްޕާފުޅާއި ބައްޕާފުޅުގެ އެކުވެރީން ذوالـنّــون އަށް ބައިޢަތު ހިއްޕަވާން އިންކާރު ކުރައްވާނީ. އެކަމާހުރެ އެބޭފުޅުން ކޮންމެވެސް އެހެން ޖަލަކަށް ފޮނުވައިލެވުނީ. އެބޭފުޅުން ޤަތުލުވިކަމުގައިވާނަމަ އެބޭފުޅުންގެ ޤާތިލުން ކަމުގައިވާނީ އިބްނު ޢަކާޝާއާއި ذوالـنّــون ފިޔަވައި އެހެން ބައެއް ނޫން. އަހަރެން އެބޭފުޅުންގެ އެހީފުޅެއް ބޭނުމެއް ނޫން. ޤައުމުގެ މައި ނާރުގައި ޚަންޖަރު ހިންގާ ނުތާހިރު އަތްތަކުގައި ހުންނަ ރަންރިހީގެ ފައިސާގެ ވިދުވަރަކަށް އަހަރެންގެ ކިޔަމަންތެރިކަމެއް ނުގަނެވޭނެ!"

"ފުލުހުންގެ ވެރިޔާ ވިދާޅުވާގޮތުގައި ސާހިބާގެ ބޭފުޅުން މިރަށަށް ވަޑައިނުގެންފިނަމަ އަޅުގަނޑު ذوالـنّــون ގެ އަރިހަށް ހާޒިރުވާންޖެހޭނެ. ތިޔަބޭފުޅުން ދާއިމީގޮތަކަށް ޤުރުޠުބާއިން ބޭރުގައި އުޅުއްވާ ސަބަބު ބަޔާންކޮށްދޭން ޖެހޭނެ."

سعد ވިދާޅުވިއެވެ. "ބޮޑުބޭބެ ބުނޭ. عبـدالمـنعــم ގެ ކުދީންނަކީ މިސަރުކާރުގެ ބާޣީންނޭ."

المـــاس ބުންޏެވެ. "އޭގެ ނަތީޖާއަކަށްވާނީ ކޮންކަމެއްތޯ؟"

سعد ވިދާޅުވިއެވެ. "އޭރުން ބޮޑުބޭބެއަކަށް ޤުރުޠުބާއަކު ނުހުރެވޭނެ. އަހަރެމެންގެ ބިންތަކާއި، ބަގީޗާތަކާއި ދަނޑުފަނގުތައް ސަރުކާރަށް ހިފާނެ. އެކަމަކާ އަހަރެން ފަރުވާލެއް ނެތް. އަހަރެން އަންދަލުސުގެ މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވާން ބޭނުންވަނީ ބަނޑުގައި ހިލަ ބަނދެގެން. ބޮޑުބޭބެއަށްވެސް ޤުރުޠުބާގައި ހުރުމަކީ ބޮޑުބޭބެގެ ޒަމީރަށް ބަރެއް ކަމުގައި ފެނުނު ދުވަހަކުން ޣަރުނާޠާއަށް އާދޭ!"

المـــاس ހިސާބަކަށް މޮޅިވެލައިފައި ޖަވާބު ދިނެވެ. "ޣަރުނާޠާގައި އަޅުގަނޑު ކުރާނީ ކީއްތޯ؟"

"ކޮންމެ ތަނަކަށްވެސް ބޮޑުބޭބެގެ ޚިދުމަތް ބޭނުން. އަންދަލުސުގެ މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވާން ތިބި ޒުވާނުންނަށް ދުނިހެވިކަން ދަސްކޮށްދިނުމަކީ ކުޑަ ޚިދުމަތެއްތަ؟"

"އަޅުގަނޑު ޤުރުޠުބާ ދޫކޮށްފައި ޣަރުނާޠާއަށް ދާން އަމުރުކުރައްވަނީތޯ؟"

"އަހަރެން ދުވަހަކުވެސް ބޮޑުބޭބެއަކަށް އަމުރެއް ނުކުރާނަން! އަދި ކީއް، ބޭބެގެ ޒަމީރު ރުހޭގޮތަކަށް ޢަމަލުކުރުމުގެ ޙައްޤު ބޭބެއަށް ލިބިގެންވާނެކަން ހިތުގެ އަޑީން ގަބޫލުކުރަން. އަހަންނަށް އެނގޭ ކޮންމެވެސް ދުވަހަކުން ބޭބެގެ ޒަމީރު ޤުރުޠުބާގައި ހުރުމާ ދެކޮޅަށް ބަޣާވާތް ކުރާނެކަން."

"އަޅުގަނޑުގެ ޒަމީރު ބުނަނީ ވަގުންނާއި، ފޭރޭ މީހުން މިގެއާ ދުރުކުރާށޭ."

سعد ވިދާޅުވިއެވެ. "މުޅި އަންދަލުސް އެބައިމީހުންގެ ޝިކާރަކުރާ ބިމަކަށް ހަދައިފައިވާ ވަގުންނާއި، ފޭރޭ މީހުންގެ ކުރިމަތީގައި މާގިނަ ދުވަހަކު ބޮޑުބޭބެއަކަށް މިގޭގެ ދޮރު ބަންދެއް ނުކުރެވޭނެ. المـــاس ބޭބޭ! މިހާރު ޤައުމުގެ ނާ މިދަނީ ޠޫފާނީ ރާޅުތަކާއެކު ދެއަތަށް ރޯލުކުރަމުން މި ނާ ފެތިއްޖެނަމަ އަހަރެމެން އެންމެންވެސް ކަނޑުވާނެ."

"ދަރިފުޅު ތިޔަ އުޅުއްވަނީ ކީއްކުރަންވަންތޯ؟"

سعد އިރުކޮޅަކު ވިސްނައިވަޑައިގަތުމަށްފަހު ހިތާމަވެރި ރާގަކަށް ވިދާޅުވިއެވެ. "އަހަރެން ކުރާނީ ކީއްކަމެއް އަދިއެއް އަހަރެންނަކަށް ނޭނގޭ. އަހަރެންގެ ކުރިމަތީގައިވަނީ އަނދިރިކަން. އަހަރެމެންނަށް ތެދުވެވޭންއޮތީ އިސްލާމްދީނުގެ ނަމުގައި. އެކަމަކު އަންދަލުސުގެ މުސްލިމުންގެ މަތީފެންވަރުގެ މީހުންނަކީ އިސްލާމްދީނުގެ އެންމެ ބޮޑެތި ދުޝްމިނުން. އަހަރެމެންގެ އަމީރުންގެ އަމިއްލަ އެދުމާއި، އަހަރެމެންގެ އާއްމުންގެ އަޅާނުލުމާއި ކޮންމެ ގޮތެއް ވަރިހަމަވުން މިގޮތުގައި ދެމިއޮވެއްޖެނަމަ ކްރިސްޓިއަނުން އަހަރެމެން މެދުތެރޭ ކަނޑާ ދިމާއަށް ފައްސައިލާނެ ދުވަސް މާދުރެއް ނޫން. އަންދަލުސް ސަލާމަތްކުރައްވާނެ ބަޠަލަކު އަދި ނުއުފެދޭތީ ކަމުގައި ވެދާނެ. އަހަންނަށް އަހަރެންގެ ނަފުސާމެދު އެނގޭވަރަކީ އަހަރެން އަޅާނުލައި ހިމޭނުން އިށީނދެލައިގެނެއް ނުއިންނާނެކަން!"

އެރޭގެ ދަންވަރު سعد بــن عبـدالمـنعــم ޤުރުޠުބާގެ މިސްކިތުގައި ސަޖިދަޔަށް އޮންނަވައި ދުޢާކުރައްވަމުން ގެންދެވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަޅާގެ ޤައުމު ހަލާކުން ސަލާމަތް ކުރައްވާނދޭވެ! އިސްލާމްދީނުގެ ސިފައަކަށް ވުމުގެ ހިންމަތާއި ޢަޒުމް މިއަޅާއަށް ދެއްވާނދޭވެ! މަގުފުރެދުމުގެ އަނދިރީގެ ޠޫފާނީ ވައިރޯޅިތަކަށް ނިއްވައި ނުލެވޭފަދަ އީމާންކަމާއި ޔަގީންކަމުގެ ދަންމަރެއް މިއަޅާގެ ހިތުގައި ދިއްލަވައި ދެއްވާނދޭވެ!"

ފަތިސްނަމާދަށްފަހު ކުޑައިރުކޮޅެއްގެފަހުން އޭނާ ގެންދެވީ ވަރަށް ބާރަށްދުވާ އަހެއްގައި ޣަރުނާޠާއާ ދިމާޔަށް ދަތުރު ކުރައްވަމުންނެވެ.

(ނުނިމޭ)