ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ސީޕްލޭން ޓާމިނަލްގެ ބައިތަކެއް ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނު ކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުވެސް ވަނީ "އެކްޒެކެޓިވް ލައުންޖު" ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އާ ސީޕްލޭން ޓާމިނަލް އިމާރާތުގެ "އެކްޒެކެޓިވް ލައުންޖު"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެމްއޭސީއެލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮށްދޭން ވާނެއެވެ، މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަން ފޮތް އީމެއިލް ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މި ކަމަށް ކުރިމަތިލާ ފަރާތްތަކަކީ ސީޕްލޭން ނުވަތަ ޓުއޯ ނުވަތަ ރިސޯޓު އޮޕަރޭޓަރަކަށް ވާންވާނެއެވެ. އަދި 10,000 ޑޮލަރު (ނޫނީ އެޔާ އެކަށީގެންވާ ދިވެހި ރުފިޔާ) ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަން ވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 30 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ 29 ޖެނުއަރީ 2018 ގައެވެ. އެއާޕޯޓުގެ އިރުމަތީ ފަރާތުގައި، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަގަހަށް ވާ ގޮތަށް އޮންނަ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކައިގެން ހަދާފައިވާ އާ ޓާމިނަލުން އެއް ފަހަރާ 55 ސީޕްލޭނަށް ހިދުމަތް ދެވޭނެއެވެ. އެ އަދަދު 100 އަށް އިތުރުކުރެވޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

އާ ސީޕްލޭން ޓާމިނަލަކީ ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.