ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) 2026 ގެ ދެ ކެޓަގަރީއަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނޮމިނޭޓްވެއްޖެއެވެ.
އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ވީއައިއޭ ނޮމިނޭޓްވެފައިވަނީ "ވޯލްޑްސް ލީޑިން އެއާޕޯޓް 2026" އަދި "ވޯލްޑްސް ލީޑިން އެއާޕޯޓް – ކަސްޓަމާ އެކްސްޕީރިއަންސް 2026" ގެ ކެޓަގަރީންނެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި، މި ދެ ކެޓަގަރީން ވާދަކުރުމުގެ ފުރުސަތު ވީއައިއޭއަށް ލިބުނީ މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވި ސަރަހައްދީ ޑަބްލިއުޓީއޭގައި "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް 2026" ގެ އެވޯޑް އެ އެއާޕޯޓުން ހާސިލްކޮށްފައިވާތީއެވެ.
މި ނޮމިނޭޝަންތަކާއެކު "ވޯލްޑްސް ލީޑިން އެއާޕޯޓް 2026" ކެޓަގަރީގައި ވީއައިއޭ ވާދަކުރާނީ ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮން އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައި.ޖީ.އޭ އެއާޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއާޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް. ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓް އަދި ޒިއުރިކް އެއާޕޯޓް ފަދަ ބޮޑެތި އެއާޕޯޓްތަކާ ދެކޮޅަށެވެ.
އަދި "ވޯލްޑްސް ލީޑިން އެއާޕޯޓް – ކަސްޓަމާ އެކްސްޕީރިއަންސް 2026” ކެޓަގަރީގައި ޖުމްލަ 12 އެއާޕޯޓަކާއެކު ވީއައިއޭ ވާދަކުރާ އިރު، އޭގެ ތެރޭގައި ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮން އިންޓަނޭޝަނަލް އެއާޕޯޓާއި، އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއާޕޯޓާއި، ސިޑްނީ އެއާޕޯޓް އަދި އޯކްލޭންޑް އެއާޕޯޓް ހިމެނެއެވެ.
މި ދެ ކެޓަގަރީން ވީއައިއޭއަށް ކާމިޔާބު ހޯދައިދިނުމަށްޓަކައި ދިވެހި ރައްޔިތުންނާއި، ދަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރާއްޖެއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުން ވޯޓުލުމުގައި ބައިވެރިވުމަށް އެމްއޭސީއެލުން ވަނީ އެދިފައެވެ. ޑަބްލިއުޓީއޭގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ވޯޓުލުން ކުރިއަށްދާ އިރު، އެވޯޑްތައް ކާމިޔާބުކުރާ ފަރާތްތައް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅު ބާއްވާ ޑަބްލިއުޓީއޭ ގްރޭންޑް ފައިނަލްގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ވޯޓިން ލިންކް:
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް