މާތްވެގެންވާ އިސްލާމް ދީނުގެ ނަން ކިލަނބުވާ ގޮތަށް، ހިންގާ ޖަރީމާތައް ހުއްޓުވުމަށް ޒިންމާދާރު ވެރިންނަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

"ރުގުޔާކުރުމުގެ ޝަރުއީ ހަމަތައް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ސިހުރު ހާހޫރަ އާއި ހަސަދަ އާއި އެސްފީނާގެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކަށް ޝަރުއީ ރުގްޔާއަކީ އެންމެ އެކަށީގެންވާ ފަރުވާ ކަމަށެވެ. އަދި ރޫހާނީ ގޮތުން ކުރިމަތިވާ އެފަދަ ބަލިތަކަށް ރުގްޔާއިން ފަރުވާ ހޯދިދާނެ ކަމަށް ބުންޏެވެ. އަދި ރުގްޔާ ކުރުމަކީ އެކަމުގެ އިލްމު ލިބިގެން ހުރި މީހަކު އިންސާނިއްޔަތަށްޓަކައި ކުރުން ހުއްދަ ކަމަކަށްވާއިރު މީސްތަކުންނަށް ރުގްޔާކުރާ މީހަކީ އަމާނާތްތެރި މީހަކަށް ވާންޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

ނަމަވެސް ކަމުގެ ސައްހަ މައުލޫމާތާއި ޝަރުއީ ހަމަތަކަށް ބީރައްޓެހި ބަޔަކު، ދުންޔަވީ މަންފާތަކެއް ހާސިލުކުރަން ބޭނުންކުރާ ވަސީލަތަކަށް މިއަދު އެކަން ހަދާފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ، ރުގްޔާގެ ނަމުގައި މީސްތަކުންނަށް ކެހިދީ، މަކަރު ހަދައި އޮޅުވާލަން ފަށާފައިވާ ކަމަށެވެ. އަދި ފަހަކަށް އައިސް ހަށިގަނޑުން ޖިންނި ނެރުމާއި ސިހުރު ބާތިލްކުރުމުގެ ބަހަނާގައި މަހްރަމަކާ ނުލައި، އެކަހެރިކޮށް އަންހެނުންނާ ބައްދަލުކޮށް، އެ ކަނބަލުންނަށް ޖިންސީ ގޯނާކުރާކަމުގެ ޝަކުވާތައް އާންމުވަމުން އަންނަ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، ރުގްޔާ ކުރުމަށްޓަކައި ގުރުއާން ކިޔަވައި އަންހެނާ ގަޔަށް ފުމެލުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އަންހެނަކަށް ނުވަތަ މަހްރަމަކަށް ނުވާ މީހަކަށް އޭނާގެ ހަށިގަނޑުން ބައެއް ދެއްކުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ. އޭގެ އިތުރުން މަހްރަމަކު ފިޔަވައި އަންހެނެއްގެ ގައިގައި ހުރަހަކާ ނުލައި އަތްލައިގެން ނުވާނެ ކަމަށާއި އަދި އޭނާގެ ހިޖާބު ނަގައިގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، ޝަރުއީ ރުގްޔާކުރުމުގެ ނަމުގައި ޖިންނީންނާއި ވަލީވެރިންގެ ކިބައިން ކަންކަން ހިންމަވައިދެއްވާތޯ ދެންނެވުމަކީ ރުގްޔާގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫން ކަމަށެވެ. އެގޮތުން ބަލިމީހާ އާއި ބަލިމީހާގެ މަންމަގެ ނަން އޮޅުންފިލުވުމާއި ބަލިމީހާގެ ފުނާ ނުވަތަ އިސްތަށްޓެއް ނުވަތަ އަންނައުނު ފަދަ ތަކެތި ހޯދުމަކީ ވެސް ރުގްޔާކުރުމުގައި ހިމެނޭ ކަންކަމެއް ނޫން ކަމަށާއި އެއީ ސިހުރު ހާހޫރަ ހަދާ މީހުން ކުރާ ކަންކަން ކަމަށް ހުތުބާގައި ބުންޏެވެ.

މަކަރުވެރި ކެހިވެރި ރޭވުންތަކެއްގެ ތެރެއިން ތިމާމެންގެ ހަވާނަފްސުގެ އެދުންތަކާއި އަރީޒާތައް ފުއްދައިގަތުމަށް އޮތް ނުބައި މަކަށް ރުގްޔާކުރުން ހަދައިގެން ނުވާނެކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، އިންސާނާގެ ކިބައިގައި ލަތުވެތިކަމެއް ނެތްނަމަ އޭނާ އަރައިނުގަންނާނެ ފާފައެއް ނޯންނާނެ ކަމަށެވެ. އަދި މީސްތަކުންގެ ކަންކަން އެފަދައިން ހުރެއްޖެނަމަ އެ މުޖުތަމައެއްގައި ހެޔޮކަމެއް ނޯންނާނެ ކަމަށް ބުންޏެވެ.

އެހެންކަމުން ފަސާދަ އާންމުވެ، މުޖުތަމައު މިހާރު މިއޮތް ހާލަތަށްވުރެ ނުބައި ހާލަތަކަށް ވެއްޓުމުގެ ކުރިން ޒިންމާދާރު ވެރިންނާއި އިލްމުވެރިންނާއި މުރައްބީންނާއި މައިންބަފައިން އެކަމާމެދު ވިސްނައި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި އަދި މާތްވެގެންވާ އިސްލާމްދީނުގެ ނަން ކިލަނބުވާ ގޮތަށް ހިންގާ އެފަދަ ޖަރީމާތައް ހުއްޓުވުމަށް ޒިންމާދާރުވެރިންނަށް ހުތުބާގައި ވަނީ އިލްތިމާސް ކޮށްފަ އެވެ.