ހއ. ދިއްދޫ ގިރަމުންދާ ސަރަހައްދު ހިމާޔަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 10،025،003 (ދިހަ މިލިއަން ފަންސަވީސް ހާސް ތިން) ރުފިޔާއަށް ކަމަށެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ޖިއޯ ބޭގްސް ޖަހައިގެން ހއ. ދިއްދޫ ދެކުނު ފަރާތުން ރިވެޓްމަންޓް ޖެހި ސަރަހައްދުން އުތުރަށް ވާގޮތަށް އޮތް ހިސާބުން 310 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރާނެއެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން 180 ދުވަސްތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ، ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް އާދަޔާ ހިލާފަށް ގިރައި، އާންމުންގެ މުދަލާއި ގެދޮރަށް ގެއްލުންވެދާނެކަމުގެ ބިރުހީވާތީ، މިކަމުގެ ސަބަބުން އާންމުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއް ކަމަށެވެ.