ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ނުދީ މާރުކޭޓުތަކާއި މިސްކިތްތަކާއި ޕާކުތަކުގައި ނިދައި ކައިބޮއެ ހަދާނަމަ ފިޔަވަޅު އަޅާނެ ކަަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މުޖުތަމައުގައި އަށަގަންނަމުންދާ ނުރަނގަޅު އާދައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ "ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލަ" އަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
އެގޮތުން ޖެންޑާ މިނިސްޓްރީން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މިފަދަ ފަރާތްތަކަށް ބޭނުންވާ އިޖުތިމާއި ހިދުމަތްތަކާއި ވަގުތީ ރައްކާތެރިކަން ކަށަވަރުކޮށްދީ، ބޭނުންވާ އަސާސީ ހައްގުތައް ހޯދައިދިނުމާއެކު އެފަރާތްތަކުގެ އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ކުރަން ފެށިފައިވާ މަސައްކަތެއް ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ހާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ކަމަށާއި މިފަދަ ހުރިހާ ފަރާތަކުންވެސް މި ޕްރޮގްރާމަށް އެއްބާރުލުންދީ ޕްރޮގްރާމުގައި ބައިވެރިވުން އެދޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެހެންކަމުން މާލޭ ސިޓީގެ މާރުކޭޓުތަކާއި މިސްކިތްތަކާއި ޕާކުތަކާއި މިނޫންވެސް މިފަދަ އިޖުތިމާއީ ތަންތަނުގައި ނިދައި ކައިބޮއެ ހަދައި ދިރިއުޅެމުންދާ ފަރާތްތައް އެފަދަ ތަންތަނުގައި ދިރިއުޅޭ ފަދަ ގޮތަކަށް އުޅުމަކީ ކުރިންވެސް މަނާކުރެވިފައިވާ ކަމެއް ކަމަށް ހަނދާންކޮށްދޭ ކަމަށެވެ.
"ސަރުކާރުން މިފަދަ ޕްރޮގްރާމެއް އިއުލާންކުރެއްވުމުން އެ ޕްރޮގްރާމުގައި ބައިވެރިނުވެ މާރުކޭޓުތަކާއި މިސްކިތްތަކާއި ޕާކުތަކާއި މިނޫންވެސް މިފަދަ އިޖުތިމާއީ ތަންތަނުގައި ނިދައި ކައިބޮއެ ހަދައި ދިރިއުޅޭގޮތަށް އުޅޭނަމަ އެފަދަ ފަރާތްތަކާ ދޭތެރޭ ގަވައިދުން ފިޔަވަޅު އަޅާނެ ކަމުގައި ދެންނެވީމެވެ..،" ސިޓީ ކައުންސިލުގެ އިއުލާނުގައިވެއެވެ.
ޖެންޑާ މިނިސްޓްރީން މާލޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަން ނެތި ދިރިއުޅެމުންދާ މީހުން ވަގުތީ ހިޔާތަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ މާލޭ މާރުކޭޓު ސަރަހައްދުގައި ބޯހިޔާވަހިކަމެއް ނެތި އެތައް ބަޔަކު ނިދައި، ކައިބޮއެ ހަދަމުންދާ ވާހަކަތައް ފެންމަތިވެފައި ވަނިކޮނެވެ.
ކޮވިޑާ ގުޅިގެން މާލޭ ސަރަހައްދަށް އިއުލާނުކުރި ލޮކްޑައުނާ ގުޅިގެން، އާމްދަނީ ލިބުން ހުއްޓި، މަގުމަތިވި މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއް ސަރުކާރުން ކުރިއަށްގެންދިޔައެވެ. އެ ޕްރޮގްރާމުގެ ދަށުން 500 އަށްވުރެ ގިނަ ފަރާތްތަކަށް ސަރުކާރުން ވަނީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދީފައެވެ. ނަމަވެސް މިދިޔަ އޮގަސްޓް މަހު ވަނީ އެ މަސައްކަތް ހުއްޓާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު