މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންތަކެއް ހިންގި ކަމަށް ބުނާ އަށް މިލިއަން ރުފިޔާގެ ތެލުގެ ވައްކަމުގައި، ބައިވެރިވެފައިވާ ކަމަށް އެއްބަސްވެފައިވާ އެމްޕީއެލްގެ މުވައްޒަފަށް މާލޭގެ ގޭންގަކުން މަރުގެ އިންޒާރު ދީފިއެވެ.

ކޮވިޑް 19އާ ގުޅިގެން، ލޮކްޑައުންގައި އެ ކުންފުނީގެ އޮޕަރޭޝަން ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަން ހިންގާފައިވާކަން ފާހަގަކުރެވިފައިވާތީ، އެ މައްސަލަތައް ތަހުގީގުކުރަން އެމްޕީއެލްގެ ފަރާތުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ފުލުހުންގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ދެނެގަތުމަށް އެމްޕީއެލުން އަންނަނީ އިންޓާނަލް އޮޑިޓެއްވެސް ކުރިއަށް ގެންދަމުންނެވެ.

އެމްޕީއެލްގައި ހިންގި ކޮރަޕްޝަންގެ އަމަލާ ގުޅިގެން މިހާތަނަށް އެކުންފުނީގެ ތިން މުވައްޒަފަކާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އެމްޕީއެލްގެ ސީނިއާ އޮފިޝަލަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ކޮރަޕްޝަންގެ އަމަލު ހިންގުމުގައި އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުކުރެވިގެން ސަސްޕެންޑް ކުރި އެކުންފުނީގެ ސްޓޯރުގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފު ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ. އެގޮތުން ސޮއި ފޯޖުކުރުމާއި އެކިއެކި ލިޔެކިޔުންތައް ތައްޔާރުކޮށް ތެޔޮ ނުލިބެނީސް ލިބިފައިވާ ކަމަށް ބުނެ ބައެއް އިންވޮއިސްތަކުގައި އޭނާ ސޮއިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އެމްޕީއެލްގައި އުޅޭތާ ގިނަ އަހަރުތަކެއްވެފައިވާ އެ މުވައްޒަފު ވަނީ އެކުންފުނިން ކުރިއަށްގެންދިޔަ އެތެރޭގެ ތަހުގީގަށް ކަން ހިނގައިދިޔަ ގޮތާއި އެކަމުގައި ޝާމިލުވާ ބައެއް ފަރާތްތަކުގެ ނަން ހިއްސާކޮށްފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ، ކޮރަޕްޝަންގައި ޝާމިލުވާ ކަމަށް ކުރިން ބުނި ބައެއް މީހުންގެ ނަން އަލުން ހާމަކޮށް ބަޔާނުގައި ސޮއިކުރަން ދެކޮޅު ހަދައިފައެވެ. ސަބަބެއް ކަމުގައި، މާލޭގެ ގޭންގަކުން އޭނާއަށް ބިރުދައްކައި މަރުގެ އިންޒާރުދީފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް "ވަން" އަށް މައުލޫމާތު ދިން އެމްޕީއެލްގެ އޮފިޝަލު ވިދާޅުވިއެވެ.

އެެނގިފައިވާ ގޮތުގައި ބިރުދެއްކި މައްސަލަ އަދި ފުލުހުންނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވާ ގޮތުގައި އެމްޕީއެލްގެ ކޮރަޕްޝަނަކީ ގިނަ ބަޔަކު ބައިވެރިވެގެން ދުރާލާ ރާވައިގެން ހިންގާފައިވާ އަމަލެކެވެ.

އެމްޕީއެލްގެ ކޮރަޕްޝަންގެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ވަނީ އެމްޕީއެލްގެ އިސްވެރިންގެ އިތުރުން އެސްއެފްއެމްގެ އިސްވެރިންނާ ބައްދަލުކޮށް ސުވާލުކޮށްފައެވެ.