ލަންކާގެ މައި އެއާޕޯޓް އަންނަ މަހު އެކެއްގައި ހުޅުވަން ނިންމަފިއެވެ.

ސްރީ ލަންކާގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެގައުމުގެ މައި އެއާޕޯޓު، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާއިރު އެގައުމަށް ފަތުރުވެރިންގެ ގޮތުގައި އެތެރެވާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ހަރުކަށި އުސޫލެއްވަނީ ކަނޑައަޅައިފައެވެ.

ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން ހާއްސަ ގައިޑްލައިނެއް އެކުލަވާލާފައިވާއިރު އެގައިޑްލައިނަށް ކަމާބެހޭ ފަރާތްތަކާއެކު އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ގަވާއިދުގައި ވާ ގޮތުން އެގައުމަށް އެތެރެވާ ފަތުރުވެރިން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުން މަޖުބޫރު ވާނެއެވެ. މީގެ އިތުރުން އެގައުމުގެ އިމިގްރޭޝަންގެ އިލެކްޓްރޯނިކް ޓްރެވަލް އޮތޯރައިޒޭޝަން ސިސްޓަމް މެދުވެރިކޮށް އޮންލައިން ވިސާއެއް ނަގަން ޖެހޭނެއެވެ.

ގަވާއިދުގައި ވާގޮތުން ލަަންކާ އަށް އެތެރެވުމުގެ ކުރިން ކޮވިޑަށް ހާއްސަ އިންޝުއަރެންސް ޕެކޭޖެއް އެގައުމުގެ ލޯކަލް އިންޝުއަރެންސް ކުންފުންޏެއް މެދުވެރިކޮށް ނަގަން ޖެހޭނެއެވެ.

ފަތުރުވެރިއެއްގެ ގޮތުގައި ލަންކާއަށް އެތެރެވާ ކޮންމެ މީހަކުވެސް ލަންކާއަށް އެތެރެވުމުގެ 72 ގަޑިއިރުތެރޭ ހަދާފައިވާ ޕީސީއާރް ޓެސްޓެއް އެއާޕޯޓަށް އެރައިވް ވުމަށްފަހު ހުށަހަޅަން ޖެހޭނެއެވެ.