އެމްޓީސީސީން ސ. މަރަދޫ ބޭރުތޮށި މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ އާދިއްތަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 18،873 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމުގެ މަސައްކަތާއި، 419 މީޓަރުގެ އެއްގަމު ތޮށި ލުމުގެ އިތުރުން 340 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް މަސައްކަތް ކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން 40 މީޓަރު ދިގު، ހަ މީޓަރު ފުޅާ ބްރިޖެއް ރޭނުމުގެ މަސައްކަތާއި، 1975 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިންގް މިނިސްޓްރީން މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ 28.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.