މަސްވެރިން ބާނާ މަސް ނުކިރުމާއި ފައިސާ ނުލިބުމާއި މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ގަރާތު މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައި ގަތީ ޖަލްސާގައި ތިއްބެވި، 62 މެންބަރުންގެ ތެރެއިން 60 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ގަރާރު ބަލައިގަންނަން ބޭނުންވަނީ 31 މެންބަރުންގެ ވޯޓެވެ.
ގަރާރު ބަލައި ގަތުމުން ދިރާސާ ކުރުމަށް، މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުއްވިކަން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވިއެވެ.
ޝަރީފް ހުށަހެޅުއްވި ގަރާރުގައި ވަނީ މަސްވެރިން ބާނާ މަސް ނުކިރި، މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ދުވަހެއް ކިޔޫގައި، ރަށުން ބޭރުގައި ތިބެން ޖެހުމާއި، އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން ބޮޑު ހަރަދުކޮށްގެން ބާނާ މަސްކޮޅު ނުކިރިގެން މަހަށްނުފުރި ގިނަ ދުވަސްތަކެއް އާއިލާ އާއި ދުރުގައި ތިބެން ޖެހުމާއި ކިރޭ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ދުވަސްތަކެއް ވޭތުކުރަން ޖެހުމާއި، ކަޅުބިލަމަހުގެ ކޮންޓްރޯލްއަގު ދޫކޮށްލުމުގެ ސަބަބުން ކަޅުބިލަމަހުގެ އަގު ދަށަށް ދިއުމާއި އަދި އެކަށީގެންވާ އަދަދަށް ބޮޑުކަންނެލި ބޭނިއްޖެނަމަ، ބައެއް ފަރާތްތަކުން ކަންނެލި ގަންނަ އަގު ދައްކުރުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި އާއިލާތަކަށް ގެއްލުން ލިބި، ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ.
އެ މައްސަލަތަކަށް ހައްލު ހޯދައި ދިނުމާއި، މަސްވެރިން ބާނާ މަސް އަވަހަށް ކިރޭނެ ގޮތާއި، ކިރޭ މަސްކޮޅަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމާއި، މަސްވެރި އާއިލާތަކަށް ދިމާވާ ދަތިތައް ހައްލު ކުރެވޭނެ ނިޒާމެއް ގާއިމް ކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސް ކުރާކަމަށް މި ގަރާރުގައި ބުނެފައި ވެއެވެ.
ކުރީގެ މެންބަރު އާދަމް ޝަރީފް އުމަރު
ކުރީގެ މެންބަރު އާދަމް ޝަރީފް އުމަރު