މެދު އިރުމަތި

އިމާދު ލަތީފުގެ ކޮލަމް: އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމުގެ ވެރިޔާ އަވަހާރަކޮށްލީ ކީއްވެގެން؟

އިމާދު ލަތީފު

އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމްގެ އިސްވެރިއެއްކަމަށްވާ މުހުސިން ފަޚުރީޒާދާ މިދިޔަ ހުކުރުދުވަހު ވަނީ އަވަހާރަކޮށްލައިފައެވެ. މިގަތުލުގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައި ނުވިޔަސް މިއީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑްގެ އަމަލެއް ކަމަށް ވަނީ ޔަގީން ކުރެވިފައެވެ. އީރާނުން ވަނީ މިއީ އިޒްރޭލުގެ އަމަލެއްކަމަށް ބުނެ ބަދަލުހިފާނޭ ކަމުގެ އިންޒާރުވެސް ދީފައެވެ. މިތުހުމަތަށް އިޒްރޭލުން އާނއެކޭވެސް ނޫނެކޭވެސް ނުބުނެއެވެ. މިހަމަލަޔާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ކުއްލިއަކަށް އަނެއްކާވެސް ބަނަވެގެންގޮސްފައެވެ.

މުހުސިން ފަޚުރީޒާދާއަކީ ނިއުކުލިއަރ ހަކަތަ އުފެއްދުމާ ގުޅޭ ދިރާސާތަކުގައި ވަރަށް ފާހަގަކޮށްލެވޭ ސައެންސްވެރިއެކެވެ. އޭނާއަކީ އީރާނުން ނިއުކުލިއަރ ބޮން އުފެއްދުމަށް ހިންގާ ސިއްރު ޕްރޮގްރާމުގެ އެންމެ އިސްވެރިޔާކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫވެސް ދާދިފަހުން ވިދާޅުވެފައިވެއެވެ. ފަޚުރީޒާދާ އަވަހާރަކޮށްލުމުން އީރާނުގެ މި ޕްރޮގްރާމް ހުއްޓިދާނޭބާވައެވެ. ނިއުކުލިއަރ ޕްރޮގްރާމް ނާކާމިޔާބުވެދާނޭބާވައެވެ. މިއީ ކޮންމެ ބަޔަކު ދިން ހަމަލާއެއްކަމަށް ވިޔަސް އެބައެއްގެ އަމާޒަކީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމެވެ. ބޭނުމަކީ ޕްރޮގްރާމް ފޭލްކޮށްލުމެވެ.

މީގެ ކުރިންވެސް އެމެރިކާ އާއި އިޒްރޭލާއި އަދި މެދުއިރުމަތީގައިވާ އީރާނުގެ ހަތުރުވެރިން އެއްބައިވެގެން ރާވައިގެން އީރާނުގެ ސައެންޓިސްޓުން މަރާފައިވެއެވެ. މީގެ ދިހަވަރަކަށް އަހަރު ކުރިންވެސް މިޒާތުގެ ސިލްސިލާ ގަތުލުކުރުންތަކެއް ހިންގިއެވެ. އެކަމަކު އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމަށް ހުއްޓުމެއް ނުގެނެވެއެވެ. އެ ޕްރޮގްރާމް ދަނީ ބާރު ދުވެލީގައި ކުރިއަށެވެ. އެހެންވީމާ މިފަހަރުގެ ހާދިސާއިންވެސް ފުރިހަމަ ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމަކީ ވަކި މީހަކަށް ބަރޯސާވެފައިވާ ޕްރޮގްރާމެއް ނޫނެވެ. އެކަމަކު މުހިއްމު ކަންތައްތަކެއް ކުރާ މީހަކު ކުއްލިއަކަށް ވަކިވީމާ ކުރިމަތިވާނޭ ހުރަސްތަކެއް ހުންނާނެއެވެ.

މިފަހަރު އަވަހާރަކޮށްލާފައި މިވަނީ ވަރަށް ސީނިއަރ ބޭފުޅެކެވެ. މިވަރުގެ ބޭފުޅަކު އަވަހާރަކޮށްލުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. އެކަންކޮށްފައިވަނީ ވަރަށް ބޮޑަށް ރާވައިގެން ވަރަށް ބޮޑަށް ފާރަލައިގެން ވަރަށް ދިގު އިންތިޒާރަކަށްފަހުއެވެ. އީރާނުގެ އިންގިލާބީ ގާޑުންގެ ވެރިޔާ ޖެނެރަލް ސުލައިމާނީވެސް މީގެ އަހަރެއްހައި ދުވަސްކުރިން އަވަހާރަކޮށްލިި ބީދައިންނެވެ. އެކަންކުރީ އެމެރިކާ އާއި އިޒްރޭލް ގުޅިގެންނެވެ. ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު އެފަހަރު އީރާނުން ހިފިއެވެ. އިރާގުގައިވާ އެމެރިކާ ސިފައިންގެ މަރުކަޒަކަށް މިސައިލް ހަމަލަތަކެއްދިނެވެ.

ނިއުކުލިއަރ ސައެންސްވެރިޔާ މުހުސިން ފަޚުރީޒާދާގެ މަރުގެ ބަދަލު ހިފާނޭ ކަމަށް އީރާނުން ބުންޏަސް ކުރީފަހަރު އެކަން ކުރިގޮތަށް މިފަހަރު ކުރާނޭ ކަމަށް ނުބެލެވެއެވެ. އީރާނު ލައްވައި ހަނގުރާމައިގެ އަމަލުތަކެއް ހިންގުމަކީ އެމެރިކާ އާއި އިޒްރޭލު ބޭނުންވާގޮތެވެ. އީރާނުން ހަމަލައެއް ދިނީމާ އަނހާ އަނހާއޭ ބުނެފައި އެންމެން ގުޅިގެން އީރާނާ ދިމާކޮށްލުމަށް ފުރުސަތުވެސް ލިބުނީއެވެ. މިއީ ޓްރަމްޕު އެންމެ ބޭނުންވާ ގޮތެވެ. އީރާނުގެ ނިއުކުލިއަރ ރިއެކްޓަރުތަކަށް ހަމަލަދިނުމާމެދު ދާދިފަހުން ޓްރަމްޕު ވަނީ މުޝީރުންގެ ލަފާވެސް ހޯދައިފައެވެ. އެމީހުންގެ ލަފަޔަކީ އިސްވެ ހަމަލަދިނުން ރަނގަޅެއް ނޫނެވެ. ނުބައެއް ހަދައިފިއްޔާ ރައްދުގައި ކޮންމެ ކަމެއްކުރިޔަސް މައްސަލައެއް ނެތެވެ.

ރައީސް ޓްރަމްޕުގެ ރިޔާސީ ދައުރުގައި ދެން ބާކީ އޮތީ ވަރަށް ކުޑަ ދުވަސްކޮޅެކެވެ. ގާތްގަނޑަކަށް ދޮޅުމަހެއްހައި ދުވަހެވެ. ޓްރަމްޕާއި އޭނާގެ ބައިވެރިން ހުއްޓުމެއްނެތި މިހާރު ކުރަމުންދާ ކަމަކީ ޖޯ ބައިޑެނަށްވެސް އަނބުރައިނުލެވޭހާ ބޮޑަށް އީރާނުގެ މައްސަލަ ހޫނުކުރުމުގެ މަސައްކަތެވެ. ކެމްޕޭނުގެ ތެރޭގައި ބައިޑެން ވިދާޅުވެފައިވަނީ އީރާނުގެ ނިއުކުލިއަރ މައްސަލަ ހައްލުކުރާނީ ވާހަކަ ދައްކައިގެން ކަމަށެވެ. މިކަމުގައި ޔޫރަޕުގެ ރައުޔަށްވެސް ބައްލަވާނޭ ކަމުގައެވެ. މިއީ ޓްރަމްޕުގެ ބައިވެރިން ވަރަށް ހާސްވެ ކަންބޮޑުވާ ކަމެކެވެ. އީރާނުގެ ނިއުކުލިއަރ މުއާހަދާ އަލުން ދިރިގެން އަންނާކަށް އެމީހުން އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ.

އީރާނުގެ ނިއުކުލިއަރ ހަކަތަޔާބެހޭ މުއާހަދާއަކީ ރައީސް އޮބާމާގެ ދައުރުގައި ވެވުނު އެއްބަސްވުމެކެވެ. ޓްރަމްޕުގެ ދައުރު ފެށުމާއެކު އެމެރިކާ ވަނީ މި އެއްބަސްވުމުން ވަކިވެފައެވެ. އެއީ ސުލްހަވެރި ބޭނުންތަކަށް ނިއުކުލިއަރ ހަކަތަ ތަރައްގީކުރުމުގެ ފުރުސަތު މި މުއާހަދާގެ ދަށުން އީރާނަށް ލިބޭތީއެވެ. ޓްރަމްޕާއި ނަތަންޔާހޫއަށް މިގޮތް ކަމަކު ނުދެއެވެ. އީރާނަށް ނިއުކުލިއަރ އެއްވެސް ވަސީލަތެއް އެއްވެސްގޮތަކުން ތަނަވަސްވެފައި އޮންނާކަށް ނުރުހެވެއެވެ. އެހެންވެ ބައިޑެން ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން މަސްރަހު ކިލަނބުކުރަން އިސްކަންދެވެނީއެވެ.

މުހުސިން ފަޚުރީޒާދާ އަވަހާރަކޮށްލައިގެން އިޒްރޭލާއި އެމެރިކާ ނެރެން ބޭނުންވި ނަތީޖާ ނުނެރެވެންޏާ މިފަދަ އިތުރު ކަންކަން އަދިވެސް ފެނުމުގެ ފުރުސަތު އެބައޮތެވެ. ޖެނުއަރީ ވިހިވަނަ ދުވަހަކީ އެމެރިކާގެ ވެރިކަން ބަދަލުވާ ދުވަހެވެ. އެދުވަހާ ހަމަޔަށް ތިބެންޖެހޭނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އީރާނު ރުޅިއަރުވައި ގަލްފުގައި ބޮޑުވެގެންވާ އަލިފާންގަނޑެއް ރޯކޮށް އެއަލިފާންގަނޑުގެ ތެރޭގައި އީރާނު އަންދައިލުމަށް ޓްރަމްޕުގެ ބައިވެރިން ކުރަމުންދާ މަސައްކަތްތައް ހުއްޓޭނީ އޭނާ ވައިޓްހައުސްއިން ބޭރުވާ ދުވަހެއްގައެވެ. އެހިސާބަށް އީރާނުންވެސް ކެތްތެރިވާންވާނެއެވެ.