(28 ނޮވެމްބަރު 2020)
ميـمــونـة ގެ މަންމަ ކުޑަކޮށް ފަސްޖެހިވަޑައިގެންފައިމެ ދޮރު ހުޅުއްވައިފިއެވެ. سعد އެތެރެއަށް ވެދެވަޑައިގެންފިއެވެ. އޭނާ ހުންނެވީ ސިފައިންގެ މީހެއްގެ ހެދުމުގައެވެ. ميـمــونـة އާއި އޭނާގެ މަންމައާ ދެބޭފުޅުން ހައްދަވާނެ ގޮތެއް އެނގިވަޑައިނުގެން ކަންބޮޑުވެވަޑައިގެންފައި سعد އާ ދިމާއަށް ބައްލަވާން ތިއްބެވިއެވެ.
سعد އޭނާގެ ޖީބުފުޅުން ސިޓީއެއް ނަންގަވައިފައި ميـمــونـة ގެ މަންމައަށް ދެއްވައިފިއެވެ. سعد ވިދާޅުވިއެވެ. "މިއީ ދައިތާފުޅުމެންނަށް އަޅުގަނޑު އެނގިވަޑައިނުގެންފާނެތީ إدريـس ގެ އަތްޕުޅުން އަތުލި ސިޓީއެއް." إدريـس ގެ މަންމަ ދޮރު ލައްޕަވައި ތަންޑު އެޅުއްވުމަށްފަހު ބައްތި ކައިރިއަށް ވަޑައިގެން ސިޓީ ވިދާޅުވާން ފައްޓަވައިފިއެވެ. ކުއްލިއަކަށް ގޭގެ އެއްކަނަކުން ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑު އިވިއްޖެއެވެ. ކޮންމެވެސް މީހެއް އަންހެން އަޑަކުން "ميـمــونـة! ميـمــونـة!" އޭ ގޮވާންފަށައިފިއެވެ.
ميـمــونـة ހާސްވެވަޑައިގެން އޭނާގެ މަންމައާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. އޭރު ފެންޑާގެ ތެރެއިން ކޮންމެވެސް މީހަކު ހިނގާ އަޑު އިވެއެވެ. ميـمــونـة ގެ މަންމަވެސް ބިރުފުޅުން ހުންނަވައި سعد ގެ އަރިހުގައި ވިދާޅުވިއެވެ. "ދަރިފުޅާ! ޖެހިގެންމިހިރަ ކޮޓަރީގައި ފިލައިވަޑައިގަންނަވާ! އެއީ އަޅުގަނޑުމެންގެ
އާ ޚާދިމާއެއް، އައްޒަހުރާގެ ޑިރެކްޓަރ. އޭނާ މިގެއަށް ފޮނުއްވީ އަޅުގަނޑުމެންނަށް ޖާސޫސު ކުރައްވަން!"
سعد ޖެހިގެންހުރި ކޮޓަރިއަށް އަވަސް އަވަހަށް ވެދެވަޑައިގެންފިއެވެ. ميـمــونـة އޭނާގެ މަންމަގެ އިޝާރަތަކަށް އެނދުގައި އޮށޯވެވަޑައިގެންފިއެވެ. ميـمــونـة ގެ މަންމަ إدريـس ގެ ސިޓީ އަވަސްއަވަހަށް ބާލީސްދަށަށް ލައްވައިފިއެވެ.
ޚާދިމާ އެކޮޓަރީގެ ދޮރުކައިރިއަށް އައިސްފައި ބުންޏެވެ. "ދެންމެއަކު ބޭރުން މިދިމާޔަށް މީހަކު އައިތޯ؟"
"މިގަޑީގައި އަންނާނީ ކާކު؟"
"ދެންމެޔަކު ދޮރު ހުޅުވައިލި އަޑު އަޅުގަނޑަށް އިވުނު."
"ميـمــونـة ގެ ކޮޓަރީގެ ދޮރު ހުޅުވިފައި ހުއްޓައި އަހަރެން ލައްޕައިލިން."
"މިތާނގައި ހުރެ މީހަކު ވާހަކަ ދައްކާހެންވެސް އަޅުގަނޑަށް ހީވި."
"ވާހަކަ ދެއްކީ އަހަންނާ ميـمــونـة އާ ދެމައިން."
"ނޫން! ތިޔަބޭފުޅުންގެ އަޑުފުޅެއް އެހިސާބަކަށް ނުފޯރާނެ. ކޮންމެވެސް މީހަކު ފެންޑާގެތެރޭހުރެ ވާހަކަ ދެއްކި."
إدريـس ގެ މަންމަ ދޮރު ހުޅުއްވައިލައްވައިފައި ބޭރަށް ނުކުމެވަޑައިގެން ވިދާޅުވި. "ތިޔަ ވާނީ ކަލެޔަށް އޮޅުނީކަމަށް. މިހާރުވެސް ދޮރޯށިދޮށުން ޚާދިމުން ހަޅޭއްލަވާ އަޑު އެބައިވޭ."
ޚާދިމާ ކޮޓަރިތެރެއަށް ބޯދީފައި ބުންޏެވެ. "ميـمــونـة! ކަލާވެސް މީހަކު ވާހަކަދެއްކި އަޑެއް ނުއައްސަވަމުތޯ؟"
ميـمــونـة ހިސާބަކަށް ނުރުހުންވެވަޑައިގެންފައި ވިދާޅުވިއެވެ. "ބޭސްވެރިއަކަށް ކަލޭގެ ކަންފަތް ދެއްކިއްޔާ ރަނގަޅެއް ނުވާނެތަ؟"
إدريـس ގެ މަންމަ ކަންބޮޑުވެވަޑައިގެންފައި ހުންނެވުމުގެ ސަބަބުން ޚާދިމާގެ ހިތުގައި އުފެދުނު ޝައްކު ميـمــونـة ގެ އަމިއްލަ ނަފުސަށް އޮތް އިތުބާރުގެ ސަބަބުން ފިލައިފިއެވެ. އޭނާ އާގަންނަމުން ބޭރަށް ނުކުމެއްޖެއެވެ.
إدريـس ގެ މަންމަ އަނެއްކާވެސް ދޮރު ލައްޕައިލައްވައިފިއެވެ. ޚާދިމާ އެނބުރިދާ އަޑުއައްސަވާން ހުންނަވައިފައި އޭނާގެ ކޮޓަރީގެ ދޮރު ހުޅުވި އަޑާއި ދޮރު ލެއްޕެވި އަޑު އިވިވަޑައިގަތުމުން އޭނާ ހިތްޕުޅު ހަމަޖެހިވަޑައިގަތުމުގެ ނޭވާފުޅެއް ލެއްވިއެވެ.
سعد ބިއްދޮށުގައިހުރި ކޮޓަރީން ނުކުމެވަޑައިގެން ވަޑައިގެންފިއެވެ. إدريـس ގެ މަންމަ
ميـمــونـة އާ ދިމާޔަށް ވިދާޅުވިއެވެ. ދަރިފުޅު އޭނާއާ ވާހަކަދެއްކީ ރަނގަޅަކަށް ނޫން. އޭނާ ޚާދިމުންނަށް ގޮވައިގެން ގޭތެރެ ހޯދިނަމަ ކިހައިދެރަވީސްތަ؟"
ميـمــونـة ވިދާޅުވިއެވެ. "އޭނާ އެހެން ހަދާން އުޅުނުނަމަ އަޅުގަނޑު އޭނާގެ މެޔަށް ޚަންޖަރު ހަރައިލީމުސް."
سعد ވިދާޅުވިއެވެ. "އަޅުގަނޑަށް ހީވާގޮތުގައި ميـمــونـة އެގޮތަށް ޖަވާބު ނުދެއްވިނަމަ އެހައި އަވަހަކަށް އޭނާގެ ޝައްކެއް ނުފިލާނެ."
"ދަރިފުޅަކަށް އެކަނބުލޭގެ ޒާތެއް އެނގިވަޑައެއް ނުގަންނަވާނެ. އޭނާ ނިދުމުގެ ކުރީން އަދިވެސް އެއްފަހަރު ނޯކަރުންނަށް ހުޝިޔާރުވެ ތިބޭން އަންގާނެކަން ކަށަވަރު. އަޅުގަނޑުމެން މިތާ ވާހަކަދައްކާން ތިބުންވެސް ރަނގަޅެއް ނޫން. ދަރިފުޅު މިގެއަށް ވެދެވަޑައިގެންނެވި ގޮތަކާމެދުވެސް ދައިތަ ވަރަށްބޮޑަށް ހައިރާންވެއްޖެ."
سعد ޖަވާބު ދެއްވިއެވެ. "އަޅުގަނޑު އައީ ބަގީޗާއާވީ ފަރާތުގެ ފާރުމަތީން އަރައިގެން."
"ހިންގަވާ މިހިރަ ކޮޓަރިއަށް." މިހެން ވިދާޅުވެފައި ميـمــونـة ގެ މަންމަ ބައްތި ނަންގަވައިފިއެވެ. سعد އާއި ميـمــونـة އާ ދެބޭފުޅުން އޭނާގެ ފަހަތްޕުޅުން ވަޑައިގެންނެވިއެވެ.
ميـمــونـة ގެ މަންމަގެ އެދިވަޑައިގަތުމަށް، سعد އޭނާއާއި إدريـس ބައްދަލުވެވަޑައިގެންނެވި ގޮތުގެ ވާހަކަ ކުރުގޮތަކަށް ވިދާޅުވެދެއްވިއެވެ. ވާހަކަފުޅު ނިންމަވައިލައްވަމުން سعد ވިދާޅުވިއެވެ. "إدريـس އަރިހަށް ވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވާ! އިރުކޮޅެއްގެފަހުން އަޅުގަނޑު އެބައަންނަން."
ميـمــونـة ގެ މަންމަ ވިދާޅުވިއެވެ. "ދަރިފުޅާ! ދަރިފުޅަށް އެނގިވަޑައިނުގެން އޮވެދާނެ. އަޅުގަނޑުމެންގެ ހުރިހައި ނޯކަރުންވެސް މިހާރު ވަނީ ފޮނުވައިލައިފައި. ދޮރޯށީގައި އެތިބި ދެނޯކަރުންނަކީވެސް ޙަޤީޤަތުގައި ފުލުހުންގެ ދެމީހުން. މިއުޅޭ ޚާދިމާއަކީވެސް ފުލުހުންގެ މީހެއް. އިއްޔެ އަޅުގަނޑުގެ ބޭބެގެ ކުޑަކުއްޖަކު އަޅުގަނޑުމެންގެ ހާލު ބަލައިލާން އައުމުންވެސް އެނޯކަރުން ފުލުހުންނަށް ޚަބަރު ފޮނުވައިފި. ފުލުހުން އައިސް އޭނާ ހައްޔަރުކޮށްގެން ވަނީ ފުލުސް އޮފީހަށް ގެންގޮސްފައި. އެކުއްޖާފުޅަށް ހެދިގޮތެއްވެސް އަޅުގަނޑަކަށް ނޭނގުނު."
سعد ވިދާޅުވިއެވެ. "ތިޔަކަން އަޅުގަނޑަށް އޮތީ އެނގިފައި. އެބޭފުޅާއަށް އަނިޔާކޮށްގެން އުޅުނީ إدريـس ހުންނެވި ތަނެއް އޮޅުންފިލުވާން މިހާރު އެބޭފުޅާ ވަނީ ގެޔަށް ފޮނުވައިލައިފައި."
"ދަރިފުޅަށްވެސް އެނގިވަޑައިގަންނަވާނެ. މިގޮތަށް ކަންތައްތައް ހުއްޓައި އަޅުގަނޑުމެންނަށް މިގެއިންދާން ކިހައި އުނދަގޫވާނެތޯ؟"
"ދައިތަ ފިކުރުފުޅު ނުކުރައްވާ! އަޅުގަނޑު އެހުރިހާ ކަމެއް ހަމަޖައްސައިފިން."
"އަޅުގަނޑު ބިރުގަންނަނީ އަޅުގަނޑުމެނާހުރެ إدريـس ހައްޔަރުވެދާނެތީ. ދަރިފުޅު އޭނާއަށް އިޝްބީލިއްޔާއަށް އެނބުރިދާން މަޝްވަރާ ދެއްވިނަމަ ކިހައި ރަނގަޅުވީސް. މަސްރަޙު ހަމަޔަކަށް އެޅުމުން އަޅުގަނޑުމެންނަށް އިޝްބީލިއްޔާއަށް ދެވިދާނެ."
سعد ވިދާޅުވިއެވެ. "إدريـس ހުންނެވީ ޤުރުޠުބާއިން ބޭރުގައި ރައްކާތެރި ތަނެއްގައި. ދައިތާފުޅުމެން إدريـس އާމެދު ފިކުރުފުޅު ބޮޑުނުކުރައްވާ! އަޅުގަނޑު އިރުކޮޅަކަށް ބޭރަށް ނުކުމެލާނަން. އަޅުގަނޑު އަންނަންވާއިރަށް ދައިތާފުޅުމެން ތައްޔާރުވެވަޑައިގަންނަވާ!"
ميـمــونـة ކަންބޮޑުވެވަޑައިގެންފައި ވިދާޅުވިއެވެ. "ކަލާ ދޮރޯށީގައި ތިބި ފާރަވެރީންނާ ހުށަހޮޅިވަޑައި ނުގަންނަވާތި! އެތާ ދެމީހުން ތިބޭނެ. މަގުމަތި ބަލަހައްޓާ ސިފައިންގެ ބަޔަކުވެސް އެމީހުންނަށް އެހީވާން އައުމަކީ އެކަށީގެންވާ ކަމެއް."
ޖަވާބުގައި سعد ވިދާޅުވިއެވެ. "އަޅުގަނޑު މިއަދު މިހިރީ ހަނގުރާމަކުރާ މިޒާޖެއްގައެއް ނޫން. އެހެންނޫންނަމަ އަޅުގަނޑާއެކު މީހުންވެސް އެބަތިބި."
سعد މަޑުމަޑުން ދޮރު ހުޅުއްވައިލެއްވުމަށްފަހު ބޭރަށް ނުކުމެވަޑައިގެންފިއެވެ.
ميـمــونـة އާއި އޭނާގެ މަންމަޔާ ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ދިމާއަށް ބައްލަވާން ތިއްބެވިއެވެ.
ميـمــونـة ގެ ދެމައިކަނބަލުން ދަތުރަށް ތައްޔާރުވެވަޑައިގެންފިއެވެ. އެބޭފުޅުން ތިއްބެވީ سعد ގެ އިންތިޒާރުގައެވެ. އެބޭފުޅުން ތިއްބެވީ ميـمــونـة އަވަހާރަފުޅުލައްޕަވާ ކޮޓަރީގައެވެ. ميـمــونـة ގެ މަންމަ އިންނެވީ އެބޭފުޅުންގެ ގަހަނާކޮޅުތަކާއި، ޖަވާހިރާއި، ފައިސާއާއި ބޭނުންތެރި ހެދުންކޮޅުތައް ރުމާލަކަށް އަޅުއްވައި ބަންނަވައިގެންނެވެ.
ميـمــونـة އޭނާގެ ބާލީސްކޮޅުގެ ދަށުން إدريـس ގެ ސިޓީ ނަންގަވައިފައި މަންމަޔަށް ދެއްވަމުން ވިދާޅުވިއެވެ. "މަންމާ! ބައްލަވަ ބައްލަވާ! އަޅުގަނޑުމެންނަށް މިސިޓީ ހަނދާން ނައްތައިލެވުނުނަމަ ކިހައި ގޯސްވީސްތޯ!"
ميـمــونـة ގެ މަންމަ އެސިޓީ އަތުލައްވައިފައި ބައްތީގެ ހުޅުގަނޑުގައި ޖައްސަވަމުން ވިދާޅުވިއެވެ.
"ދަރިފުޅު މިސިޓީގެ މަތީން ހަނދާންހުރީތީ މާތް اللّـه އަށް ޝުކުރުހުރި. މަންމަ އެއްގޮތަކަށްވެސް މިސިޓީގެ މައްޗަކުން މިހާރަކު ހަނދާނެއް ނެތް."
އަނެއްކާވެސް ގަޑިޔެއްހައިއިރު ވެއްޖެއެވެ. ކުއްލިއަކަށް އެދެމައިކަނބަލުންނަށް އިވިވަޑައިގަތީ ދޮރޯއްޓާ ދިމާއިން ހަޅޭއްލަވާ އަޑެވެ. ميـمــونـة އެކަމަނާގެ ޚަންޖަރު ނަންގަވަމުން ވިދާޅުވިއެވެ. "މަންމާ! އޭނާ ހަނގުރާމަ ކުރައްވަނީކަން ނޭނގެ!"
ميـمــونـة ބޭރަށް ނުކުމެވަޑައިގަންނަވާން އުޅުއްވިއެވެ. ނަމަވެސް އޭނާގެ މަންމަ އަވަސްއަވަހަށް އޭނާގެ އަތްޕުޅުގައި ހިފަހައްޓަވައިފައި ވިދާޅުވިއެވެ. "މަޑުކުރޭ! މިކަހަލަ ވަގުތެއްގައި ހެދޭ ކުޑަކުޑަ ގޯހަކުންވެސް އަހަރެމެން މުސީބާތެއްގެ ތެރެއަށް ވެއްޓިދާނެ!"
ميـمــونـة ގެ މަންމަ އެހެން ވިދާޅުވުމަށްފަހު ميـمــونـة ފަހަތަށް ޖައްސައިލައްވައިފައި ދޮރުފަތާ ވަރަށް ކައިރީގައި މަޑުކޮށްލެއްވިއެވެ. ދޮރޯއްޓާވީ ދިމާއިން މިހާރަކު އެއްވެސް އަޑެއް ބަޑެއް ނުއިވެއެވެ. އަނެއްކާވެސް އެބޭފުޅުންގެ ޚާދިމާ "ميـمــونـة! ميـمــونـة!" އެވެ ގޮވަމުން އޭނާގެ ކޮޓަރީން ނުކުމެއްޖެއެވެ. ميـمــونـة އޭނާގެ މަންމަ ދޮރުކޮޅާ ދުރަށް ޖެއްސެވޭތޯ އުޅުއްވަމުން ވިދާޅުވިއެވެ. "މަންމާ! އޭނާ އެތެރެއަށް ވައްދަވާ! އެހެންނޫނީ ހަޅޭއްލަވާނެ!"
ޚާދިމާ އެކޮޓަރިކޮޅާ ކައިރިޔަށް އައިސްފައި ބުންޏެވެ. "ميـمــونـة! މިއީ ކޮން އަޑުފަށްގަނޑެއްތޯ؟ ميـمــونـة! ميـمــونـة ވާހަކަފުޅު ނުދައްކަވަނީ ކީއްވެތޯ؟ ދޮރު ހުޅުއްވާ!"
"ދޮރު ހުރީ ހުޅުވައިފައި! ކީއްވެގެންތަ ކަލޭ ތިޔަ އުޅެނީ؟"
ޚާދިމާ އެތެރެއަށް ވަދެފައި ބުންޏެވެ. "ކަލެޔަކަށް އަހަންނަކަށް އޮޅުވައެއް ނުލެވޭނެ! إدريـس ގެއަށް އައިސްގެން އެބައުޅޭ! ކަލޭމެން އޭނާ ގޭތެރޭގައި ފޮރުވައިފީމު!"
ميـمــونـة ކުއްލިޔަކަށް އޭނާއާ ދިމާއަށް ޚަންޖަރު ދިއްކޮށްލެއްވިއެވެ. ޚާދިމާ ބިރުން ފަހަތަށް ދެމިގަންނާން އުޅުނެވެ. ނަމަވެސް ميـمــونـة އޭނާގެ މަގު ބަންދުކޮށްލައްވަމުން ވިދާޅުވިއެވެ. "ހަޅޭއްލެވުން ހުއްޓައި ނުލައިފިނަމަ ކަލޭގެ ބަނޑަށް މި ޚަންޖަރު ވައްދައިލައިފާނަން."
"ނޫން! ނޫން! އަޅުގަނޑު ތިޔަބޭފުޅުންނަކަށް އެއްވެސްކަހަލަ ގޯނާއެއް ނުކުރަން. ބައްލަވާ! ތިޔަ ޚަންޖަރު ވަރަށް ތޫނު. ތިޔަކަހަލަ ސަމާސާއެއް ރަނގަޅެއް ނޫން. ސާހިބާ! އެހެން ނަހައްދަވަން ميـمــونـة އަށް ވިދާޅުވެދެއްވާ!" އޭނާ ميـمــونـة ގެ މަންމައަށް އާދޭސްކުރިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު