ލޯފަން ދިއްސެއްގެ އަޑުން ކީރިތި ޤުރުއާން އެއްކޮށް ރެކޯޑް ކޮށްގެން ނެރުމުގެ މަސައްކަތް ލޯފަން ކުދިންގެ ޖަމިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕައާޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން ފަށައިފި އެވެ.

އެ މަސައްކަތް ފެށުމަށް އެ ޖަމިއްޔާއިން ވަނީ ރޭގެ ވަގުތެއްގައި ސޮބާ ސުޓޫޑިއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ލޯފަން ކުދިންގެ ޖަމިއްޔާގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ ޒިޔާއު "ވަން" އަށް ވިދާޅުވީ، އެ ޖަމިއްޔާއިން މިފަދަ މަސައްކަތެއް ކުރަން ނިންމީ މިހާތަނަށް ދިވެއްސެއްްގެ އަޑުން ގުރުއާން އެއްކޮށް ރެކޯޑް ކުރެވިފައި ނުވާތީ އާއި ލޯފަން ކުދިންނަށް ގުރުއާން އުނގެނުމުގައި އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށް ކަމަށެވެ.

އެ ޖަމިއްޔާއިން ފެށި މަސައްކަތުގައި ގުރުއާން ކިޔަވާ ވިދާޅުވާނީ، ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ސިލްސިލާގެ ފުރަތަަމަ ޗެންޕިއަން، އަލްގާރީ އަބްދުއްރަޝީދު މުހައްމަދެވެ.

"މިހާރު ވަރަށް އުނދަގޫ ސާފު ކިޔެވުމެއް ހޯދަން. އެހެންވެ، ތަޖުވީދަށް ކިޔަވައި ގުރުއާން ރެކޯޑް ކުރެވިގެން ދިޔައީމާ ވަރަށް ބޮޑު ލުޔެއް އަޅުގަނޑުމެންގެ ކުދިންނަށް ލިބިގެންދާނެ" ޒިއާއު ވިދާޅުވިއެވެ.

ޒިޔާއު ވިދާޅުވީ، ގުރުއާން ރެކޯޑް ކުރުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އެއްކޮށް ނިންމައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅުގައި އާއްމުންނާ ހަމައަށް އެމަސައްކަތް ގެނެސްދޭނެ ކަމަށެވެ.

ދެހާސް ދިހަ ވަނަ އަހަރު އުފެއްދި އެ ޖަމިއްޔާއިން ބުނީ، ގުރުއާން ރެކޯޑް ކުރުމަށް ކުރާ މަސައްކަތަށް އިސްލާމިކް މިނިސްޓްރީގެ އެއްބާރުލުންވެސް ލިބޭ ކަމަށެވެ. އަދި އިތުރު ފަރާތްތަކުގެ އެއްބާރުލުންވެސް އެކަމަށް ބޭނުންވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ގުރުއާން ރެކޯޑް ކުރުމަށް ލޯފަން ކުދިންގެ ޖަމިއްޔާއިން ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ އެ މަސައްކަތަށް އެހީތެރިވުމަށް އެ ޖަމިއްޔާގެ ރައީސް އަލީ ޝަމީމް، 9991256 އަށް ގުޅުމަށް އެޖަމިއްޔާއިން އެދެއެވެ.