ސަރުކާރު ހިއްސާވާ ކޯލިޝަންގެ ބައެއް އިސްވެރިން މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރަމުންދާ ކަމަށާއި އެކަންތައްތައް ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަށް އެއް އަހަރު ފުރުމާ ގުޅިގެން ޒޫމް މެދުވެރިކޮށް ބޭއްވި ޖަލްސާގައި އެޕާޓީގެ އިންތިގާލީ ރައީސް، ރައީސް މައުމޫން ވިދާޅުވީ އެމްއާރްއެމް އަކީ މިހާރު އުފެދިފައިވާ ކޯލިޝަން ސަރުކާރުގެ މުހިއްމު ހިއްސާދާރެއް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވުމަށް އެ ޕާޓީން ކުރި މަސައްކަތް މުޅި ގައުމު ހެކިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ސަރުކާރުގެ ވަރަށް މުހިއްމު ހިއްސާދާރެއް. އަޅުގަނޑުމެން ވާޖިބު އަދާކުރަމުން ގެންދާނީ އަޅުގަނޑުމެންގެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން. ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް، މުޅި ގައުމަށް ފައިދާ އާއި ލާބަ ހޯދައިދިނުމަށްޓަކައި،" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ކޯލިޝަންގެ ހުރިހާ ހިއްސާދާރުންވެސް މި ކޯލިޝަން ވަރުގަދަ ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް އެދޭ ކަަމަށާއި އެއްވެސް ހާލަތެއްގައި ޕާޓީތަކުގެ ތެރޭގައި މަސްލަހަތު ގެއްލޭފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ކޯލިޝަން އުފެދިފައިވަނީ ވަރަށް މުހިންމު ބޭނުމެއްގައި ކަމަށާއި އެ ބޭނުން ފުއްދަމުން ގެންދާ ކަމަށެވެ.

"ހަމަގައިމުވެސް އަޅުގަނޑުމެން މިހާތަނަކަށް ނުކުރައްވަން. އަދި އިރާދަކުރެއްވިއްޔާ ނުވެސް ކުރާނަން. އެކަމަކު ބައެއް އެހެން ފަރާތްތަކުން ބައެއް ފަހަރަށް ދައްކަވާ ވާހަކަފުޅުތަކުން، ކަންތައް ކުރައްވާ ގޮތުން މަސްލަހަތު ގެއްލޭ ގޮތް އެބަ ދިމާވޭ. އަޅުގަނޑުމެންނަށް ބޭއިންސާފު ބަސްތަކެއް ރައްދުވަމުން އެބަދޭ. އެކަހަލަ ކަންތައްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޯލިޝަނަށް ބަލިކަށިކަމެއް ގެނެސްދީފާނެ ކަންކަން. އެހެންވީމަ އެކަންތައްތަކުން ޖެހޭ ދުރުހެލިވާން،" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ކުރިން ދުށް އަނިޔާވެރި ދުވަސްތަކަށް އެނބުރި ދާން ބޭނުން ނުވާ ކަމަށާއި ރައްޔިތުންނަށް ނިކަމެތި ގޮތް ވާން ބޭނުންނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވާ މަންޒަރު ދެކެން ބޭނުންނުވާ ކަމަށެވެ.

"ވަރަށް ގިނަ ކޮރަޕްޝަންތަކާއި ހިޔާނާތްތައް ވަނީ ހިނގާފައި. އެތަންތަން އަލުން ދެކޭކަށް ބޭނުމެއް ނޫން. އެ މާޒީއަށް ރުޖޫއަވާކަށް ބޭނުމެއް ނޫން،" މައުމޫން ވިދާޅުވިއެވެ.

މައުމޫން އިތުރަށް ވިދާޅުވީ އެ ދުވަސްތައް އަނބުރާ އިއާދަ ނުވާނެކަން ޔަގީން ކުރެވޭނީ ސަރުކާރު ކޯލިޝަނުން ކުރާ އިސްލާހީ މަސައްކަތްތައް ހަރުދަނާކޮށްގެން ކަމަށެވެ. އަދި ގުޅުންތައް ވަރުގަދަ ކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.