މިސީޒަނަށް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ، ދެވަނަ ހާފުގައި ބެންޗުން އަރައި ދެއްކި ތަފާތު މޮޅު ކުޅުމާއެކު ސައުތުހޭމްޓަން ބަލިކޮށްފިއެވެ.

ސައުތުހޭމްޓަންގެ ދަނޑުގައި މިރޭ ކުޅުނު މެޗު ޔުނައިޓެޑުން 3-2ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، މެޗުގައި ޔުނައިޓެޑުން ތިން ގޯލު ޖެހީ ފަހަތުން އަރައެވެ. ފުރަތަމަ ހާފުގައި ސައުތުހޭމްޓަންއިން ދެ ގޯލު ޖާހަފައި އޮއްވައި މެޗު އަނބުރައިލުމުގައި ދެވަނަ ހާފުގެ ކުރީކޮޅުގައި ކުޅެން ނުކުތް ކަވާނީގެ ހިއްސާ ބޮޑެވެ.

ޔުނައިޓެޑުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކަވާނީ ޖެހި އިރު، ޔުނައިޓެޑްގެ ފުރަތަމަ ގޯލަށް އެސިސްޓް ކޮށްދިނީވެސް ކަވާނީއެވެ. އުމުރުން 33 އަހަރުގެ ކަވާނީ ޔުނައިޓެޑަށް ބަދަލުވެފައިވަނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް މެޗުތަކެއް ކުޅުމަށް ކަވާނީއަށް ފުރުސަތު ގެއްލި، އޭނާ ވަނީ ކްލަބާ މެދު ނުރުހުންވެސް ފާޅުކޮށްފައެވެ.

ސައުތުހޭމްޓަންއިން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައިވާ އިރު، އެންމެ ތަފާތުކޮށް ފެނުނީ ޖޭމްސް ވާޑް ޕްރައުސްއެވެ. ޖޭން ބެޑްނަރެކް 23 ވަނަ މިނެޓުގައި ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން އޭނާ ވަނީ ހިތްގައިމު ހިލޭ ޖެހުމެއްވެސް ކާމިޔާބުކޮށްފައެވެ.

މެޗުގައި ޔުނައިޓެޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާއަށް އަނިޔާވެ، އޭނާ ބަދަލު ކުރަން ޖެހިފައިވާ އިރު، ބަދަލުގައި ކުޅެން ނުކުތީ އިންގްލެންޑްގެ އުންމީދީ ގޯލްކީޕަރު ޑީން ހެންޑަސަންއެވެ. ދެވަނަ ހާފަށް ޑީން ހެންޑަސަން ނުކުތް އިރު، ޔުނައިޓެޑް ކޮޅަށް އޮއިވަރު އެނބުރުނީ ކަވާނީ ކުޅެން ނުކުތުމާއެކުގައެވެ.

ޑެޑްލައިން ޑޭގައި ޔުނައިޓެޑާ ގުޅުނު ކަވާނީގެ އެސިސްޓަކުން ފެނާންޑާސް ގޯލް ޖެހުމާއެކު އުންމީދު އާވެ، 16 މިނެޓަށް ވެފައި ވަނިކޮށް ކަވާނީ ބޮލުން ފޮނުވާލި ހަމަލާ ގޯލަށް ވައްދާލައި ނަތީޖާ ހަމަހަމަކުރިއެވެ. އަދި މެޗުގެ ފަހު މިނެޓްގައި ދެވަނަ ގޯލެއް ޖަހައި، ނަތީޖާ އަނބުރައިލިއެވެ. ކަވާނީގެ ފަރާތުން ވަރަށް ބޮޑަށް އުފާފާޅުކުރުން ފެނިފައިވާ އިރު، އޭނާގެ ނުރައްކަލަށް ޕްރިމިއާ ލީގު ސަމާލުވާން ޖެހިއްޖެކަން ދައްކައިލިއެވެ.

ޔުނައިޓެޑް ތާވަލުގެ ހަތްވަނައިގައި 16 ޕޮއިންޓާއެކު އޮތީ ނުވަ މެޗު ކުޅެގެންނެވެ. އެޓީމަށް ދެން އޮތީ ޗެމްޕިއަންސް ލީގު މެޗެކެވެ. މި ހަފުތާގައި ޕީއެސްޖީއާ ދެކޮޅަށް ޔުނައިޓެޑުން ކުޅެން ޖެހޭ އިރު، ފުރަތަމަ މެޗުގައި ޔުނައިޓެޑުން ވަނީ ޕެރިސްގައި ޕީއެސްޖީ ބަލިކޮށްފައެވެ.