އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ޕައިލެޓްކަން ކިޔަވަމުން އަންނަ 15 ދަރިވަރަކު ވަކިކޮށްފި އެވެ.
އޭއޭއޭ އިން އެގޮތަށް ނިންމައި އެކަން އީ-މެއިލް މެދުވެރިކޮށް އެ ދަރިވަރުންނަށް އަންގާފައިވަނީ އިއްޔެ އާއި މިއަދު އެވެ.
ނަން ހާމަކުރަން ބޭނުންނުވާ އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރަކު "ވަން" އަށް ބުނި ގޮތުގައި، އޭއޭއޭ އިން ވަކިކުރަން ނިންމި ފުރަތަމަ ކުއްޖާ، ވަކިކުރަން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ ކޮމިޓީން އެދުނު ގޮތަށް ޕޭމެންޓް ޕްލޭނެއް ހުށަހަޅަން އެންގުމުން އެކަން ނުކުރުމުން ކަމަށެވެ.
"ޕޭމެންޓް ޕްލޭނެއް ހުށަހަޅަން އެންގީ އެ ކުއްޖާއަށް، ސްޕޮންސާގެ ދަށުން ކިޔަވާ ކުއްޖެއް އެއީ، ޕޭމެންޓް ޕްލޭނަކީ ކޯއްޗެއް ކަމެއް އެއްވެސް ދަރިވަރަކަށް ނޭނގެ، ހަދާނެ ގޮތެއް ވެސް ކިޔައިނުދީ ކަނޑާލީ އޭނަ،" ދަރިވަރު ބުންޏެވެ.
އޭނާ ބުނީ، އަނެއް 14 ކުދިން ވަކިކުރަން ނިންމި ސަބަބެއް ކަމަށް އޭއޭއޭ އިން ބުނެފައިވަނީ ސްކޫލުން ގަބޫލުކުރާ މިންވަރަށް ކޯސް ކުރިއަށް ގެންގޮސްފައިނުވާތީ އާއި ވަކި މުއްދަތެއްގައި ނިންމަންޖެހޭ ކޯހެއް ނުނިންމުމުން ކަމަށް ބުނެ އެވެ. އަދި ބައެއް ދަރިވަރުންނަށް ވަކިކޮށްފައިވަނީ އެއްވެސް އިންޒާރަކާ ނުލާ ކަމަށް ވެސް ބުންޏެވެ.
ވަން އަށް މައުލޫމާތު ދިން ދަރިވަރު އިތުރަށް ބުނީ، އެ ކަމަކާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ވެސް ބައްދަލުކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ހައްލެއް ހޯދައި ދިނުމުގެ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުންތަކަށް އެއްވެސް ވަރަކަށް އޭއޭއޭ އިން އަމަލުކުރަމުން ނުދާއިރު އިސްލާހު ކުރަން އެންގި އެއްވެސް ކަމެއް އިސްލާހު ކޮށްފައިނުވާ ކަމަށް ވެސް ދަރިވަރު ބުންޏެވެ.
މީގެ ކުރިން ވެސް ހަތަރު ދަރިވަރަކު ވަކިކުރަން ސިޓީ ފޮނުވާފައިވަނިކޮށް، ވަކިކުރަން ނިންމި ނިންމުން ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެ ސްކޫލަށް ވަނީ އަންގައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު