މޯލްޑިވްސް މީޑިއާ ކައުންސިލް

އެމްއެމްސީ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

މަރިޔަމް ޝަހުދާ

މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރަން ލިބޭނެ ކަމަށެވެ. އަދި ފޯމު ބަލައި ގަންނާނީ މާދާމަ މެންދުރު 13:30ގެ ކުރިން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އިން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ކޮންމެ ކެންޑިޑޭޓެއް، އިދާރާ ނުވަތަ ޖަމިއްޔާ ތަމްސީލު ކުރާ އެކަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އިންތިހާބަކީ މިހާރު އެމްއެމްސީއަށް އިންތިހާބުކޮށްފައިވާ މެންބަރުންގެ ދައުރު ހަމަވާތީ ބާއްވާ އިންތިހާބެކެވެ. އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މި އިންތިހާބުގައި ވާދަކުރުމަށް ޖުމްލަ 28 ކެންޑިޑޭޓަކު ނަން ހުށަހަޅާފައި ވެއެވެ. އެއީ މީޑިއާތަކުން 14 ކެންޑިޑޭޓަކާއި އާންމުންގެ ތެރެއިން 14 ކެންޑިޑޭޓެކެވެ.