ވާހަކަ

ހިޔާ - 49

7

"ހެލޯ؟" ޒިހާން އިނގިރޭސިން ޖަވާބު ދިނީ އެކޮޅުގައި ހުންނާނީ އިނގިރޭސިއެއް ކަމަށް ނިންމަމުންނެވެ.

"ހައި.....ހާދަ ވަރަކަށް މަސައްކަތް ކޮށްފީމޭ ޒިހާނަށް ގުޅޭތޯ....ގުޅި ދުވަހު ޒިހާންގެ ފޯނު ތަޅައިގެން ދިޔަ ވާހަކަ އަހަންނަށް އިވުނީ މާފަހުން..." އެކޮޅުން އިވުނީ ބަރު އަޑެކެވެ. އިވުނު ވާހަކަތައް ދޭހަކުރެވުނު ވަގުތު އެމީހާއަށް އޭނަގެ މައުލޫމާތު އެނގޭކަން ޒިހާނަށް އެނގުންވިއެވެ.

"ތިއީ ކާކު؟" ޒިހާނަށް އަހައިލެވުނެވެ.

"ވެލް..... އަހަރެން މިއީ ޒިހާނާބެހޭ މީހެއް ވެސް ނޫން އެކަމަކު ...... މިއަދު ޒިހާނަށް އަހަރެންގެ ކާރު ފެނިފަ ގޮތެއްވި ދޯ؟" އެމީހާ ކޮށްލި ސުވާލު ސިކުނޑިއަށް ނެގިގެން ދިޔަ ވަގުތު ޒިހާންގެ މެއަށް ފިނިވެގެން ދިޔަ އެވެ.

ބުނާނެ ވަކި އެއްޗެއް ނޭނގިފައި ޒިހާން ވަނިކޮށް އެމީހާ އެކޮޅުން ހީލި އަޑު އިވުނެވެ.

"ބިރުވެރި ވާހަކައެއްދޯ މި އަހާލެވުނީ ވެސް؟ އަހަރެން މުޅިން އެހެން ގައުމެއްގަ ހުރެ ގުޅާއިރު ކިހިނެއް އަހަރެންގެ ކާރު ދުވާތަން ފެންނާނީ؟ ހެހެހެ ....... ތެދުތެދަށް ބުނަންޏާ މިއަދު އެ ކާރު ޒިހާންގެ ކައިރިން ދުއްވާލެވުނީ އަދިވެސް ޒިހާން އޭގެ މަތިން ހަނދާން ހުރިތޯ ބަލަން. އަނެއްކާ ވެސް ޒިހާން އެ ތަހުގީގު ފަށާނެކަން އެނގޭ. އެކަމަކު ކީއްކުރާނީ؟ ހަގީގީ މުޖުރިމެއް ނޫން މިއަދުވެސް އެ ކާރު ދުއްވާފަ ދިޔައީ ...." އެ މީހާ މަލާމާތުގެ ރާގަކަށް ބުންޏެވެ.

"ތިއީ ކާކު؟! ކީއްވެ ޔަޒްދާންބެއަށް އެފަދަ ބޮޑު އަނިޔާއެއް ދިނީ؟" ޒިހާނަށް ރުޅިވެރިކަމާއެކީ ސުވާލު ކުރެވުނެވެ.

"އަނިޔާ ދިނީ އޭނަވެސް އަހަންނަށް އަނިޔާ ދީފަ ހުންނާތީ .... ކަލޭގެ އަންހެނުން ވެސް މީގެ ދުވަސްކޮޅެއް ކުރިން ތި ސުވާލުކުރީމަ އަހަރެން ދިން ޖަވާބު މިއީ ..." އެމީހާ މިފަހަރު ބުނެލި ބަސްތަކުން ޒިހާންގެ ގޮށްމުއްކެވިގެން ދިޔައެވެ.

"ކިހިނެއް ކަލެއަށް ޔުނާ އެނގެނީ؟" ޒިހާން އެ ސުވާލު ކޮށްލި އިރު އޭނަ ރުޅިން ތުރުތުރު އެޅިއެވެ.

"ޔުނާއެއްނު މަށަށް އެނގޭނީ؟ ކުރިން ވެސް ބުނިހެން ޒިހާނަކީ އަހަންނާ ބެހޭ މީހެއް ނޫން. ބަދަލު ހިފަން ބޭނުންވަނީ އެ ޔަޒްދާނަކާ އޭނަގެ ކޮއްކޮގެ ކިބައިން. އެކަމަކު މަޖާ ތަންކޮޅަކީ ޒިހާންގެ ބައްޕަ ވެސް އަހަރެންގެ މި ރޭވުމުގަ ބައިވެގެން އުޅޭތީ. ޔަޒްދާންގެ ސަބަބުން ޒިހާންގެ ބައްޕަ ހިނގި އޮޕަރޭޝަނެއް ފޭލްވީމަ އަހަރެން ދިޔައީ ޒިހާންގެ ބައްޕަ ކައިރިއަށް. އެހާ ހިސާބުން އަހަރުމެން މިއުޅެނީ އަތު ގުޅާލައިގެން. މަށަށްވުރެ ވެސް ބޮޑަށް ޒިހާންގެ ބައްޕަ މަ ދިފާއުކުރަން މަސައްކަތް ކުރާހެން ބައެއް ފަހަރު ހީވޭ. އަހަންނަށް އެހީވީމަ ލިބޭނެ އާރާއި ބާރާއި ފައިސާގެ ދަހިވެތިކަމުގައި ކަންނޭނގެ އެހެން އެވަނީ ...." އެ މީހާ އެ ވާހަކަތައް ކިޔައިދިނުމަށްފަހު އަނެއްކާ ވެސް މަލާމާތުގެ ޒާތަކަށް ހީލި އެވެ. އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން ޒިހާން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އެ ވިސްނުމުގެ ތެރެއިން ހަމީދުގެ ސޫރަ ލޮލަށް ސިފަވުމުން ވެސް ޒިހާންގެ ދަތްކުނޑި ވިކުނެވެ.

"ކޮބައިތަ ކަލޭގެ ބޭނުމަކީ؟ މީހަކަށް އަނިޔާއެއް ދީގެން ކަލެއަށް ލިބޭނީ ކޮންކަހަލަ އުފަލެއް؟!" ޒިހާން ހަރުވެގެން ދިޔަ އަޑަކުން އަހައިލިއެވެ.

"ނޭނގެ ބުނެދޭން ވެސް ލިބޭ އުފާ .... ޔަޒްދާން މަރުވި ދުވަހު ހަމަ އަސްލު ވެސް ވަރަށް އުފާވި. މަގޭ އާއިލާ މީހުންގެ ކަރުނަތަކަށް އިންސާފެއް ލިބުނު ކަހަލަ އިހުސާސެއް ކުރެވުނު. އަދިވެސް އަހަންނަށް ހަމަޖެހުމެއް ލިބޭނީ އެ ޔުނާ ނިކަމެތިކަމުގައި ރޮއިރޮއިފަ މަރުވާތަން ފެންނަ ދުވަހަކު!!!" އެމީހާގެ އަޑުގައި ރުޅިވެރިކަން އެކުލެވިގެން ދިޔަ ވަގުތު އިވުނު ބަސްތައް ޚިޔާލު ކުރެވުމުން ވެސް ޒިހާންގެ ފައިދަށުން ބިންގަނޑު ދާން އުޅުނުހެން އޭނައަށް ހީވިއެވެ. އޭނައަށް ނޭނގި ހިނދުކޮޅަކަށް ނޭވާ ވެސް ހުއްޓޭ ގޮތްވި އެވެ. އެހެނަސް މާ ގިނައިރެއް ނުވެ ވާހަކަ ދެކެވުނީ ވެސް އިހްތިޔާރަކާ ނުލައެވެ.

"މަގޭ ހަށިގަނޑުގަ ނޭވާ ހިނގާހާ ހިނދަކު ކަލޭވިޔަސް އަދި އެހެން މީހެއްގެ އަތްދަށުން ވިޔަސް ޔުނާއަށް ކުޑަވެސް އަނިޔާއެއް ލިބިދިޔަ ނުދޭނަން އިންޝާ ﷲ!" ޒިހާން އެހެން ބުނެލީ ރަތްވެފައިވާ ދެލޮލާ އެކީއެވެ.

"އާނ އާނ .... ދެން ބަލަމާ އެންމެ ބާރު ގަދައީ ކޯޗެއްތޯ؟ އަހަރެންގެ ރޭވުންތޯ އެހެންނޫނީ ކަލޭގެ ތި ބަސްތައްތޯ. މަ އެބަ އަންނަން ތިކޮޅަށް ވަރަށް އަވަހަށް. ހިތަށް އެރި އެހެން މީހަކު ލައްވާއޭ އެ އަންހެނާގެ ކަންތައް ނިންމުވާނީ. އެކަމަކު އަހަރެން ބޭނުންވަނީ އަހަރެން އަމިއްލަ އަތުން އެކަން ކުރަން. ޔަޒްދާންއަށް ހެދިގޮތަށް!" އެކޮޅުން އެހެން ބުނުމަށްފަހު ޒިހާނަށް އެއްޗެކޭ ބުނެވުމުގެ ކުރިން ފޯނު ކަނޑާލެވުނެވެ.

ފޯނު ކެނޑިގެން ދިއުމުން ޒިހާނަށް ހާސްކަން ވެރިވެފައިވި ސިކުނޑިއަކާ އެކީ ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލެވުނެވެ. އޭނައަށް ހުރެވުނީ ނޭވާ ހިފަހައްޓައިގެންކަން އެނގެން ވެސް ހިނދުކޮޅެއް ނެގިއެވެ. އެއަށްފަހު ފުން ނޭވާތަކެއް ލަމުން ޒިހާނަށް ފޯނު ތިރިކޮށްލެވުނެވެ. ކުއްލި ގޮތަކަށް ކޮޓަރިއަށް އަނބުރާ ދާން ހިނގައި ގަނެވުނީ ޔުނާއާމެދު އިންތިހާއަށް ކަންބޮޑުވެފައިވާ ހިތަކާ އެކީގައެވެ.

ކޮޓަރިއަށް ވަދެވުނުތަނާހެން އެނދުގައި އޮތް ޔުނާ ފެނިފައި ޒިހާނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ޔުނާ ނިދިފައި އޮތްއިރު އެ މޫނުމަތިން ފެނުނު ހިމޭންކަމުން ޒިހާންގެ ހިތަށް ހިމޭންކަމެއް ގެނުވިއެވެ. ޒިހާން ޔުނާއަށް ބަލަން ހުރެފައި ލަސްލަހުން ގޮސް އެނދަށް އަރައި ޔުނާއާއިވީ ފަރާތަށް އޮށޯތެވެ. އެ މޫނަށް ބަލަން އޮތްވާ ޔުނާގެ ސަބަބުން އޭނައަށް ލިބުނުހާ އުފާތައް އެއްފަހަރާ ހަނދާންވެގެން ދިޔަދިޔަހެން ޒިހާންގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. ޔުނާ ނެތް ދުނިޔެއެއްގައި އޭނަ ދެރަވާނެ މިންވަރު ހިތަށް ގެނެވުމުންނެވެ. އެ ޚިޔާލު ހިތަށް ވެރިވުމާއެކު އަވަސް އަވަހަށް އެއާއި ދުރުވަމުން ޒިހާން ޔުނާގެ ނިތަށް ބޮސްދިނެވެ. އެއަށްފަހު ޔުނާ ކައިރިއަށް ގެނެސް ބައްދާލީ ޔުނާ މުޅި ދުނިޔެއިން ވެސް ރައްކާތެރި ކުރަން އުޅޭ ފަދައަކުންނެވެ. ޒިހާނަށް ނިދުނީ ޔުނާގެ ރައްކާތެރިކަމަށްޓަކައި ދުއާކުރާ ހާލުގައެވެ. އޭނަ ކިތަންމެ ބާރުގަދަ ވިޔަސް އެންމެ މޮޅު ރައްކާތެރިއަކީ ހަމައެކަނި ﷲ ކަން އެނގޭތީވެއެވެ.

**

އޭގެ އަނެއް ދުވަހުގެ ފަތިސް ނަމާދަށް ހޭލި އިރު ވެސް ޔުނާ ބަލިވެ އުޅޭތީ ޒިހާން ދެރަވާ ގޮތްވިއެވެ. ނަމާދަށްފަހު ވެސް ޔުނާ މޫނަށް އަނދިރިވާތީ އުޅެން ފެށުމުން ޒިހާން ގަދަކަމުން ވެސް ޔުނާއަށް ކުޑަ ގޮތަކަށް ސައިދިނެވެ. އަދި ބޭސް ގުޅައެއް ދިނުމަށްފަހު ނިދާލުމަށް ބުންޏެވެ. ޒިހާން ޑިއުޓީއަށް ދިޔުމަށްޓަކައި ހޭލި އިރު ވެސް ޔުނާ އޮތީ ނިދިފަ އެވެ. އިއްޔެއާ ޚިލާފަށް ޒިހާން ތައްޔާރުވަމުން ދިޔަ ވަގުތު ވެސް ޔުނާއަށް ހޭނުލެވެއެވެ. އެހެންކަމުން ޒިހާން ޑިއުޓީއަށް ދިޔައީ އެ ކޮޓަރީގެ އެއްފަރާތުގައި ހުރި މޭޒުމަތީގައި ސައި ހެދުމަށް ބޭނުންކުރާ އެއްޗެހި ރީއްޗަށް އަތުރާފައެވެ. އަދި ރަނގަޅަށް ކައި އަރާމުކުރުމަށް ބުނެ ބަލިއްޔާ އޮފީހަށް ނުދިޔުމަށް ބުނާ ނޯޓުކޮޅެއް ވެސް މޭޒުމަތީގައި ތަތްކުރުމަށްފަހުއެވެ.

ޑިއުޓީއަށް ދިޔުމަށްފަހު ލިބުނު ބްރޭކް ގަޑީގައި ވެސް އިއްޔެއާ ޚިލާފަށް ޒިހާން ގެއަށް ދިޔައެވެ. ޔުނާ އާދައިގެ މަތިން ގަދަ ދައްކަމުން ހިނިތުންވެ މިހާރު ރަނގަޅު ކަމަށް ބުންޏެއް ކަމަކު އެ ލޯމަތިން ވަރުބަލިކަން ޒިހާނަށް ފާހަގަވިއެވެ. ޒިހާން އެ ވަގުތުން ވަގުތަށް ވެސް ޔުނާ ޑޮކްޓަރަށް ގެންދަން އުޅުނެވެ. އެހެނަސް ޔުނާ ތަކުރާރުކޮށް އިންކާރު ކުރުމާއެކު ޒިހާނަށް މާ ބޮޑު ވަގުތެއް ވެސް އެހިނދު ނެތުމުން ޒިހާން ހަތިޔާރު ބެހެއްޓިއެވެ. އެންމެ ފަހުން ޒިހާނަށް ޔުނާ ޑޮކްޓަރަށް ދައްކަން ގެންދެވޭ ގޮތްވީ ޑިއުޓީން ހޮޓެލަށް އަނބުރާ އައިހެވެ. ކޮޓަރިއަށް ވަން ވަގުތު ފާޚާނާ ތެރެއިން އިވެމުން ދިޔައީ ޔުނާ ހޮޑުލާ އަޑެވެ. ޒިހާން ވަގުތުން ގޮސް ޔުނާއަށް އެހީވެ އިތުރު އެއްޗެކޭ ވެސް ނުބުނެ، ޑޮކްޓަރަށް ދާން ތައްޔާރުވުމަށް ބުންޏެވެ. ޔުނާ ވެސް އެފަހަރު ދެކޮޅު ހެދުމެއްނެތި ތައްޔާރުވިއެވެ. އަދި ޒިހާން އޭނަގެ އަތުގައި ހިފައިގެން ގޮސް ކާރާއި ހަމައަށް ގެންދަން ދެން ވެސް ޒިހާނަށް އޭނަގެ ހުރިހާ ހަރަކާތްތައް ދޫކޮށްގެން ހުއްޓެވެ.

ހޮޓެލްގެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު އެންގީ އެންމެ ފުރަތަމަ ކަމަކަށް ޔުނާ އެނދުމަތިވުމަށެވެ. އެވަގުތު ޔުނާގެ ގައިގައި މާބޮޑު ވަރެއް ނެތުމުންނެވެ. ޓެސްޓުތައް ހެއްދުމަށްފަހު ޕްރައިވެޓް ރޫމަކަށް ވެއްދި އައިވީ ގުޅިތާ އިރުކޮޅެއް ފަހުން ޔުނާގެ ޙާލު ރަނގަޅު ވަމުން ދިޔަހެން ޔުނާއަށް ވެސް ހީވިއެވެ. އެވާހަކަ ބުނުމަށްފަހު އެދުވަހު ބޯ އަނބުރާތީ މާރަނގަޅަށް ނުކެވޭ ވާހަކަ ވެސް ޔުނާ ބުންޏެވެ. ޔުނާ އެހެން ބުނުމުން ޒިހާން ޔުނާއަށް ދޭން އެއްޗެއް ހޯދަން ދާން އުޅުނު ވަގުތު ޑޮކްޓަރު ވަދެގެން އައެވެ. އެހެންކަމުން ޒިހާން ޚިޔާލު ބަދަލުކޮށްލަމުން ޔުނާ ކައިރީގައި މަޑުކުރިއެވެ.

އެ އަންހެން ޑޮކްޓަރު ޔުނާއާ ސުވާލުތަކެއް ކުރިއެވެ. އެ ސުވާލުތަކުގެ ޒާތުންނާއި ޔުނާއަށް ދެވެމުން ދިޔަ ޖަވާބުތަކުން ޔުނާ އާއި ޒިހާނަށް ކަމެއް އެނގުންވަމުން ދިޔަ ފަދައަކުން އެކަކު އަނެކަކަށް ބެލެމުން ދިޔަ އެވެ. ޑޮކްޓަރު ވެސް އެންމެ ފަހު ސުވާލު ކުރުމަށްފަހު މިއީ އުފާވެރި ޚަބަރަކަށް ވެސް ވެދާނެ ކަމަށް ހިނިތުންވުމަކާއެކީ ބުނެލީ ދެމީހުންނަށް ވަކިވަކިން ބަލަމުންނެވެ. އެއަށްފަހު އެ ރޫމުން ނުކުމެގެން ދިޔައީ ޔުނާ އާއި ޒިހާން ޒާތެއްގެ ޝޮކެއްގައި ބުނާނެ އެއްޗެއް ނޭނގިފައި ތިއްބައެވެ. ޑޮކްޓަރު ނުކުމެ ދޮރު ލައްޕާލި ތަނާހެން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އޭގެ ސިކުންތު ކޮޅެއް ފަހުން ދެމީހުންނަށް އެކުއެކީގައި ހެވުނީ ލިބުނު ކުއްލި އުފަލެއްގެ ސަބަބުންނެވެ. ޒިހާން ހެމުން ގޮސް އެނދު ކައިރީގައި ހުރި ގޮނޑި އެނދާއި އިތުރަށް ކައިރިކުރަމުން އިށީނެވެ.

"އަޅެ އަހަރުމެންނަށް މިކަން ޕްރޮސެސް މިވީ ހާދަ ލަހުންނޭ!" ޒިހާން ހެވިފައި އިނދެ އެނދުމަތީގައި އޮތް ޔުނާގެ އަތުގައި ހިފާލަމުން ބުންޏެވެ.

"ހެހެ.....އަދި ޔަޤީނެއް ނޫނެއްނު؟ މާ ބޮޑަށް އެކްސްޕެކްޓް ނުކުރައްޗޭ! ފަހުން ދެރަވާން ޖެހިދާނެ ..." ޔުނާ ބުނެލިއެވެ.

"އެއްކަލަ ކުއްޖާ މޫޑު ހަރާބު ކުރަން އެބައުޅޭ. ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން ވެސް އަހަރެން ހުންނާނީ އުއްމީދުގަ. ވަރަށް ހީވޭ މިއީ އަހަރެން ކުރި ދުއަތަކުގެ ޖަވާބުހެން ...." ޒިހާން ދެން ވެސް ހިނިތުންވުމެއްގައި އިނދެ ބުންޏެވެ.

"ޒިހާން ދުއާކުރިންތަ މިކަމަށް؟" ޔުނާ ހައިރާން ކަމާއެކީ ސުވާލުކުރިއެވެ. އެއާއެކު ޒިހާން ހޫންލައްވާލިއެވެ. އެއަށްފަހު އަރަބިން ދުއާއެއް ކިޔުނެވެ.

"އަޅަމެންގެ ވެރިރަސްކަލާނގެއޭ .... އަޅަމެންގެ ސްޕައުސެސްއާ އަޅަމެންގެ ކުދިންގެ ކިބައިން ލޮލުގެ ފިނިކަން އަޅަމެންނަށް ދެއްވާށިއޭ. ކުރިން ވެސް ކިޔައިދެވުނު ކަންނޭނގެދޯ ފުރުޤާން ސޫރަތުގެ މި އާޔަތް؟ ޔުނާއާ މެރީ ކުރުމުގެ ކުރިން ވެސް ވަރަށް ގިނައިން މި ދުއާ ކުރިން. އަބަދުވެސް ޔުނާއާ އެކީގަ ލޯބިލޯބި އާއިލާއެއް އޮތުމުގެ ހުވަފެންތައް ދެކުނިން ...." ޒިހާން ކިޔައިދިނެވެ. އެ ވާހަކަތަކުން ޔުނާ އިތުރަށް ހައިރާންވުން ނޫން ކަމެއް ނުވިއެވެ.

"ޒިހާން .... އަހަންނަށް ހީވަނީ އަހަރެންގެ ހޯދުންތަކުގެ ނަތީޖާ އެހާ ރަނގަޅެއް ނޫންހެން. ބައެއް ފިރިހެނުންނަށް އެނގޭ ކަންނޭނގެ ކޮމިޓްކުރަން ...." ޔުނާ ބުންޏެވެ. އެއާއެކު ޒިހާން ހީލަމުން ބޯޖަހާލިއެވެ.

"ޔެސް .... އަދި އަހަރެންގެ އުއްމީދަކީ އަހަރުމެންގެ އާއިލާ ފުރިހަމަ ވީމަ ދެމީހުން އެކީގަ ދުނިޔެ އާއި އާހިރަތުގެ ވެސް ބާއްޖަވެރިކަން ލިބޭނެ ކުއްޖަކު ތަރުބިއްޔަތު ކުރުން. ޔުނޫ އެކްސައިޓެޑްތަ؟" ޒިހާން އުޖާލާވި ހިނިތުންވުމަކާއެކީ އެހިއެވެ. ޔުނާއަށް ވެސް ހިނިތުން ވެލެވުނު ވަގުތު ޒިހާން ދެންމެ ބުނެލި ބަސްތަކުން ޔުނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ހިލުނެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނައަށް މިހާ ރީތި ނަޒަރިއްޔާތެއްގެ ވެރިއަކު ފިރިއެއްގެ ގޮތުގައި ލިބިދާނެ ކަމަށް ޔުނާ ހިއެއް ނުކުރެއެވެ. ޒިހާންގެ ވާހަކައާ އެއްބަސްވުމަށް ބޯޖަހާލުމުން ޒިހާން ކުޑަކޮށް ތެދުވެލަމުން ޔުނާގެ ނިތަށް ބޮސްދިނެވެ. އެހިނދު ދުނިޔެ މަތީގައިވި ހުރިހާ އުފަލެއް އޭނަގެ ފަސްބަޔަށް އެޅުނުހެން ޔުނާއަށް ހީވިއެވެ.

ފުރަތަމަ އައިވީ ހުސްވުމުން ޔުނާގެ ހާލަތު ފުދޭވަރަކަށް ރަނގަޅުވުމުން ޔުނާ ގެއަށް ފޮނުވާލެވުނެވެ. ޔުނާގެ ޓެސްޓުތަކުގެ ނަތީޖާ ލިބެނީ އޭގެ އަނެއް ދުވަހު ހެނދުނު ކަމަށްވުމުން ދެމީހުން ވެސް ކެތްމަދުވެފައިވިއެވެ. ޒިހާން ކިތަންމެ ނޫން ކަމަށް ހަދައިގެން ހުއްޓަސް މާދަމާ ޑިއުޓީގެ ބްރޭކުގެ ތެރެއިން ގޮސް ޓެސްޓްތަކުގެ ނަތީޖާ ނަގާނެ ވާހަކަ ތިން ފަހަރަށް ވުރެ ގިނަ ފަހަރު ބުނެވުނެވެ. އެކަން ވެގެން ދިޔައީ ދެމީހުން ވެސް ހެއްވާލި ކަމަކަށެވެ.

ޒިހާން އޭނަ ވައުދުވީ ފަދައިން ޑިއުޓީގެ ތެރެއިން ބްރޭކް ލިބުމާއެކު ހޮސްޕިޓަލަށް ދިޔައެވެ. އެހެނަސް ހޮސްޕިޓަލުން ބުނި ގޮތުގައި އޭގެ އިރުކޮޅެއްކުރިން ޔުނާ ވަނީ އެ ޓެސްޓްތަކުގެ ނަތީޖާ ހޯދައިގެން ގޮސްފަ އެވެ. އެ ވާހަކަ އިވުމުން ޒިހާން ހައިރާންވާ ގޮތްވިއެވެ. ޔުނާ އޭނައަށް ނާންގާ އޭތި ނެގުމުންނެވެ. އަދި އަމުދުން އެ ނަތީޖާގެ ވާހަކަ ފޯނުން ގުޅާފައި ވެސް އޭނަ ގާތު ބުނެފައި ނުވާތީވެއެވެ.

މި ސަބަބުތަކާހުރެ ޒިހާން ހޮސްޕިޓަލުން ނުކުމެގެން ދިޔައީ ހާސްވެފައިވި ހިތަކާ އެކީގައެވެ. ބާރު ސްޕީޑެއްގައި ސައިކަލުން ގޮސް ހޮޓެލަށްވަދެ ކޮޓަރިއާ ހަމައަށް ދެވެންދެން ވެސް އޭނަގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ. ކޮޓަރިއަށް ވަނުމާއެކު ޒިހާނަށް ޔުނާގެ ނަމުން ގޮވާލެވުނީ އެ ނަތީޖާގެ އަސްލު އެނގެން ބޭނުންވި މިންވަރުންނެވެ. އެހެނަސް ކޮޓަރިއަށް ވަދެވުމާއެކު ޒިހާންގެ ހަރަކާތްތައް ލަސްވެގެން ދިޔައީ ފެނުނު މަންޒަރަކުންނެވެ. އެނދުމަތީގައި ބޭއްވިފައިވީ މަޑު ދަނބު ކުލައިގެ ޅަ ކުއްޖެއްގެ ހެދުމަކާއި ހަމަ އެކުލައިގެ އިސްޓާކީނެކެވެ. އޭގެ ކައިރީގައި ބޭއްވިފައި އޮތް ގަނޑުގައި އެއްޗެއް ލިޔެވިފައިވުމުން ޒިހާނަށް އޭތި ނަގައި ކިޔާލެވުނެވެ.

"ވިލް ސީ ޔޫ ސޫން، ބައްޕި! އިންޝާ ﷲ!" އެ ބަސްތައް ކިޔާލެވުނު ހިނދު ޒިހާނަށް ހީލެވުމާއެކު އޭނަގެ ލޮލުން ކަރުނަތައް ފާއްދާލިއެވެ. ހަމަ އެ ހިނދު ފަހަތުން ޔުނާ ސިއްރުވެރި އަޑަކުން 'ސަޕްރައިޒް'އޭ ބުނެލި އަޑު އިވުނެވެ. އެއާއެކު ޒިހާނަށް ފަސްއެނބުރި ބަލައިލެވުނެވެ. އެ ހިނދު ހިނިތުންވުމެއްގައި ހުރި ޔުނާ ފެނުމުން ޒިހާނަށް ލުއި ހީލުމަކާއެކީ އަތުގައި އޮތް ގަނޑު އެނދަށް ދޫކޮށްލަމުން ވީ އުފަލުގައި ޔުނާ ނަގައި އުރާލިއެވެ. އެ ހިނދު ދެ މީހުންގެ ވެސް ހުނުމުގެ އަޑު ކޮޓަރީގައި ގުގުމާލިއެވެ. އެ ހިނދު އެ ދެމީހުންގެ ލޮލުން ވެސް ފާޅުވަމުން ދިޔަ އުފާވެރިކަން ނިގުޅައިގަންނަން އުޅޭ މީހެއް އެބަ އުޅޭކަން އެވަގުތު ޒިހާން ވެސް ހަނދާނެއް ނެތެވެ.

**

އެމްސްޓާޑަމަށް އެރޭ ނުވައެއް ޖެހި ވަގުތު ޝިޕޯލް އެއާޕޯޓުގެ ޑިޕާޗާގައި ގޮސް އިނށީނީ ދިގު ކަޅުކުލައިގެ ކޯޓަކާއި ކަޅުކުލައިގެ ޖިންސެއްގައި ހުރި މީހެކެވެ. ޖެކެޓްގެ ހުޑީ ބޮލުގައި އެޅުވިފައިވުމުން އޭނާގެ ސިފައެއް މާބޮޑަށް ސާފުވާ ގޮތެއް ނުވިއެވެ. ކުރިމަތިން ވެސް ފެންނަމުން ދިޔައީ އެ މޫނުގެ އެއްބައެވެ. އެނގޭހާވެސް ކަމަކީ އެއީ އަލި މޫނެއް ކަމެވެ. ޑިޕާޗާގައި އޭނަ ގޮސް އިށީނުމާއެކު އޭނަގެ ފޯނު ރިންގުވި އެވެ. ފޯނު ނަގައި ސްކްރީނަށް ބަލައިލުމަށްފަހު އޭނަ ފޯނު ކަންފަތުގައި ޖައްސާލިއެވެ. އެއަށްފަހު އެއްޗެކޭ ނުބުނެ އެކޮޅުން ވާހަކަ ދައްކަންދެން މަޑުކުރިއެވެ.

"ހަމީދު ފުރަން އުޅެނީ މާދަމާ. އަހަރެން މިހިރީ މިރޭ ފުރަންވެގެން އެއާޕޯޓަށް އައިއްސަ. ކުޑައިރުކޮޅެއްގެ ތެރޭގައި ފްލައިޓަށް އަރާނަން." އެ މީހާ އެހެން ބުނުމުން ވެސް އެކޮޅުން ވާހަކަ ދެއްކި އަޑު އިވުނެއް ކަމަކު އޭނަ ފަރުވާލެއް ނެތި ފޯނު ކަނޑާލަމުން ޖެކެޓްގެ ޖީބު ތެރެއަށްލިއެވެ. ހަމަ އެ ހިނދު އެމްސްޓާޑަމްއިން ރާއްޖެއަށް ފުރާ މީހުން ކުރިއަށް އައުމަށް އެންގެން ފެށުމުން އޭނަ ތެދުވެލިއެވެ. އަދި ދިގު ފިޔަވަޅުތަކެއްގައި އެންމެ ކުރިން ގޮސް ބޯޑިންގް ޕާސް ދައްކާ މޭޒު ކައިރިއަށް މަޑުކޮށްލިއެވެ. ބޯޑިންގް ޕާސް ކަނޑައި އޭގެ ކުޑަ ބައި އޭނައާ ޙަވާލުކުރެވުނު ވަގުތު އެމީހެއްގެ ނަން އޭގައި އޮތެވެ. ނަމަކަށް ލިޔެވިފައިވީ 'ޒުބީން ޚަލީލް' އެވެ.