ދިވެހިރާއްޖޭގެ ތާރީޚު

ދިވެހީންގެ ދަރިކޮޅުތަކާއި މަތިކޮޅުތައް 03

އިޔާޒު ނަސީމް

އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ ޞޫރު ޤާދިރީ ކަލޭގެފާނުގެ ޢީސާ ޤާދިރީ ކަލޭގެފާނުގެ ދަރިކަލުން އަލްފަޤީހް އަލްޙާފިޡް އަލްޥަރަޢު ވައްޒާހިދު އައްޝައިޚް އަލްޢާލިމް ޔޫސުފުގެ ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބު، ފުވައްމުލަކު ހޯދަޑު ދޮންބުޅަލި ކަނބުލޭގެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވި 4 ބޭފުޅުން ކަމުގައި ވާ ޢަބްދު ނާއިބުއާއި އަބޫބަކުރު ނާއިބުއާއި ދޮން ޙަސަން ޚަޠީބު ކަލޭގެއާއި ދޮން އައިހާ ކަނބުލޭގެ ބޭފުޅުންނަކީ ކޮބައިކަން މި ސިލްސިލާގެ ކުރީގެ ލިޔުމުގައި ވާނީ ބަޔާން ކުރެވިފައެވެ. ޢަބްދު ނާއިބުގެ އެއް ނަމަކަށް ޢުމަރު ނާއިބު މި ނަން ވެސް އިހުގެ ލިޔުންތަކުން ފެނެއެވެ. އަދި މި ދަރިކޮޅު ދިރާސާ ކުރައްވާ ބޭފުޅުންގެ ތެރޭގައި "ބޯދާ އަލްގެދަރު ނާއިބު"ގެ ނަމުން ވެސް ޢަބްދު ނާއިބު މަޝްހޫރު ވެފައިވެއެވެ.

މި ސިލްސިލާގައި ލިޔަމުން މިގެންދެވޭ ދަރިކޮޅުތަކުގެ މައުލޫމާތު ނަގައިފައިވާ މަސްދަރުތަކަކީ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ފުވައްމުލަކު މިސްކިތްތަކުގެ ވަނަވަރު ފޮތުން ކުރެއްވި ނަކަލާއި، އައްޑޫމީދޫ ރެކިމަނިކާ ލިޔުއްވި ދަރިކޮޅު ފޮތާއި، ރާއްޖޭގެ އެކި ރަށްރަށުގެ ގަބުރުސްތާނުތަކުގައި ވާ މަހާނަ ގާތަކުގައި ހުރި ލިޔުންތައް ބަލައިގެން ކުރެވިފައި ހުރި ނަކަލުތަކާއި، ފުވައްމުލަކު އަސްރަފީގޭ އައްޝައިޚް އިބްރާހީމް ސަޢީދު މޫސާ ލިޔުއްވައިފައިވާ ދަރިކޮޅުތަކުގެ މައުލޫމާތާއި، ފުވައްމުލަކު ވިދުވަރުގޭ ޢަލިދީދީގެ އަތްޕުޅުން ލިބުނު މައުލޫމާތާއި، މީދޫ އަޙްމަދު ނާޞިޙުއާއި އަޙްމަދު މުޖްތަބާ ފޯރުކޮށް ދެއްވި މަޢުލޫމާތާއި ސ.ހުޅުދޫ އައްޝައިޚް ޢަބްދުލްބާރީ ލިޔުއްވި ދަރިކޮޅު ފޮތުން ލިބުނު މަޢުލޫމާތާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ޝާއިޢު ކުރައްވައިފައިވާ މައުލޫމާތެވެ. މި ނޫން މަސްދަރަކުން ލިބުނު މައުލޫމާތެއް ހިމަނާ ކަމަށް ވަންޏާ އެ މައުލޫމާތެއް ނެގީ ކޮން މަސްދަރަކުން ކަން ބަޔާން ކުރާނަމެވެ.

ދެން މި ބަލައިލަނީ އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ ޞޫރު ޤާދިރީ ކަލޭގެފާނުގެ ޢީސާ ޤާދިރީ ކަލޭގެފާނުގެ ދަރިކަލުން އަލްފަޤީހް އަލްޙާފިޡް އަލްޥަރަޢު ވައްޒާހިދު އައްޝައިޚް އަލްޢާލިމް ޔޫސުފުގެ ޔަޙްޔާ ނާއިބުގެ ދަރިކަނބަލުން ދޮން ޚަދީޖާބޫ ނުވަތަ ދޮން ކައިދާކަނބުލޭގެ ދަރިކޮޅަށެވެ. ޔަޙްޔާ ނާއިބުގެ ދަރިކަނބަލުން ދޮން ޚަދީޖާބޫއާ ކައިވެނި ބެއްލެވީ ފުވައްމުލަކު ހާނެއިގޭ ދޮން ސީދިކަލޭގެ ފުތް ދޮން ޢަލިކަލޭގެއެވެ. މި ދޮން ޢަލިކަލޭގެއަށް ދެގޭ ދޮންޢަލިކަލޭގެއޭ ވެސް ކިޔައެވެ. މި ދެކަނބަލުންގެ ދަރިކަލަކީ މަޙްމޫދު ނާއިބު އެވެ.

ޔަޙްޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަޙްމޫދު ނާއިބުގެ ދަރީންނީ ދޮންބުބޫ އާއި، ދޮންދޮނިޔަ އާއި، ދޮން އާމިނަ އާއި، ދޮން ޢުމަރު ނާއިބު ކަލޭގެފާނު އެވެ. މީގެ އިތުރުން އެހެން އަންހެން ކުއްޖަކު ވެސް ހުރި ކަމަށް ބުނެވެއެވެ. އެހެން ނަމަވެސް މި ކުއްޖެއްގެ ނަމާއި ދަރިކޮޅެއް އެނގޭކަށް ނެތެވެ. ބޮޑަށް ގަބޫލު ކުރެވޭ ގޮތުގައި އެ ކުއްޖަކު ވާނީ ދަރިކޮޅު ނެތި، ޅަ އުމުރުގައި މަރުވި ކުއްޖަކަށެވެ.

ޔަޙްޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަޙްމޫދު ނާއިބުގެ ދޮންބުބޫގެ ދަރީންނީ ދޮން އާމިނަ އާއި، ދޮން މަޙްމޫދު އާއި، ދޮން ފާޠިމާ އާއި، ދޮން ޙަސަން ޚަޠީބު އެވެ. މި ދޮން ޙަސަން ޚަޠީބު ކައިވެނި ކުރީ ކަޅިހާރާއެވެ. ނުވަތަ ކަޅިހާރު ބީފާނާއެވެ. މިއީ އައްޑޫމީދޫ ކަޅިހާރު ދަރިކޮޅުގެ ފެށުމެވެ. ދޮންބުބޫގެ ދޮން ޙަސަން ޚަޠީބު އާއި ކަޅިހާރާއަށް ލިބުނީ ހަތަރު ދަރީންނެވެ. އެއީ ކަޅިހާރު އަބޫބަކުރު ޚަޠީބު (ކަޅިހާރު އަބޫ) އާއި، ކަޅިހާރު ދޮންސިއްތި އާއި، ކަޅިހާރު ދޮންސީދިކަލޭގެ އާއި، ކަޅިހާރު ދޮން ޔޫސުފް ޚަޠީބު އެވެ.

ޔަޙްޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ ދަރިކޮޅުން ކަޅިހާރު ދަރިކޮޅުގެ ފުރަތަމަ ޖީލުގެ ވާހަކަ ބަޔާން ކުރުމަށް ފަހު، ދެން އަނެއްކާ ވެސް މި ބަލައިލަނީ ޔަޙްޔާ ނާއިބުގެ ޔޫސުފް ނާއިބުގެ ދަރީންގެ ދަރިކޮޅުތަކަށެވެ.

ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބު، ހޯދަޑު ދޮންބުޅަލި ކަނބުލޭގެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވި ދޮން އައިހާ ކަނބުލޭގެ ދަރި ދޮން އަދެއްލަ ކާންދަރިކަލޭގެ ދަރިއަކީ ހެނިޔަރު ދޮން ޙަސަން ކަލޭގެއެވެ. ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބު، ހޯދަޑު ދޮންބުޅަލި ކަނބުލޭގެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވި ޢަބްދު ނާއިބުގެ ދަރީން ކުރެ ޔަޙްޔާ ނާއިބު ކަލޭގެފާނުގެ ދަރިޔަކީ ޢުމަރު ފަނޑިޔާރު ކަލޭގެފާނެވެ.

ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބު، ހޯދަޑު ދޮންބުޅަލި ކަނބުލޭގެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވި ޢަބްދު ނާއިބުގެ ދަރީން ކުރެ ދަމަލީ ދޮންބުޅަލި ކަނބުލޯގެ ދަރީންނީ ކޮއިއަރި ދޮން އަޙްމަދު ކަލޭގެއާއި ކަކުނީތަކުރު އާއި ކަޅުދީކާނލެގެއެވެ.

ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބު، ހޯދަޑު ދޮންބުޅަލި ކަނބުލޭގެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވި ޢަބްދު ނާއިބުގެ ދަރީން ކުރެ ބޯދާ އަލްގެދަރި ދޮންބުޅަލި ކަނބުލޭގެ ދަރީންނީ ކޯދޮންބެޔާ އާއި އަލްގެދަރި ދޮން ސީދާއެވެ.

ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބު، ހޯދަޑު ދޮންބުޅަލި ކަނބުލޭގެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވި ދޮން ޙަސަން ޚަޠީބުކަލޭގެ (ހޯދަޑު ކަތީބުކަލޭގެ) ދަރީން ކުރެ މުޙައްމަދު އަޑަފިކަލޭގެ ދަރިޔަކީ އީދިގަލި ދޮން ޢަލިކަލޭގެއެވެ.

އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ ޞޫރު ޤާދިރީ ކަލޭގެފާނުގެ ޢީސާ ޤާދިރީ ކަލޭގެފާނުގެ ދަރިކަލުން އަލްފަޤީހް އަލްޙާފިޡް އަލްޥަރަޢު ވައްޒާހިދު އައްޝައިޚް އަލްޢާލިމް ޔޫސުފުގެ ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބު، ހޯދަޑު ދޮންބުޅަލި ކަނބުލޭގެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވި ދޮން ޙަސަން ޚަޠީބުކަލޭގެ (ހޯދަޑު ކަތީބުކަލޭގެ) ދަރީން ކުރެ ކަނބުރު އަދަރަހަން ކަތީބުގެ ދަރިޔަކީ އުތުވާން ޚަޠީބެވެ. އުތުވާން ޚަޠީބުގެ ދަރިޔަކީ ސީދީނާއިބުކަލޭގެއެވެ. ސީދީނާއިބުކަލޭގެ ދަރިޔަކީ ޢަލީ އަޑަފިކަލޭގެއެވެ. ޢަލީ އަޑަފިކަލޭގެ ދަރިޔަކީ ކޭހަރިތައި ނާއިބުކަލޭގެއެވެ. މިއީ ދިވެހިރާއްޖޭގައި ރަސްކަންކުރި އިސްދޫ ޝާހީ ޚާންދާނުގެ އިސް އެއް ކާފައެވެ.