ކޮވިޑް 19 އާ ގުޅިގެން ބާސެލޯނާއަށް ކުރިމަތިވި އިގުދިސާދީ އަނދަވަޅުން އަރައިގަތުމަށް، ކުޅުންތެރިންގެ މުސާރައިން 110 މިލިއަން އުނިކޮށްފިއެވެ.

މުސާރަ ކުޑަކުރަން ބާސާގެ ކުޅުންތެރިން އެއްބަސްވެފައިވާކަން ސްޕެއިންގެ މީޑިއާތަކުން އިއުލާން ކޮށްފައިވާ އިރު، މުސާރައިގެ އިތުރުން އެހެނިހެން ބޯނަސްތަކުގެ ގޮތުގައި ކުޅުންތެރިންނަށް ދޭން ޖެހޭ 45 މިލިއަން ޕައުންޑް، ތިން އަހަރަށް ބަހާލައިގެން ދޭ ގޮތަށްވެސް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

މިހާތަނަށް 26 ފަހަރު ލަލީގާ ކާމިޔާބުކޮށްފައިވާ ސްޕެއިންގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ބާސާގެ ފައިނޭޝިއަލް ފޯކާސްޓް ދައްކާފައިވާ ގޮތުން، މިއަހަރު ނިމޭއިރު އެ ކްލަބަށް 87 މިލިއަން ޕައުންޑްގެ ގެއްލުމެއް ކުރިމަތިވާނެއެވެ. މިއަހަރު އެކަނި އެ އަދަދަށް ގެއްލުން ވެއްޖެނަމަ، ބާސާގެ ދަރަނި 438 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މާޗު މަހުގެ ތެރޭގައި ކުޅުންތެރިންގެ 70 ޕަސެންޓް މުސާރަ އުނިކުރަން އެއްބަސްވެފައިވާ އިރު، އެ ކްލަބުން މިއަދު ބުނެފައިވަނީ ކްލަބުގެ އިގުތިސާދީ ހާލަތަށް ބަލާއިރު، މި ހާލަތުގައި މުސާރަ ކުޑަކުރަން ކުޅުންތެރިން އެއްބަސްވުމަކީ ކްލަބަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިދިޔަ ސީޒަނަށްފަހު ބާސާއަށް ކްލަބު ތެރޭގެ ގިނަ މައްސަލަތަކެއް ދިމާވެފައިިވެއެވެ. ކްލަބުގެ އެންމެ މުހިއްމު އެއް އެސެޓް، ކްލަބުގެ ކެޕްޓަން ލިއޮނަލް މެސީ ކްލަބު ދޫކޮށްލަން އެދިފައިވާ އިރު، އޭނާ މައްސަލަ ޖެހުނީ އޭރު އޮތް ބޯޑާއެވެ. މިހާރު ބޯޑު އިސްތިއުފާ ދީފައިވާ އިރު، އަންނަ އަހަރުގެ ތެރޭގައި ކްލަބުގެ ރަސްމީ އިންތިހާބު ބާއްވާނެއެވެ.