ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމައަށް އެހީތެރިވުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ފަސް ކޮމްޕިއުޓާ ސިސްޓަމް ހަދިޔާކޮށްފި އެވެ.

މި ސިސްޓަމްތަކަކީ ހިޔާގައި ތިބޭ ކުދިން އޮންލައިންކޮށް ތައުލީމު ހޯދުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހަދިޔާ ކުރި ކޮމްޕިއުޓަރުތަކެކެވެ.

އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ބީއެމްއެލްގެ އުންމީދަކީ އެ ބޭންކުން ހަދިޔާކުރި ކޮމްޕިއުޓަރު ސިސްޓަމްތަކުގެ ސަަބަބުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އޮންލައިން ކުލާސްތައް ކުރިއަށް ގެންދިއުމުގައި އިތުރު އެހީއަކަށްވެ އެކުދިންގެ ހުނަރު އިތުރަށް ތަރައްގީވުން ކަމަށެވެ.

"ކުޑަކުދިންގެ ހިޔާއަށް މި ތަކެތި ހަދިޔާކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކޮމްޕިއުޓަރުތައް ހަދިޔާ ކުރެވިފައި މިވަނީ ކޮވިޑް-19ގެ ސަބަބުން ސްކޫލްތަކުން ފިލާވަޅުތައް ދިނުން އޮންލައިކޮށް ބަދަލު ކުރުމާއި ގުޅިގެން ހިޔާގައި ތައުލީމު ހާސިލް ކުރަމުންދާ ކުދިންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން،" ސައީދު ވިދާޅުވި އެވެ.

މިއަހަރު ކުރީކޮޅު ބީއެމްއެލުން ވަނީ ރާއްޖޭގެ ދިހަ ރަށެއްގައި ހިންގާ ސްކޫލުތަކުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ވެސް ފޯރުކޮށްދީފަ އެވެ.

ތައުލީމީ ދާއިރާއަކީ ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ދާއިރާއެވެ. އެހެންކަމުން އެ ބޭންކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާތަކާއި ސްކޫލުތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.