އެފްއޭއެމް

ފުޓުބޯޅައިގެ ތެރެއިން އިންގިލާބީ ބަދަލަކަށް އަމާޒުކޮށް، އެފްއޭއެމްގެ ފައުންޑޭޝަން އިފްތިތާހުކޮށްފި

އޭއެފްސީއާއި އެފްއޭމް ގުޅިގެން ކުރިއަށްގެންދާ ކޯޕަރޭޓް ސޯޝިއަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމެއް ކަމަށްވާ އެފްއޭއެމް ފައުންޑޭޝަން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެފްއޭއެމްއިން ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ހާއްސަ ހަފްލާގައި އެފްއޭއެމްގެ ފައުންޑޭޝަން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހުލޫފެވެ. އެފްއޭއެމްގެ ފައުންޑޭޝަނަކީ އޭއެފްސީ ޑްރީމް އޭޝިއާ ފައުންޑޭޝަންގެ ސަޕޯޓާއެކު ކުރިއަށްގެންދާނެ ބޮޑު ހަރަކާތެކެވެ.

އެފްއޭއެމްއިން މިއަދު އިފްތިތާހުކުރި ހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކިއެކި އަތޮޅުތަކުންނާއި ރަށްތަކުގައި ފުޓުބޯޅައިގެ ތެރެއިން ޒުވާނުންނާއި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ހިންގޭނެވެ. ގުޑްވިލް އެމްބެސަޑަރުންގެ ޑްރީމް ޓީމަކާއެކު ހިންގޭ އެ ހަރަކާތްތަކުގެ ބޭނުމަކީ ފުޓުބޯޅަ ބޭނުންކޮށްގެން، މުޖުތަމައަށް ހަރުދަނާ ޒުވާން ޖީލެއް ނެރެ، ކުދިންގެ މުސްތަގުބަލު ބަދަލުކޮށްލުމަށް އެހީތެރިވުމެވެ. ފައުންޑޭޝަންގެ މައިގަނޑު ފޯކަސް މިހާރު އަމާޒުވެފައިވާ ދެ ޕްރޮޖެކްޓަކީ "ޕްލޭ އިޓް ފޯވަޑް"އާއި "ޕިޗް ފޯ އިންކްލޫޝަން"އެވެ.

މިއަދުގެ ހަފްލާގައި ފައުންޑޭޝަންގެ ގުޑްވިލް އެމްބެސްޑަރުންގެ ގޮތުގައި ހަމަޖައްސާފައިވާ އައްސަދު އަބްދުލްޣަނީ، ފަދުވާ ޒާހިރު، ލައިޝާ ޖުނައިދު، މަރިޔަމް މިރުފަތު، އަލީ އަޝްފާގުގެ އިތުރުން އީތަން އިބްރާހީމް ޒަކީ އަދި ޝާހް އިސްމާއީލަށް ޕެނެންޓް ހަވާލުކޮށްފައިވެއެވެ. އެފްއޭއެމްގެ ފަރާތުން ޕެނެންޓް ހަވާލު ކޮށްދެއްވީ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) އެވެ.

އޭގެ އިތުރުން ހަފްލާގައި އެފްއޭއެމް ފައުންޑޭޝަންގެ ޕާޓުނަރުންވެސް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން އެޑޮވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)ގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއާއެކު ވެސް އެފްއޭއެމްއިން ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއަދުގެ ހަފްލާގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ފުޓުބޯޅައަކީ ހަމައެކަނި ފައިން ބޯޅަ ޖަހައިލުން ނޫން ކަމަށާއި ފައުންޑޭޝަންގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހަރުދަނާ ޒުވާނުންތަކެއް ފުޓުބޯޅައިގެ ތެރެއިން ނެރުން ކަމަށެވެ.

"އެފްއޭއެމްގެ ފައުންޑޭޝަން ވެގެންދާނީ ދިވެހި ޒުވާނުންނާއި، އެހެނިހެންވެސް އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ލައިފް ޗޭންޖު ކޮށްދޭނެ ފައުންޑޭޝަނަކަށް. ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން. ފުޓުބޯޅައަކީ ވަރަށް ވަރުގަދަ އިންސްޓިޓިއުޝަނެއް، މުޖުތަމައެއް، ޒުވާނުންތަކެއް ބިނާކުރާ އިންސްޓިޓިއުޝަނެއް. ފޮތަކުން ކިޔަވާތަން ނުފެނުނަސް، ދަނޑުތަކުން އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިން ވަރަށް ގިނަގުނަ ފިލާވަޅުތަކެއް ދަސްކުރަމުންދޭ،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ފުޓުބޯޅައިގެ ތެރެއިން ޒުވާން ޖީލުތަކަށް އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާ ކަމަށާއި ދިރިއުޅުމަށް ފުޓުބޯޅަ ގިނަ ކަންތައްތަކެއް ދަސްކޮށްދޭ ކަމަށެވެ. އޭގެ އިތުރުން ބައްސާމް ފާހަގަކުރެއްވީ އެފްއޭއެމްގެ ފައުންޑޭޝަނަށް އޭއެފްސީއާއި ފީފާގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށެވެ.

މިއަދުގެ ހަފްލާގައި އެފްއޭއެމްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއާއި އައިޖީއެމްއެޗަށް ކޮވިޑް 19 އާ ގުޅޭ ވަސީލަތްތައް އެހީގެ ގޮތުގައި ފޯރުކޮށްދީފައިވެއެވެ. ޑުބާއީގެ އެފްއޭއާއި އިތުރު ބައެއް ގައުމުތަކުގެ އެފްއޭގެ އެހީތެރިކަމާއެކު އެފްއޭއެމްއިން މިއަދު ވަނީ 200 ޕީސީއާރު ކިޓާއި، 20،000 އަންގި، 5000 ފުޅި ސެނެޓައިޒާގެ އިތުރުން 20،000 ފޭސްމާސްކާއި ޕީޕީއީ ކިޓްވެސް އައިިޖީއެމްއެޗާއި އެޑިއުކޭޝަން މިނިސްޓްރީއަށް ހަވާލުކޮށްފައެވެ.

ރާއްޖޭގެ ކުޅުންތެރިޔަކު ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް 100 މެޗު ކުޅެދިންކަން ފާހަގަކޮށް، ފީފާ ސެންޗަރީ ކްލަބުން އަރުވާފައިވާ ހާއްސަ ހަނދާނީ ފިލައެއް ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ)އަށް މިއަދުގެ ހަފްލާގައި ވަނީ އަރުވައިފައެވެ.