ޚަބަރު

ހަތަރު މައިންނަށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދަށް

އަންހެނަކާއި އޭނާގެ ތިން ދަރިންނަށް އަނިޔާކޮށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަދި އަނެއް މީހާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން 39 އަހަރުގެ ފިރިހަނަކާއި 24 އަހަރުގެ ފިރިހެނެއް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 24 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށާއި އަދި 39 މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ފުލުހުން ބުނީ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެއީ ސީރިއަސް މައްސަލަތަކެއް ކަމަށާއި އެފަދަ މައްސަލަތަކުގައި ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލައެއްގެ މައުލޫމާތު ލިބިފައިވާނަމަ ހިއްސާކުރަން ވެސް ފުލުހުން ވަނީ އެދިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައަކީ ރުގްޔާ ކުރުމުގެ ނަމުގައި ފިރިހެނަކު އޭނާގެ އަންހެނުންނާއި ތިން ދަރިން ގޭގައި ރަހީނުކޮށް، ތިން މަސް ދުވަސް ވަންދެން އަނިޔާދިން މައްސަލައެކެވެ. އެގޮތުން އަންހެން މީހާ އާއި އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ޖިންނި އަވަލާފައިވާ ކަމަށްބުނެ، އެކި ފަހަރު މަތިން ވަނީ އަނިޔާދީފައެވެ. އަދި ހަތް އަހަރުގެ ކުއްޖާއަށް ވަނީ އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އާއިލާއާއެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.