މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓުގާޑުގެ އުޅަނދު "ހުރަވީ" މަރާމާތުކުރުމަށް އިންޑިއާ އިން ހަތަރު މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ ހުރަވީގެ މަރާމާތަށް ރާއްޖެއަށް ހަތަރު މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށާއި މި ދަތި އުނދަގޫ ވަގުތުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.
އިންޑިއާގެ އެ އެހީއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އެގައުމަށް ޝުކުރު އަދާކުރައްވައިފައެވެ. ރާއްޖޭގެ 99.78 އިންސައްތައަކީ ކަނޑުކަން ފާހަގަކުރައްވައި، މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަލާމަތީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކޯސްޓުގާޑުގެ އުޅަނދުތައް ވަރަށް މުހިންމު ކަމަށާއި ކޮވިޑުގެ މި އުނދަގޫ ދަނޑިވަޅުގައި ވެސް އިންޑިއާ އިން ފޯރުކޮށްދިނީ ބޮޑު އެހީތެރިކަމެއް ކަމަށެވެ.
ހުރަވީ މަރާމާތުކުރުމަށްފަހު އިންޑިއާގެ ނޭވީ އިން ވަނީ އިއްޔެ އެ އުޅަނދު ކޯސްޓްގާޑާ ހަވާލުކޮށްފައެވެ. އެ އުޅަނދު މަރާމާރުކުރުމަށް ނުވަ މަސް ދުވަހުގެ މުއްދަތެއް ހޭދަވި އިރު، އެ އުޅަނދު މަރާމާތުކޮށްފައިވަނީ އިންޑިއާގެ ވިޝަކަޕަޓްނަމް ނޭވެލް ޑޮކްޔާޑުގައި ބާއްވައިގެންނެވެ.
ކޯސްޓްގާޑުގެ އުޅަނދު ހުރަވީއަކީ އިންޑިއާ އިން ރާއްޖެއަށް 2006 ވަނަ އަހަރު ހަދިޔާކޮށްފައިވާ އުޅަނދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު