މިއަދު ލޯންޗްކުރަން ނިންމާފައިވާ އެފްއޭއެމް ފައުންޑޭޝަންގެ ގުޑްވިލް އެމްބެސަޑަރުންގެ ގޮތުގައި ގައުމީ ޓީމާއެކު 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ރަން މެޑަލް އަޅާލި ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި ކުރީގެ އެއް ވަނަ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) ހަމަޖައްސައިފިއެވެ.

އެއްބަސްވުމުގައި ސޮއިކޮށް، ފައުންޑޭޝަންގެ އެކިއެކި ހަރަކާތްތަކުގައި އެމްބެސަޑަރުން ހަރަކާތްތެރިވާނެ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. ފައުންޑޭޝަންގެ މައިގަނޑު މަސައްކަތަކީ އެކިއެކި ގައުމުތަކާއެކު ފުޓުބޯޅަ ޑެވަލޮޕްމަންޓްގެ ކަންކަން ހިންގުމެވެ. ވަކިން ހާއްސަކޮށް މުޅި ރާއްޖެއަށް އެ ހަރަކާތް ފުޅާވެގެން ދާނެއެވެ.

އައްސަދު ކުޅުން ހުއްޓާލުމަށް ފަހު އެފްއޭއެމްގެ އިތުރުން ކްލަބުތަކުގައި ވެސް ވަނީ ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައެވެ. ނ. މާފަރަށް އުފަން އައްސަދު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަންވެސް ކޮށްފައިވާ އިރު، އޭނާ ވަނީ ދެވަނަ ޑިވިޝަނުގެ ކްލަބުތަކުގެ ކޯޗެއްގެ ގޮތުގައިވެސް ފެނިފައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް ފުރާފައިވާ ޝާހަކީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭގެ ފަހުން ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް ދާއިރާގައި ވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާ ޝާހު ވަނީ މިދިޔަ ސަރުކާރުގައި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާކުރެއްވައިފައެވެ.

ޝާހު ވިދާޅުވީ އެފްއޭއެމްގެ ފައުންޑޭޝަންގެ އެމްބެސަޑަރެއްގެ ގޮތުގައި މަސައްކަތްކުރަން ލިބިގެންދިޔަ މި ފުރުސަތުގެ ބޭނުން ވީ އެންމެ ރަނގަޅަށް ހިފަން ބޭނުންވާ ކަމަށެވެ. އޭނާއަށް ފުޓްބޯޅައިން ވަރަށް ގިނަ ކަންތައްތަކެއް ހާސިލުކުރެވިފައިވާ އިރު، އޭގެ ބަދަލުގައި ފުޓްބޯޅައަށް ހިދުމަތްކޮށްދޭން ލިބޭ މިފަދަ ކޮންމެ ފުރުސަތެއްގައި ފުޓްބޯޅައިގެ ކުރިމަގަށް މުހިއްމު ކަންތައްތަކެއް ކޮށްދޭން މަސައްކަތްކުރާނެ ކަމަށް ޝާހު ވިދާޅުވިއެވެ.