ޓްރެވެލް ލެޝާ އިންޑިއާސް ބެސްޓް އެވޯޑްސް 2020 ގައި ރާއްޖެއަށް "ބެސްޓް ހަނީމޫން ޑެސްޓިނޭޝަން" އެވޯޑާއި ޗައިނާގެ އެންމެ ކުރިއަރަމުން އަންނަ ޓްރަވަލް އެޖެންސީއެއް ކަމަށްވާ ފްލިގީގެ "ބެސްޓް ޕާޓްނާ އޮފް 2020" އެވޯޑް ލިބިއްޖެއެވެ.
ޓްރެވެލް ޕްލަސް ލެޝާ އަކީ ލަގްޒަރީ ޓްރެވަލް އެންޑް ލައިފް ސްޓައިލް މެގަޒިންއެކެވެ. އިންޑިއާގެ މި ޕަބްލިކޭޝަންގެ ފަރާތުން ދެވޭ "ޓްރެވެލް ޕްލަސް ލެޝާ އިންޑިއާސް ބެސްޓް އެވޯޑްސް 2020 "އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދެވޭ އެވޯޑެކެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އެވޯޑުގެ ހައްގުވެރިން ހޮވާލާފައިވަނީ މެގަޒިންގެ ކިޔުންތެރިންގެ މެދުގައި ނެގުނު އޮންލައިން ވޯޓަކުންނެވެ.
"ބެސްޓް ހަނީމޫން ޑެސްޓިނޭޝަން" އެވޯޑުގެ އިތުރުން މިމަހު ބޭއްވުނު ފްލިގީގެ އަހަރީ އެވޯޑް ހަފުލާގައި ރާއްޖެއަށް "ބެސްޓް ޕާޓްނާ އޮފް 2020 "އާއި "ގޯލްޑަން ފްލިގީ އެވޯޑް" ވެސް ވަނީ ލިބިފައެވެ.
ފްލިގީ އަކީ ޗައިނާ މާކެޓުގައި ކުރިއަރަމުން އަންނަ އޮންލައިން ޓްރަވަލް އެޖެންޓެކެވެ. އެގޮތުން ޗައިނާގެ 200 މިލިއަނެއްހާ މީހުން ޓްރެވެލް ބުކިން ހެދުމަށް މި ޕްލެޓްފޯމް ބޭނުންކުރާ ކަމަށާއި ޗައިނާގައި ކުލަގަދަކޮށް ފާހަގަކުރެވޭ ޑަބަލް 11 ފެސްޓިވަލުގައި މިއަހަރު ރާއްޖެއިން ފްލިގީއާ ގުޅިގެން ޕްރޮމޯޝަނަލް ކެންޕޭނެއްވެސް ހިންގާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މައުލޫމާތުދެއެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި އިންޑިއާ ވަނީ ހިމެނިފައެވެ. ފަތުރުވެރިން އައުން އިތުރުކޮށް މާކެޓް އިތުރަށް ވަރުގަދަކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް އިން އަންނަނީ ތަފާތު މާކެޓިން ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި ރޭޑިއޯ ކެމްޕެއިން، ފެމެލިއަރައިޒޭޝަން ޓްރިޕްސް އަދި ތަފާތު ވާޗުއަލް އިވެންޓުތަކުގައި ބައިވެރިވުން ހިމެނެއެވެ.
ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުން އައި އެއް މާކެޓެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ޗައިނާގެ ފަތުރުވެރިންނަށް ބަންދުކުރުމުގެ ކުރިން މިއަހަރުގެ ޖެނުއަރީ މަހު އެގައުމުން 74،431 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 23 އިންސައްތައިގެ ކުރިއެރުމެކެވެ. ވިޒިޓް މޯލްޑިވްސް އިން އަންނަނީ ޗައިނާގައި ތަފާތު މާކެޓިން ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. މީގެ ތެރޭގައި "ވެއިބޯ" އަދި "ވީޗެޓް" ގައި ކުރިއަށްގެންދާ ކެންޕެއިނާއި އޮންލައިން ރޯޑްޝޯ ކުރިއަށްގެންދިއުމާއި އައުޓްޑޯ ކެމްޕެއިންތައް ވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީން ބުނީ ފުތުރުވެރިކަމުގެ ދާއިރާއިން މި ލިބުނު ކާމިޔާބީތަކުގެ ސަބަބުން ރާއްޖެ އިތުރަށް އިޝްތިހާރުވެ، ފަތުރުވެރިން ރާއްޖެއާ މެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމަށާއި މި ދަނޑިވަޅުގައި މިފަދަ އެވޯޑުތައް ހާސިލުވުމަކީ ރާއްޖެއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު