އަސްކަރީ ގާބިލުކަން އިތުރުކުރަން ޖެހެނީ ސުލްހަ ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައިލުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ރާއްޖޭގެ ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެެ.
އެމްއެންޑީއެފްގެ 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ގޮތުން މިއަދު ހެނދުނު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އަސްކަރިއްޔާއެއް އޮތުމުގެ ހަގީގީ ބޭނުމަކީ ހަނގުރާމަތަކާއި ލޭ އޮހޮރުވުންތަކުން ދުރުވެ، ސުލްހަ ގާއިމުކުރުމާއި އަމާންކަން ދެމެހެއްޓުން ކަމަށެވެ.
"ތިޔަބޭފުޅުންގެ ތަމްރީނުތަކުގައި ހަތިޔާރު ބޭނުން ކުރާނެ ގޮތް ދަސްކުރި އިރު، ސިފައިންގެ ވާޖިބަކީ ހަނގުރާމަ ކުރުމޭ ހިތަށް އެރުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް އަސްކަރިއްޔާއެއް އޮތުމުގެ ހަގީގީ ބޭނުމަކީ ހަނގުރާމަތަކާއި ލޭ އޮހޮރުވުންތަކުން ދުރުވެ، ސުލްހަ ގާއިމުކުރުމާއި އަމާންކަން ދެމެހެއްޓުން. އަސްކަރީ ގާބިލުކަން އިތުރުކުރަން ޖެހެނީ ސުލްހަ ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައިލުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.
މިއަދުގެ އެންމެ ބޮޑު ގޮންޖެހުމަކީ ތަފާތު ބާވަތްތަކުގެ ޓެރަރިޒަމްގެ އަމަލުތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބައިނަލްއަގްވާމީ ސުލްހަޔަށް ވެސް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ޓެރަރިޒަމް ކަމަށެވެ. އަދި ސިފައިން ހާސިލު ކުރި އިލްމާއި ހޯދި ތަމްރީނަކީ ޓެރަރިޒަމް ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ސުލްހަވެރި މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކުރާނެ އިލްމާއި ތަމްރީނު ތަކެއްކަން ޔަގީންކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސފައިންގެ ތަމްރީނުތަކަކީ ވަރުގަދަ ބިންގަލެއްގެ މަތީގައި ސާބިތުވެ ތިބެ، ރާއްޖެ ދިފާއު ކުރުމަށް ބޭނުންވާ، ޖިސްމާނީ އަދި ނަފްސާނީ ގާބިލު ކަމާއި ހުނަރުވެރި ކަމާއި ސިފަވަންތަ ސިފަތައް ހާސިލު ކުރުމުގެ ތަމްރީނުތައް ކަމަށެވެ.
އޭގެ ތެރެއިން ވެސް އެންމެ މުހިންމު ދެ ސިފަޔަކީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށާއި ކުރި ހުވަޔާ އެއްގޮތަށް ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތް ކުރުމުގެ ރޫހު އުފެދޭނީ އެ ދެ ސިފަ ހުރެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އިސްލާމް ދީނާއި ގައުމުގެ ހައްގުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވާން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނީ ވެސް އެ ދެ ސިފަ ހުރެގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު