ސިފައިންގެ ތެދުވެރި ހިދުމަތަކީ ރަންރިއްސާއި ޖަވާހިރާއި މުދަލުން އަގު ކުރެވޭނެ އެއްޗެއް ނޫން ކަމަށް ރައީސުލްޖުމްހޫރިޔާ އަދި ދިވެހި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށް ސިފައިންގެ ހިދުމަތާއި އަލަށް ގުޅުނު ސިފައިންނަށް ބަޑިހަވާލު ކުރުމާއި ހުވާ ކުރުމަށް ޅ. ޅ. މާފިލާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސިފައިންގެ މީހެއްގެ ގޮތުގައި ގައުމަށް ކޮށްދޭ ތެދުވެރި ހިދުމަތަކީ ރަންރިއްސާއި ޖަވާހިރުން ނުވަތަ ފައިސާ އާއި މުދަލުން އަގުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.
އަދި ސިފައިންގެ ހިދުމަތުގައި، ދީނާއި ގައުމަށްޓަކައި ގުރުބާންވެގެންދާ މުޖާހިދުންގެ ހިދުމަތަކީ މި ދުނިޔެމަތީގައި އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާމަތިވެރި އަދި އެހާމެ މާތް ހިދުމަތެއް ކަމަށް ވިދާޅުވި އެވެ.
"އެފަދަ ގައުމީ ބަތަލުންގެ ޒިކުރާ އާކުރެވޭ ކޮންމެ ފަހަރަކު ވެސް، އަޅުގަނޑުމެންގެ ހިތްތަކަށް ލިބޭ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމަކީ މި ރާއްޖޭގެ ދިފާއުގައި، ދިވެހި ދަރިންގެ ހައްގުގައި، ހަށިގަނޑާއި ފުރާނައިން ގުރުބާންވާން ތައްޔާރަށް އޮތް، ގާބިލް އަސްކަރީ ފައުޖެއް، މިއަދު ވެސް މި ރާއްޖޭގައި ގާއިމުވެފައި އޮތުމުގެ ހިތްހަމަޖެހުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ސިފައިންގެ ހިދުމަތަކީ އަސްކަރީ ހިދުމަތަކަށް ވިޔަސް، މަދަނީ އަދި އިޖްތިމާއީ ވަރަށް ގިނަ ވާޖިބުތަކެއް ވެސް ސިފައިންގެ ހިދުމަތާ ލާމެހިފައިވާކަން ހަނދާން ކުރަންޖެހޭ ކަމަށެވެ.
އެގޮތުން އުދައެރުމާއި އަލިފާނުގެ ހާދިސާތަކާއި ވާރޭވެހި ފެންބޮޑުވުމާއި ކަނޑުމަތީގެ ހާދިސާތަކުގައި ވިޔަސް، އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއްބަޔަކީ ދިވެހި ސިފައިން ކަމަށާއި ދިވެހި މަސްކަނޑުތައް ހިމާޔަތް ކުރުމުގައި ވެސް، ދިވެހި ސިފައިން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ، ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްޔިތުން ރައްކާތެރި ކުރުމުގައި ވެސް، އެންމެ ކުރީ ސަފުގައި ވަރަށް ގިނަ އަދަދެއްގެ ސިފައިން އެބަ މަސައްކަތް ކުރޭ. ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި ކަރަންޓީނު ފެސިލިޓީތައް ބެލެހެއްޓުމާއި ސިއްހީ ހިދުމަތްދޭނެ ވަގުތީ ތަންތަން އިމާރާތް ކުރުމުގައި ވެސް، ސިފައިން އެ އަދާކުރަނީ ވަރަށް މުހިންމު ގައުމީ ހިދުމަތެއް،" ރައީސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު