ކުޅިވަރު

އަމިއްލަ ދަނޑުގައި އެޓަލާންޓާ އަތްދަށުވެ، ލިވަޕޫލް ފުރުސަތު ނަގާލައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި އެޓަލާންޓާ އަތުން ބަލިވެ، ގަދަ 16 އަށް ދިޔުމަށް އޮތް ފަހި ފުރުސަތު ނަގާލައިފިއެވެ.

އެންފީލްޑުގައި ރޭ ކުޅުނު މެޗުން އެޓަލާންޓާ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ، ގުރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮށްވައި ލިވަޕޫލަށް ކޮލިފިކޭޝަން ޔަގީން ކުރުމުގެ ފުރުސަތު އޮތެވެ. ރޭގެ ބައްޔާއެކު ދެން އޮތް ދެ މެޗުން މޮޅެއް ހޯދަން ލިވަޕޫލަށް މަޖުބޫރުވާނެ އެވެ.

ރޭގެ މެޗަށް ލިވަޕޫލް ނުކުތީ ފުރަތަމަ 11 އަށް ބޮޑެތި ބަދަލުތަކަކާ އެކުގައެވެ. އަނިޔާތައް އެތައް މައްސަލައެއް ދިމާވެފައިވާ ލިވަޕޫލަށް ގިނަ ބަދަލުތަކަކަށް މަޖުބޫރުވެ، ރޭގެ މެޗަށް ނުކުތް ފުރަތަމަ 11ގައި ޒުވާން ސެންޓާ ބެކް ރީސް ވިލިއަމްސްގެ އިތުރުން އަރިމަތިން ކުޅޭ 19 އަހަރުގެ ނެކޯ ވިލިއަމްސް އާއި މި ސީޒަނަށް ކްލަބަށް ގެންދިޔަ ސިމިކަސް ވެސް ހިމަނާފައިވެ އެވެ. އޭގެ އިތުރުން ފަބީނިއޯ އާއި ފިރްމީނޯ ވެސް ރޭގެ މެޗު ފަށައިފައެއް ނުވެ އެވެ.

ލިވަޕޫލްގެ ފަރާތުން އެކަށީގެންވާ އެޓޭކެއް ފެނިގެން ގޮސްފައިނުވާއިރު، ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. އެޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ ކޮވިޑް-19 އިން ރަނގަޅުވެ ރޭގެ މެޗަށް ނުކުތް، މިސްރުގެ ތަރި މުހައްމަދު ސަލާހަށެވެ. އޭނާއަށް ފުރަތަމަ ހާފުގައި ލިބުނު ފުރުސަތު ދިޔައީ ބޭކާރު ވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓް ތެރޭގައި އެޓަލާންޓާއިން ދެ ގޯލް ޖެހި އެވެ. ޖޯސިފް އިލިސިކާއި ރޮބިން ގޮސެންސްގެ ގޯލްތަކުން އެޓަލާންޓާ ދެ ގޯލުގެ ލީޑެއް ނަގާފައިވާއިރު، ދެވަނަ ހާފް އެއްކޮށް ޑޮމިނޭޓްކޮށް ކުޅުނީ އެޓަލާންޓާއިންނެވެ.

މެޗުގެ ފަހު ހާފުގައި ނަތީޖާ އަނބުރާލުމަށް ޔާގަން ކްލޮޕް ހަތަރު ބަދަލެއް ކުރި ނަމަވެސް ނަތީޖާ އަނބުރާ ލެވޭ ގޮތެއް ނުވި އެވެ. ރޭގެ ބައްޔަކީ 2018 ވަނަ އަހަރު ސެޕްޓެންބަރު މަހަށްފަހު ލިވަޕޫލް ހޯމް މެޗެއްގައި ބަލިވި ފުރަތަމަ ފަހަރެވެ.

ގްރޫޕް ޑީގެ އެއްވަނައިގައި އަދިވެސް ލިވަޕޫލް އޮތްއިރު، ގަދަ 16 އަށް ދިޔުމަށް އަދި އެއް މޮޅު ބޭނުންވެ އެވެ. ދެވަނައިގައި އަޔެކްސް އޮތްއިރު، ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓަލާންޓާއަށް ވަނީ އުންމީދު އާވެފައެވެ.